ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަންނަ މަހު ޅ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމާފައިވާ ޓްރެއިނިން ކޭމްޕްގައި ފަސް މެޗު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މީގެ ދެ ދުވަސް ކުރިން 23 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނަގަން ވަނީ ޓްރަޔަލްތަކެއް ފަށައިފަ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޓްރަޔަލްތަކުގެ ފަހު ރެޔަކީ މިރެ އެވެ. ޓާފް އެއް ނަމްބަރު ދަނޑުގައި ކުރިއަށްގެންދާ ޓްރަޔަލްތަކަކީ އަންނަ މަހު 4-12 އަށް ޅ އަތޮޅުގައި ބާއްވާ ޓްރެއިނިން ކޭމްޕަށް 30 ކުޅުންތެރިންގެ ސްކޮޑެއް ނަގަން ބާއްވާ ސެޝަންތަކެކެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކީ ސީނިއާ ޓީމުގެ ވެސް ކޯޗަކަށް ހުރި ތަޖުރިބާކާރު ކޯޗު ސުޒޭން އެވެ. އެކަމަކު، ސުޒޭން މި ވަގުތު ހުސްވެ ހުރީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން އަންނަ ސީނިއާ ޓީމުގެ ޕްރެކްޓިސްތަކަށެވެ. ދާދި ފަހުން ގައުމީ ސީނިއާ ޓީމުގެ ކޯޗިން ޓީމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ 23 އަހަރުން ދަށުގެ ޓީމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އެފްއޭއެމުން ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.
ތޭވީސް އަހަރުން ދަށުގެ ޓީމުގެ ޓްރެއިނިންތައް ކުރިއަށް ގެންދަނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ މުހައްމަދު ޝާހިދު (ޝާޑު) އާއި ސޮބާހު މުހައްމަދު (ސޮބާ)ގެ ބެލުމުގެ ދަށުންނެވެ. ޝާޑު ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ޓީމުތަކާއި އުމުރުފުރާ ގައުމީ ޓީމުތަކެއްގައި ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސޮބާ ވަނީ ވެލެންސިއާ އާއި ނިއު ރޭޑިއަންޓް އަދި ކްލަބް ގްރީން ސްޓްރީޓްސް ކޯޗަކަށް މަސައްކަތްކޮށްފަ އެވެ.
ޝާޑު "އަދަދު" އަށް ބުނީ ޓްރަޔަލްތަކުން ހޮވާލެވޭ ކުޅުންތެރިން ޅ އަތޮޅުގެ ޓްރެއިނިން ކޭމްޕްގައި ބޭނުންކުރުމަށް ފަހު ކޮލިފައިން އަށް ސްކޮޑު ފައިނަލްކުރާނީ ފަހުން ކަމަށެވެ.
މިހާރު އޮތްގޮތުން ޅ. އަތޮޅު ޓްރެއިނިން ކޭމްޕްގައި ޓީމު ގިނަ ދުވަހު ތިބޭނީ ނައިފަރުގަ އެވެ. މެޗުތައް ކުޅެން ހަަމަޖެހިފައިވަނީ ނ. ކުޑަަފަރީ، ނ. ހޮޅުދޫ، ޅ. ނައިފަރު، ރ. މީދޫ އަދި ޅ.ހިންނަވަރުއާ ދެކޮޅަށެެވެ. މި މެޗުތަކަކީ ކޮލިފައިންގެ ކުރިން ޓީމު ރަނގަޅަށް އެކުލަވާލަން ބަލާއިރު ބޭނުން ހިފޭނެ މެޗުތަކެކެވެ.
ޒުވާން ގައުމީ ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރާށެވެ. އަންނަ އޮކްޓޫބަރު މަހު 23 އިން 31 އަށް އޮންނަ ކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރޭން އަދި އަފްގާނިސްތާނާ އެއް ގްރޫޕެއްގަ އެވެ.
ތޭވީސް އަހަރުން ދަށުގެ ޓީމުގައި ސީނިއާ ގައުމީ ޓީމުގައި ހިމެނޭ ބައެއް ކުޅުންތެރިންނަށް ވެސް އެބަތިބި އެވެ. އަންނަ އަހަރު އޮންނަ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވާނީ ކޮލިފައިންގައި އޮތް 11 ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމުތަކުގެ އިތުރުން އެ ހުރިހާ ގްރޫޕެއްގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ނެރޭ ރަނގަޅު ހަތަރު ގައުމެކެވެ.













