ތިރީހުގެ ފަހުން ވެސް ސިންގަލް ކޮށް ހުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު އުމުރުން މަތިވަމުން ދާ ވަރަކަށް އެކުގައި ދިރިއުޅުން ހިއްސާކުރާނެ ބައިވެރިއެއްގެ އިންތިޒާރު ކުރެވެ އެވެ. ދިރިއުޅުމުގެ ފުރިހަމަ މިނިވަންކަން ހިތަކަށް ލިބިފައި އޮތަސް، ދޭތެރެއަކުން އެކަނިވެރި ކަމުގެ އިހުސާސް ކުރެވެން ފަށަ އެވެ. ރައްޓެހިންގެ މެދުގައި ޖޯކަކަށް ވެ ރާޑި ވާންޖެހޭ ފަހަރުތަކާއި އާއިލީ ކައިވެނި ތަކާއި ހަފްލާތަކުގައި އަމާޒުވާ ސުވާލުތަކުގެ ތެރޭގައި ތާށިވެ، އަނގަ ނަގައިގެން ހުންނަންޖެހޭ ވަގުތުތައް ވެސް އާދެ އެވެ.
ރާއްޖޭގައި އާންމުކޮށް ވިހީގެ އަހަރުތަކުގައި އަންހެން ކުދިން ކައިވެނި ކުރެ އެވެ. ތިރީހަށް އަޅާއިރު ސިންގަލްކޮށް ތިބެނީ އާންމުކޮށް ދެ ބަޔަކަށް ފެތޭ މީހުންނެވެ. އެއީ ކެރިއާ ފޯކަސްޑް މީހުންނާއި ކުރިން ކައިވެންޏެއް ކޮށް ކައިވެނި ރޫޅުމުގެ ސަބަބުން ދިރިއުޅުމެއް ފަށަން އުނދަގޫވެފައި ތިބޭ މީހުންނެވެ. މީގެ ތެރެއިން ވެސް ގިނަ ވާނީ ދެވަނަ އަށް މި ބުނި ކެޓަގަރީގެ މީހުންނެވެ.
ކުރިން ބުނިހެން، ތިރީސް އަހަރު ވާއިރު ސިންގަލް ކޮށް ހުރުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ތިރީހުން މަތިވުމުން ހަޔާތަށް ކަމުދާ ބައިވެރިއަކު ހޯދަން އުނދަގޫ ކަމަށް ދެކޭ މީހުން ގިނަ އެވެ. ހިތަކަށް ޑޭޓްކުރުން އައުޓްޑޭޓް ވެ، ސީރިއަސް ބައިވެރިއަކަށް އިންތިޒާރު ކުރެވެ އެވެ.
"އަސްލު ވާ ގޮތަކީ، ތިރީހުން މަތިވީމަ ކުޑަ އިރު އެކަކާ ޑޭޓް ކޮށްފަ ބްރޭކްއަޕް ވެފަ އަނެއްކާ ރައްޓެހިވެފަ ހަދާނެހާ ވަގުތެއް ވެސް ނޯވޭ. އެކަމުގައި މާ ގިނަ ވަގުތު ބޭކާރު ވެދާނެތީ ވެސް ވިސްނޭނެ. އަނެއްކާ އެ އުމުރުގެ ގިނަ މީހުން ތިބޭނީ މެރީކޮށްފަ. ގަޔާވާ ރަނގަޅު ކުއްޖެއް ހޯދަން ވެސް އުނދަގޫ،" ޔުނިވަސިޓީގައި އެކުގައި ކިޔަވާ މެދު އުމުރުގެ އަންހެންކުއްޖަކު ބުންޏެވެ.
ތިރީހުގެ މެދު އަހަރު ތަކަށް އެޅުމުން އަންހެނެއް ނަމަ، ފިކުރު ބޮޑުވެދާނެ މައިގަނޑު ދެތިން ސަބަބެއް އޮވެދާނެ އެވެ. އެއް ކަމަކަށް، ތިރީހުގެ ފަހުން ދަރިން ހޯދުމުގައި ގިނަ މީހުންނަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ. ދެން ރަނގަޅު ބައިވެރިއެއް ނުލިބި އެ އުމުރުގައި ކައިވެނި ކޮށްފައި އަނެއްކާ އެ ގުޅުން ރޫޅިއްޖެ ނަމަ ވެދާނެ ގޮތަކާ ދޭތެރޭ ވިސްނުމާއި މި ކަހަލަ ހިޔާލުތަކުން އުފެދޭ ބިރަކީ ވެސް ބޮޑު ސަބަބަކަށް ވެދާނެ އެވެ.

އާންމުކޮށް، ސިންގަލް ކޮށް ހުންނަން ޖެހުމުން އެކަނިވެރިކަން އިހުސާސްކުރެވި، އެންޒައިޓީއާ ޑިޕްރެޝަންގެ ތެރެއަށް ދަނީ ވެސް މިކަހަލަ ސަބަބުތަކާ ހެދި އެވެ.
ދެން އޮތީ އާއިލާ އާއި ރައްޓެހިންގެ ޕްރެޝަރެވެ. އެންމެން ކައިވެނިކޮށްގެން ދަރިން ބޮޑެތި ކުރާ މަންޒަރު ފެނި އަމިއްލަ މީހާގެ ފެއިލް ވެފައިވާ މީހެއް ކަމަށް ގަބޫލުކުރެވޭތަން ވެސް ބައެއް ފަހަރު އާދެ އެވެ. އެކަމަކު މިއީ ނަފްސާނީ ގޮތުން މީހާ ވަރަށް ނާޒުކު ހިސާބަކަށް ގެންގޮސްދާނެ ވިސްނުންތަކެކެވެ. ތިރީހުގައި އަދިވެސް ސިންގަލް ކޮށް ހުރި ނަމަ މީހާ ޕޮޒިޓިވްކޮށް ބަހައްޓަން ކުރެވިދާނެ ބައެއް ކަންކަން ހުންނާނެ އެވެ.
އިތުބާރުކުރެވޭ ރައްޓެހިން ގެންގުޅުން
ބައިވެރިއެއްގެ އުނިކަން އިހުސާސްކުރެވޭ ނަމަ، އެކަމަށް އޮތް ދެ ވަނައަށް އެންމެ ރަނގަޅު ހައްލަކީ ރަނގަޅު އެކުވެރިންތަކެއް ހޯދުމެވެ. އެ ރަހުމަތްތެރިން ވާންޖެހޭނީ ބަނަ ދުވަސް ތަކުގައި އުންމީދު އާކޮށްދީ، މާޔޫސް ވާ ވަގުތުތަކުގައި ހިތްވަރުދީ އަމިއްލަ އުފާތަކަށް އިންވެސްޓް ކުރާނެ ރައްޓެހިން ތަކަކަށެވެ.
މާދަމާ ވެސް ބައިވެރިއަކު ލިބުނީމަ ރައްޓެހިންނާ އެކު ކޮލިޓީ ޓައިމް ސްޕެންޑް ކުރަން އޮންނާނީ ވަގުތެއް ނުވެފަ އެވެ.
ޑޭޓްކުރުމުގައި ވަގުތު ބޭކާރު ނުކޮށް ރަނގަޅު ކުއްޖަކު ހުރިނަމަ އެ ކަމާ އުޅުން
އުމުރުން ތިރީސް އަހަރު ވާއިރު، ރަނގަޅާއި ނުބައި ވަކިކުރަން އެނގެންވާނެ އެވެ. މިހާރު އިސްކަންދޭންވީ ގަޔާވާ ސިފަތަކެއް ހުރި، ރަނގަޅު މީހަކު ހިޔާރުކުރާށެވެ. ބޭކާރު ރިލޭޝަންޝިޕަކަށް ގިނަ ވަގުތު ދީގެން ބޯގޮއްވަން ނުހަދާށެވެ.
މުސްތަގްބަލަށް ޕްލޭން ކުރުން
ގިނަ ދުވަސްތަކެއް ވަންދެން ކެރިއާއެއް ބިލްޑް ކުރަން ކުރި މަސައްކަތް ފެނަށް ދުއްވައިނުލާށެވެ. ތިރީހަކަސް، ސާޅިހަކަސް، މީހާ އިތުރަށް ކުރިއަރަށް ދިއުމަށް އަބަދު ވެސް ޖާގަ އޮންނާނެ އެވެ. އެހެންވީމަ ވަގުތާއި ހާލަތު އޮއްވައި އަމިއްލަ ސެލްފް ޑިވޮލޮޕްމަންޓަށް ފަރުވާކުޑަކޮށް ނުލާށެވެ. މިއީ އެކްސްޕްލޯ ކުރަން ވެސް ރަނގަޅު ވަގުތެކެވެ. ޓްރެވެލް ކުރުމާއި އަމިއްލަ އަށް ކުރަން ބޭނުންވާ ކަންކަން ކުރަން ވެސް ސިންގަލް ކޮށް ހުންނަ ދުވަސްކޮޅު ހަމަ ރަނގަޅު ވާނެ އެވެ.







