ލިވަޕޫލް (އޮގަސްޓް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޗެލްސީ އާއި ލިވަޕޫލް 1-1 އިން އެއްވަރުވެއްޖެ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީގެ ރީސް ޖޭމްސް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެެވެ. އެހެންވެ، މެޗުގެ ފަހު ހާފުގައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މެޗު ބަަދަލުވީ އެ ރަތް ކާޑުގެ ސަބަބުން ކަމަށާއި އެހެން ނޫން ނަމަ މިއީ ސަޕޯޓަރުންނަށް ވަރަށް ހިތްގައިމު މެޗަކަށް ވެގެންދާނެ ކަމަށެެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ލަނޑެއް ޖަހަން ލިބުނު ފުރުސަތުން އޭރިއާ ތެރެއިން އޭނާ ފަޔަށް ރަނގަޅަށް ބޯޅަ ނޭރުމުން އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.
މެޗު ފަށައިގެން ލިވަޕޫލުން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް ޗެލްސީން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 22 ވަަނަ މިނިޓްގައި ރީސް ޖޭމްސް ނެގި ކޯނަރަކުން މި ގޯލު ޖެހީ ކައި ހަވާޓްޒް އެވެ. ހަވާޓްޒް ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތްމަތިން އޮއްސިގެން ގޮހެވެ. ލަނޑެއް ޖަަހަން ލިވަޕޫލުން ކުރި މަސައްކަތުގައި އެ ޓީމުގެ 18 އަހަރުގެ މިޑްފީލްޑަރު ހާވީ އެލިއަޓް އޭރިއާތެރެއިން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.
ލިވަޕޫލުން ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގަ އެވެ. ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޑިއޯގޯ ޖޮޓާ ކުޅެން އެރިތާ މާގިނައިރެއް ނުވެ އޭނާ ހޯދި ކޯނަރަކުން އެންޑީ ރޮބަޓްސަން ނެގި ބޯޅަ އޭރިއާތެރެއިން ޗެލްސީ ކުޅުންތެރިންނަށް ސަލާމަތް ނުކުރެވިގެން އުޅެނިކޮށް ލިވަޕޫލްގެ ސަޑިއޯ މާނޭ ފޮނުވާލުމުން ޗެލްސީގެ ޖޭމްސް ގައިގައި ޖެހިފައި ވަނީ އަތުގައި ޖެހިފަ އެވެ.

މެޗުގެ ރެފްރީ އެންތަނީ ޓޭލާ (މ) ޗެލްސީގެ ރީސް ޖޭމްސް އަށް ރަތް ކާޑު ދައްކަނީ.
ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު މެޗުގެ ރެފްރީ އެންތަނީ ޓޭލާ ނިންމީ ޕެނަލްޓީއެއް ދިނުމުގެ އިތުރުން ޖޭމްސް އަށް ރަތް ކާޑު ދައްކާށެވެ. އެ ނިންމުމާ ދެކޮޅަށް ޗެލްސީ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
އެ ޕެނަލްޓީން ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ސަލާހު އެވެ. މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި ތިން ވަނަ ގޯލެވެ.
ކުޅުންތެރިއަކު މަދުވުމުންނާއި އަނިޔާގެ ސަބަބުން ޗެލްސީން ވަނީ ދެ ވަނަ ހާފަށް ނުކުތްއިރު، ދެ ބަދަލެއް ގެނެސްފަ އެވެެ. އެންގޯލޯ ކާންޓޭ އާއި ހަވާޓްޒްގެ ބަދަލުގައި ތިއާގޯ ސިލްވާ އާއި މަޓެއޯ ކޮވަސިޗް ކުޅެން އެރުވި އެވެ. މި ހާފްގައި ޗެލްސީގެ ޑިފެންޑަރުންގެ ފަރާތުން ރަނގަޅު ޑިފެންސިވް ކުޅުމެއް ފެނުނުއިރު، ލިވަޕޫލްގެ ވާޖިލް ވެން ޑައިކް އާއި ފަބީނިއޯ އޭރިއާބޭރުން ޖެހި ބޯޅަތައް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ. އަދި ހެންޑަސަން ޖެހި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ޗެލްސީން ކުޅުންތެރިއަކު މަދުކޮށް ވެސް މެޗުގެ ތިން ޕޮއިންޓް ހޯދަން މަސައްކަތްކުރި އެވެ. އޭރިއާތެރެއިން ޗެލްސީގެ ރޮމެލޫ ލުކާކޫ ޖެހި ބޯޅަ ލިވަޕޫލްގެ ޖޮއެލް މަޓިޕް ބްލޮކްކުރިިއިރު، ކޮވިސިޗް ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ މަތަކޮށްފަ އެވެ. މުޅި މެޗަށް ބަލާއިރު ލުކާކޫ އަށް ލިބުނު ބޯޅަތަކުގައި އޭނާ ހުއްޓުވަން މަޓިޕާއި ވެން ޑައިކް ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ލިވަޕޫލާއި ޗެލްސީ އެއްވަރުވުމުން އިންޓަނޭޝަނަލް ބްރޭކަށްދާއިރު، ލީގުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައި އެއް ވަަނަ އަށް އެރުމުގެ ފުރުސަތު އޮތީ ޓޮޓެންހަމަށް ހުޅުވިފަ އެވެ. ޓޮޓެންހަމް މާދަމާރޭ ވަޓްފޯޑް އަތުން މޮޅުވެއްޖެނަމަ ފުރަތަމަ ކުޅުނު ތިން މެޗުން ތިން މޮޅާ އެކު ލީގުގެ އެއް ވަނަ އަށް ޖެހިލާނެ އެވެ.
މި ވަގުތު އެއް ވަނައިގައި އޮތް ވެސްޓް ހޭމް، ދެ ވަނައިގައި އޮތް ޗެލްސީ، ތިން ވަނައިގައި އޮތް ލިވަޕޫލް އަދި ހަތަރެއްގައި އޮތް އެވަޓަން އަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. މި ޓީމުތައް އެކި ވަނަތަކަށް ބެހިފައި އޮތީ ލަނޑުގެ ތަފާތުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ސިޓީ މިއަދު ކުޅުނު މެޗުން ވަނީ އެއް ކުުޅުންތެރިއަކު މަދުކޮށް ކުޅުނު އާސެނަލް އަތުން 5-0 އިން މޮޅުވެފަ އެވެ.












