މެންޗެސްޓާ (އޮގަސްޓް 27) - ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ސިޓީ އަށް ވިއްކާލަން އެއްބަސްވުމަކާ ގާތުގައި ވަނިިކޮށް މެންޗެސްޓާ ޔުނައިޓެޑުން އެ ޑީލް ތެރެއަށް ވަދެ ރޮނާލްޑޯގެ ސޮއި ހޯދުމުގެ ހުރިހާ ކަމެއް ނިންމައިފި އެވެ.
ކުރިއަށް އޮތް ވަގުތުތަކުގެ ތެރޭގައި ޔުނައިޓެޑުން ރޮނާލްޑޯގެ މެޑިކަލް ޓެސްޓްތައް ހެދުމާއި ކޮންޓްރެކްޓް ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދާނެ އެވެ. ރޮނާލްޑޯ އަލުން ޔުނައިޓެޑް ޖޯޒީގައި މި ފެންނަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ޔުވެންޓަސްއާ އެކު އުމުރުން 36 އަހަރުގެ ރޮނާލްޑޯގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ ވަނީ މިއަދު އެ ކްލަބް ދޫކޮށްލަން ހުރިހާ ކަމެއް ނިންމައިފަ އެވެ. ރޮނާލްޑޯ ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސިޓީ އަށެވެ. ސިޓީގެ ވިސްނުން ހުރީ ރޮނާލްޑޯ އަށް ދެ އަހަރުގެ ކޮންޓްރެކްޓެއް ދޭށެވެ.
ސިޓީން ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒްއާ އެކު މަޝްވަރާތަކެއް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ފަހު ރަސްމީކޮށް ރޮނާލްޑޯ އަށް ކޮންޓްރެކްޓް ހުށަހެޅުމުގައި ސިޓީގެ ބައެއް ކަންކަން ނިންމަން އަމާޒުހިފި އެވެ.
އެ ގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކްލަބްގެ މާލީ ހާލަތު ދެނެގަނެ، ރަހީމް ސްޓާލިން އާއި ބެނާޑޯ ސިލްވާގެ ތެރެއިން ކޮންމެ ވެސް އެއް ކުޅުންތެރިއަކު ދޫކޮށްލަން މަސައްކަތް ފެށި އެވެ. އެކަަމަކު، އެ މަސައްކަތުގައި ސިޓީ އަށް ހައްްލެއް ނުލިބި އޮއްވައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯގެ ސޮއި ހޯދުމުގެ ރޭހުގައި ކުރިހޯދައިފަ އެވެ.
އީއެސްޕީއެން އިން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ އަލުން ޔުނައިޓެޑަށް ގެންދަން އެންމެ ފުރަތަމަ ބާރު އެޅީ ޔުނައިޓެޑްގެ ކުރީގެ ކޯޗު އަލެކްސް ފާގަސަން އެވެ. ޔުނައިޓެޑުން ރޮނާލްޑޯއާ ރަސްމީކޮށް މަޝްވަރާތައް ފެށުމާ އެކު ސިޓީ އެ ޑީލުން ވަނީ ބޭރުވެފަ އެވެ.
ޔުނައިޓެޑުން މިހާރު ރޮނާލްޑޯ އަށް ރަސްމީކޮށް ކޮންޓްރެކްޓެއް ހުށަހަޅާފައިވާއިރު، ރޮނާލްޑޯ ވަނީ އެ ޓީމާ ގުޅެން އެއްބަސްވެފަ އެވެ. ޓެލެފްރާފް ފުޓްބޯލް އިން ރިޕޯޓްކުރާ ގޮތުގައި ފުރަތަމަ ހުށަހަޅާނީ އެއް އަހަރުގެ ކޮންޓްރެކްޓެކެވެ. އަދި އެ އެއްބަސްވުމުގައި އިތުރުު އެއް އަހަރަށް އާކުރެވޭ ގޮތަށް ހިމަނާނެ އެވެ. މި ގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ ޔުނައިޓެޑްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަމަވާއިރު، ޕޮގްބާގެ މުސްތަގުބަލާ މެދު ވަކި ގޮތެއް ނިމެންދެނެވެ. އެއީ ބޮޑު މުސާރަ ދޭ ކުޅުންތެރިންގެ ކަންކަން ވަކި އޮނިގަނޑެއްގެ ތެރެއަށް ފެއްތުމުގެ ބޭނުމުގަ އެވެ.
ގިނަ ކްލަބްތަކެއް ފާރަލުން އަންނަނިކޮށް ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ޔުނައިޓެޑުން 2003 ވަނަ އަހަރު ކުރިހޯދި އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.
ޔުނައިޓެޑް ދޫކޮށް 2009 ވަަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނަން އުޅޭ ކަމަށް މީޑިއާގައި އެކި ފަހަރު މަތިން ވާހަކަ ދެކެވުނު ނަމަވެސް އެ ހުވަފެން އޮތީ މިއަދާ ހަމައަށް ހަގީގަތަކަށް ނުވެ އެވެ. އެކަމަކު، މި ފަހަރު ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވުމަކީ އެ ކްލަބްގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ ޔުނައިޓެޑުން ޖޭޑަން ސަންޗޯ އާއި ރަފައެލް ވަރާންގެ ސޮއި ހޯދި ޓްރާންސްފާ މާކެޓެއްގައި ރޮނާލްޑޯ ވެސް 12 އަހަރަށް ފަހު އަލުން ޓީމާ ގުޅޭތީ އެވެ.
ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. ރޮނާލްޑޯގެ ޑީލް ނިންމަން ޔުނައިޓެޑުން ޔުވެންޓަސް އަށް މަދުވެގެން 25 މިލިއަން ޑޮލަރު ދޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.












