ވަގަށް ނަގާފައިވާ ވަޅޯ މަސް ބަސްތާއަކާއި ބޮޑު ޔޭޔޭ ކޮފީ ޕެކެޓުތަކެއްގެ ވެރިފަރާތް ހޯދުމަށް މިއަދު އިއުލާންކޮށްފި އެވެ.
ފުލުހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ވަގަށް ނަގާފައިވާ ބައެއް ތަކެއްޗާއި މަގުމަތިން ހޮވާފައިވާ ވެރިއަކު ނޭނގޭ ބައެއް ތަކެތި އެ އިދާރާގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށެވެ.
"މި ތަކެއްޗަކީ ހޮވައިގެންގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ،" އެ އިއުލާނުގައިވެ އެވެ.
އެގޮތުން އަށް އިންސިޑެންޓަކުން ހޯދާފައިވާ ނުވަ އެއްޗެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ވަޅޯ ބަސްތާ އާއި ކޮފީ ޕެކެޓުތަކުގެ އިތުރުން މަކީޓާ ކަރަންޓު ބުރުމާއަކާއި ބޮލިވާ މެޝިނަކާއި ސީސީޓީވީ ކެމެރާއަކާއި ފިޝް ފައިންޑާ ސެޓަކާއި ބައިސްކަލަކާއި ބަގީ ގުރައަކާއި ހަތަރު ލަވް ބާޑެވެ.
ފުލުހުންގެ އިއުލާނުގައި އެދިފައި ވަނީ އެ ތަކެތީގެ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ފޯނު ނަންބަރު 9631696 އަށް ގުޅުމަށެވެ.












