މެންޗެސްޓާ (އޮގަސްޓް 31) - ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 13 އަހަރު ފަހުން އަލުން މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު އެ ޓީމުގައި ހުރެ އަނެއްކާ ވެސް ތާރީހުގައި ލިޔެވޭފަދަ ކާމިޔާބީތަކެއް ހޯދަން ބޭނުންވާ ކަމަށް ބުނެފި އެވެ.
ޔުވެންޓަސް ދޫކޮށްލުމަށް ފަހު ޔުނައިޓެޑާ ގުޅެން ރޮނާލްޑޯ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. ޕޯޗުގަލްގެ ލިޒްބަންގައި ހުރެ މެޑިކަލް ޓެސްޓްތައް ހެދުމަށް ފަހު ރޮނާލްޑޯ ވަނީ މިހާރު ޔުނައިޓެޑާ އެކު ކޮންޓްރެކްޓްގައި ވެސް ސޮއިކޮށްފަ އެެވެ.
ޔުނައިޓެޑާ އެކު ރޮނާލްޑޯ ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އޭނާ ބޭނުންނަމަ ތިން ވަނަ އަހަރަކަށް ވެސް އިތުރުކުރެވޭ ގޮތަށެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަންނަން ފުރަތަމަ ދައްކާނީ 17 މިލިއަން ޑޮލަރެވެ. އަދި ފަހުން އިތުރު ނުވަ މިލިއަން ޑޮލަރު ދޭނެ އެވެ.
ޔުވެންޓަސް ދޫކޮށް ރޮނާލްޑޯ ފުރަތަމަ ގުޅޭނެ ކަމަށް ބެލެވުނީ އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށެެވެ. ސިޓީން ރޮނާލްޑޯ އަށް ހުށަހެޅީ އަހަރަކު 17 މިލިއަން ޑޮލަރާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ޔުނައިޓެޑުން ރޮނާލްޑޯ އަށް އަހަރަކު 25-30 މިލިއަން ޑޮލަރާ ދެމެދުގެ މުސާރައެއް ދޭނެ އެވެ.
ރޮނާލްޑޯ މިއަދު އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ ޔުނައިޓެޑަކީ އޭނާގެ ހިތުގައި އަބަދުވެސް ހާއްސަ ޖާގައެއް އޮންނާނެ ކްލަބެއް ކަމަށެެވެ. އަދި މިދިޔަ އަހަރުތަކުގައި އިދިކޮޅު ޓީމެއްގެ ޖޯޒީގައި ހުރެ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ވެސް ސަޕޯޓަރުން އޭނާ އަށް ބެހެއްޓި ގާތްކަން އަބަދުވެސް ބަަލައިގަންނަ ކަމަށް ރޮނާލްޑޯ ބުންޏެވެ.
އަލުން ޔުނައިޓެޑާ ގުޅުމަކީ ހުވަފެނެއް ހަގީގަތަކަށްވުން ކަމަށާއި އަލުން އެ ޓީމުގެ ޖޯޒީގައި ކުޅެން ކެތްމަދުވެފައި ހުރި ކަމަށް ރޮނާލްޑޯ ބުނެފައިވެ އެވެ.
"އަހަރެންގެ ފުރަތަމަ ލީގު ތަށި ފުރަތަމަ ކަޕް، ގައުމީ ޓީމު ފުރަތަމަ ފުރުސަތު، ފުރަަަތަމަ ޗެމްޕިއަންސް ލީގު. ފުރަތަމަ ރަން ބޫޓު، ފުރަތަމަ ބެލޮންޑިއޯ. އެ ހުރިހާ ކަމެއް ހާސިލްކުރެވުނީ މި ކްލަބާ އަހަންނާ ދެމެދު އޮތް ހާއްސަ ގުޅުމުގެ ތެރެއިން،" ރޮނާލްޑޯ ބުންޏެވެ.
"ޔުނައިޓެޑްގައި ހުރެ މީގެ ކުރިން ވެސް ތާރީހުގައި ލިޔެވޭފަދަ ކާމިޔާބީތަކެއް ހޯދައިފިން. އަލުން ޔުނައިޓެޑަށް އައިސް ވެސް ތާރީހީ ކާމިޔާބެއް ހޯދަން ބޭނުން. މިއީ އަހަރެން ސަޕޯޓަރުންނަށް ދޭ ޔަގީންކަމެއް،"
ރޮނާލްޑޯ ބުނީ މި އެނބުރި އައުން ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އަށް ހާއްސަކުރާ ކަަމަށެވެ. ރޮނާލްޑޯ އެންމެ ފުރަތަމަ 2003 ވަނަ އަހަރު ޔުނައިޓެޑަށް ގެނައީ ފާގަސަން އެވެ. އަލުން ރޮނާލްޑޯ ޔުނައިޓެޑަށް ގެންދަން އެންމެ ބާރުއެޅި އެކަކަކީ ފާގަސަން އެވެ.
ޔުނައިޓެޑުން އެންމެ ފުރަތަމަ 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.
އަލުން ޔުނައިޓެޑްގެ ޖޯޒީގައި ރޮނާލްޑޯ ފެންނާނެ ފުރަތަމަ މެޗަކަށް ވުމުގެ ފުރުސަތު ބޮޑީ އަންނަ މަހުގެ 11 ވަނަ ދުވަހު ނިއުކާސަލް ޔުނައިޓެޑާ ކުޅޭ މެޗުގަ އެވެ. މިއީ ޔުނައިޓެޑްގެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެެޗެކެވެ.












