މެންޗެސްޓާ (އޮގަސްޓް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓާ ސިޓީ އަތުން 5-0 އިން ބަލިވެ، އާސެނަލުން މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި ޓީމުގެ ފެށުން ގޯހުން ގޯހަށް ގޮސްފި އެވެ.
އާސެނަލުން މެޗުގެ ބޮޑުބައި ކުޅުނީ އެއް ކުުޅުންތެރިއަކު މަދުކޮށެވެ.
މިއީ މިދިޔަ 67 އަހަރު ތެރޭ އާސެނަލުން ލީގު ސީޒަނެއްގެ ފުރަތަަމަ ތިން މެޗުން ބަލިވި ފުރަތަމަ ފަަހަރެވެ. އާސެނަލުން އެންމެ ފަހުން ލީގުގައި ފުރަތަމަ ތިން މެޗުން ބަލިވެގެން ފަށަން ޖެހުނީ 1954-1955 ގެ ސީޒަނުގަ އެވެ. އިނގިރޭސި ޕްރިމިއާ ލީގަށް ރީބްރޭންޑް ކުރި ފަހުން ބަލާނަމަ މިއީ އާސެނަލްގެ އެންމެ ދަށް ފެށުމެވެ.
އަނެއް ކޮޅުން މިއީ އާސެނަލްގެ ތާރީހުގައި ލީގު ސީޒަނެއްގެ ފުރަތަމަ ތިން މެޗުގައި ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ތިން ވަނަ ފަހަރެވެ.
އާސެނަލް ކުޅުނު ފުރަތަމަ މެޗުން ރަށުންބޭރުގައި ބަލިވީ އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑް އަތުންނެވެ. ހަތްދިހަ ހަތަރު އަހަރު ފަހުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން އާސެނަލް ބަލިކުރީ 2-0 އިންނެވެ. ދެ ވަނަ މެޗުގައި ޗެލްސީ ވަނީ އާސެނަލް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ. އަދި މިއަދު ސިޓީ އަތުން 5-0 އިން ބަލިވިއިރު، އާސެނަލް ވަނީ ލީގުގެ އެންމެ ފުލަށް ވެއްޓިފަ އެވެ.

ސިޓީގެ ޖީސޫސް (ކ) އަތުން ބޯޅަ ހޯދަން އާސެނަލްގެ ސްމިތު ރޯވް މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން 11 މިނިޓް ތެރޭ ސިޓީން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ އިލްކާއި ގުންޑޮގާން ބޮލުން ޖެހި ގޯލުންނެވެ. އޭގެ ހަތަރު މިނިޓް ފަހުން އޭރިއާ ތެރެއިން ފެރާން ޓޮރޭޒް ވަނީ ސިޓީ އަށް ލީޑުފުޅާކޮށްދީފަ އެވެ. ސިޓީން މި ގޯލު ޖެހީ އާސެނަލްގެ ކަލުމް ޗެމްބާސް އަށް ފައުލުކޮށްފައި ކަމަށް ބުނި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ގޯލެއް ކަަމަށް ބަލައިގަންނާށެވެ.
އާސެނަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ގޯލެއް ޖަހަން ރަނގަޅު ފުރުސަތެއް ދިޔަ އެވެ. ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ލަސްކޮށްލި ބޯޅައެއް އާސެނަލްގެ އެމީލް ސްމިތު ރޯވް ފައިގައި ޖެހިފައި ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
މެޗުގައި އާސެނަލަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ 35 ވަަނަ މިނިޓްގައި އެ ޓީމުގެ ގްރޭނިޓް ޝަކާ އަށް ރަތް ކާޑެއް ދެއްކުމުންނެވެ. ސިޓީގެ ޔާއޯ ކަންސޭލޯ އަށް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ވަނީ ޝަކާ އަށް ރަތް ކާޑު ދައްކައިފަ އެވެ. ވީއޭއާރް އިން ބަލާފައި ވެސް އެ ނިންމުން ވަނީ ދަމަހައްޓައިފަ އެވެ.
ޕްރިމިއާ ލީގުގެ 2016-2017 ވަނަ ސީޒަނުން ފަށައިގެން މިހާތަނަށް އެންމެ ގިނަ ރަތް ކާޑު ދެއްކީ ޝަކާ އާއި ފެނާންޑީނިއޯ އަދި ޑޭވިޑް ލުއިޒް އަށެވެ. ކޮންމެ ކުޅުންތެރިއަކަށް ވަނީ ހަތަރު ރަތް ކާޑު ދައްކައިފަ އެވެ.
އާސެނަލްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ސިޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގައި އެ ޓީމުގެ ތިން ގޯލު ޖަހައިފަ އެވެ. ސިޓީއާ މި ފަހަރު އަލަށް ގުޅުނު ޖެކް ގްރީލިޝް ހުސްކޮށްލާފައި ދިން ބޯޅައަކުން އޭރިއާތެރެއިން މި ގޯލު ޖެހީ ގަބްރިއެލް ޖީސޫސް އެވެ.

ލަނޑު ޖެހުމަށް ފަހު ރޮޑްރީ (ކ) އާއި ގްރީލިޝް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ޓޮރޭޒް ދިން ބޯޅައަކުން އޭރިއާބޭރުން ސިޓީގެ ހަތަރު ވަނަ ގޯލު ޖެހީ ރޮޑްރީ އެވެ. ރޮޑްރީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ރޮޑްރީ ފޮނުވާލި ބޯޅަ ބްލޮކްކުރަން އެރި މުހައްމަދު އެލްނެނީގެ ފައި ކައިރިން ދިޔަ ބޯޅަ ހުއްޓުވަން އާސެނަލްގެ ކީޕަރު ބާން ލެނޯ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ސިޓީގެ ފަސް ވަނަ ގޯލެއް ޖަހަން ސިޓީގެ ރަހީމް ސްޓާލިން ބޮލުން ފޮނުވާލި ބޯޅަ ލޭނޯ ވަނީ މަތަކޮށްފަ އެވެ. އޭގެ ދިހަ ވަރަކަށް މިނިޓް ފަހުން ވެސް ސްޓާލިން ފޮނުވާލި އެހެން ބޯޅައެއްގެ ހުރަހަކަށްވީ ލެނޯ އެވެ. ސިޓީގެ ފަސް ވަނަ ގޯލު ޖެހީ މެޗުގެ 84 ވަނަ މިނިޓްގައި ޓޮރޭޒް އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރިޔާދު މާރޭޒް ނެގި ހުރަހަކުން ޓޮރޭޒް ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
މިއީ ސިޓީން އާސެނަލް އަތުން ބަލިނުވެ ފުރިހަމަ ކުރި 12 ވަނަ މެޗެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު ނުވަ މެޗުން ވެސް ސިޓީ ވަނީ މޮޅުވެފަ އެވެ. މި މެޗުން ހޯދި މޮޅާ އެކު އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ވަނީ ލީގުގެ ކުރިއަށް ޖެހިލައިފަ އެވެ. އެކަމަކު މި ހަފްތާގެ ހުރިހާ މެޗެއްގެ ކުޅުން ނިމޭއިރު ސިޓީ އަށް އެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑެވެ. ސިޓީ އަށް ތިން މެޗުން ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ.
ޕްރިމިއާ ލީގުގައި ސިޓީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވީ 5-0 އިންނެވެ. އެއީ މިދިޔަ ސީޒަނުގެ ފަހު މެޗުގައި އެވަޓަން އަތުންނާއި މި ފަހަރު ލީގުގެ ދެ ވަަަނަ މެޗުގައި ނޯވިޗް ސިޓީ އަތުން އަދި މިރޭގެ މެޗުގައި އާސެނަލް އަތުންނެވެ.












