ލަންޑަން (ސެޕްޓެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ލިވަޕޫލާއި ޗެލްސީ އެއްވަރުވި މެޗުގައި ހިނގާދިޔަ ކަންތައްތައްތަކެއް ރެފްރީންގެ ރިޕޯޓުން ފާހަގަވުމުން ޗެލްސީގެ މައްސަލަތަކެއް ބަލަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި 1-1 އިން ޗެލްސީއާ އެއްވަރުވި މެޗާ ގުޅޭގޮތުން އިނގިރޭސި އެފްއޭ އިން ބަލަން ނިންމީ ޗެލްސީގެ ދެ މައްސަލައެކެވެ. އެއީ ފުރަތަމަ ހާފުގެ ފަހުކޮޅުގައި ޗެލްސީގެ ރީސް ޖޭމްސް އަށް ރަތް ކާޑެއް ދެއްކުމުން ހިނގާދިޔަ ކަންތައްތަކާއި ފުރަތަމަ ހާފް ނިމުމުން ދަނޑުމަތީގައި ކުރިއަށްދިޔަ ބައެއް ކަންތައްތަކުގެ މައްސަލަ އެވެ.
އިނގިރޭސި އެފްއޭ އިން ވަނީ މި ދެ މައްސަލައާ ބެހޭގޮތުން ޖަވާބުދާރީވާން ޗެލްސީ އަށް މާދަމާގެ ނިޔަލަށް މުހުލަތެއް ދީފަ އެވެ.
ޗެލްސީން ހިތްހަމަ ނުޖެހުނު އެންމެ ބޮޑު ކަމަކީ މެޗުގެ ރެފްރީ އެންތަނީ ޓޭލާގެ ނިންމުންތައް އެ ޓީމާ ދެކޮޅަށް ހުރިކަމަށް ބުނެ އެވެ. އެ ގޮތުން ލިވަޕޫލްގެ ފަބީނިއޯ އާއި މުހައްމަދު ސަލާހަށް ރީނދޫ ކާޑު ނުދެއްކުމާއި ޗެލްސީ ޖޭމްސް އަށް ދެއްކި ރަތް ކާޑާ މެދު ޗެލްސީން ވަރަށް ނުރުހުންވި އެވެ.
މެޗުގައި ޗެލްސީ ލީޑުގައި އޮއްވައި ލިވަޕޫލުން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޭމްސް އަށް ދެެއްކި ރަތް ކާޑަށް ފަހު ސަލާހް ކާމިޔާބުކުރި ޕެނަލްޓީންނެވެ.
ލިވަޕޫލްގެ ޑިއޯގޯ ޖޮޓާ ކުޅެން އެރިތާ މާގިނައިރެއް ނުވެ އޭނާ ހޯދި ކޯނަރަކުން އެންޑީ ރޮބަޓްސަން ނެގި ބޯޅަ އޭރިއާތެރެއިން ޗެލްސީ ކުޅުންތެރިންނަށް ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ލިވަޕޫލްގެ ސަޑިއޯ މާނޭ ފޮނުވާލުމުން ޗެލްސީގެ ޖޭމްސް ގައިގައި ޖެހިފައި ވަނީ އަތުގައި ޖެހިފަ އެވެ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ނިންމީ ޕެނަލްޓީއެއް ދިނުމުގެ އިތުރުން ޖޭމްސް އަށް ރަތް ކާޑު ދައްކާށެވެ. އެ ނިންމުމާ ދެކޮޅަށް ޗެލްސީ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދ އެކަން ފުރަތަމަ ހާފް ނިމުމުން ވެސް ތަކުރާރުކުރި އެވެ.
ޗެލްސީގެ ސަޕޯޓަރުން އަންނަނީ އެ ކްލަބްގެ މެޗުތަކުގައި ރެފްރީ ޓޭލާ ބޭނުން ނުކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެއީ ފާއިތުވި އަހަރުތަކުގައި ޓޭލާ އިންސާފުކުރި ގިނަ މެޗުތަކެއްގައި ނިންމުންތައް ހުރީ ޗެލްސީއާ ދެކޮޅަށް ކަމަށް ބުނެ އެވެ.












