ރ. ދުވާފަރުގައި ސަރުކާރުން ކުރިއަށް ގެންދިޔަ ބިން ހިއްކުމުގެ މަޝްރުއޫ ނިންމާލައިފި އެވެ.
ދުވާފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 2.22 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އަދި އެ މަޝްރުއޫގެ ދަށުން 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ރިވެޓްމެންޓް ޖަހައި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެދިޔަ އެ މަޝްރުއޫގެ ދަށުން ދުވާފަރުގެ ބިން ހިއްކުމުގެ މަޝްރުއޫ އެއްކޮށް މިހާރު ނިންމާލާފައިވާއިރު ކުރިއަށް ދެން އޮތީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލަ ޖެހުމެވެ.
ދުވާފަރުގެ ޕްރޮޖެކްޓަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓު މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށާއި އެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
އެ މަޝްރުއޫ އަކީ 143.1 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ފެބްރުއަރީ 25، 2021ގަ އެވެ.











