ތިން މަސް ދުވަހުގެ ތެރޭ ރ. ދުވާފަރުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 933 އަށް އަރައިފި އެވެ.
5000 އިން މަތީ އާބާދީއެއްގެ މީހުން ދިރިއުޅޭ ދުވާފަރަކީ މިހާރު މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ ރަށެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
އެއީ އެ ރަށުން މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހެއްގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމުން އެ ރަށު މަރުކަޒުން ނެގި ސާމްޕަލެއް ޕޮޒިޓިވް ވުމުންނެވެ.
ދުވާފަރު ކައުންސިލްގެ ރައީސް ހަސަން ހަކީމް "އަދަދު" އަށް ވިދާޅުވީ އެ ރަށުގައި ކޮވިޑް ފެތުރި ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ތަކަށް ބުރޫއަރާފައިވާ ކަމަށެވެ. އެ ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ތަކަކީ މަސްވެރިކަމާއި ފަންގިވިނުން ފަދަ މަސައްކަތްތަކެވެ.
"މަހަށްވެސް ފުރޭ އެކަމަކު ކޭސްތަކާ ގުޅިގެން ކަރަންޓީނު ކުރޭ އެބަ. ކަރަންޓީނުގަ ހުއްޓާ ގޭގެ އެހެން މީހަކު ޕޮޒިޓިވް ވެއްޖާ އަނެއްކާ އަނެއް 14 ދުވަސް މަޑުކުރަން މި ޖެހެނީ. އެގޮތައް ޕޮޒިޓިވް ވަމުން ގޮސް ދިގުލައިގެން ދަނީ،" ހަކީމް ވިދާޅުވި އެވެ.

ހަކީމް ވިދާޅުވީ އެ ރަށު ބައެއް މީހުންނަށް ނަފްސާނީ ގޮޮތުންވެސް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށެވެ.

ދުވާފަރުން ކޮވިޑަށް ޕޮޒިޓިވްވި ބަލި މީހަކު އިތުރު ފަރުވާއަށް ސީ އެމްބިއުލަންސްގައި ފެސިލިޓީއަކަށް ގެންދަނީ-- ފޮޓޯ: ދުވާފަރު ކައުންސިލް
ކޮވިޑް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް:
- ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުން.
- ކާފިއު ނޫން ވަގުތުތަކުގައި 3 މީހުންނަށްވުރެ ގިނައިން ބޭރަށް އެއްވެ ނޫޅުން.
- ޒަރޫޒީ ބޭނުމަކަށް ނޫނީ ބޭރަށް ނުނުކުތުން.
- ގޭގެއަށް ޒިޔާރަޔްކުރުން މަނާ ކުރުން.
- އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލަން އެންގުން.
- ޕާކުތައް ބަންދުކުރުން.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ރަށުން ވަނީ އިތުރު 17 މީހަކު ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓްގެ ގޮތުގައި ހިމެނޭ 15 ސާމްޕަލަކާއި އެންޓިޖިން ޓެސްޓުގެ ގޮތުގައި ނެގި 2 ސާމްޕަލެކެވެ.
ޖުމްލަ 933 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު އޭގެ ތެރެއިން 768 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެ ރަށުގައި 776 ގެ ހުރިއިރު އޭގެ ތެރެއިން 159 ގެ އެއް ހުރީ ކަރަންޓީނުގަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި 159 މީހުން ތިބި އިރު ހާލަތު ގޯސްވެ ހުޅުމާލެ ފެސިލިޓީގައި އެކަކަށް ފަރުވާދެމުންދާއިރު ބ އަތޮޅު ފެސިލިޓީގައި 3 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އެ ރަށުން ކޮވިޑް ބަލީގައި ވަނީ ހަ މީހަކު މަރުވެފަ އެވެ.












