އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސް އަންނަ މަހު އާއްމުންނަށް ހުޅުވާލަން ނިންމައިފި އެވެ.
ކްރޮސްރޯޑްސް އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން, ކުރިއެކޭ އެއްގޮތަށް އާއްމުންނަށް ދެވޭނެ ކަމަށެވެ. މާލެއިން 15 މިނެޓުގެ ފެރީ ދަތުރުތައް ބާއްވާ އެތަން އަލުން ހުޅުވާލަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށް ބަޔާނުގައި ބުންޏެވެ.
އެތަނުގައި މަތީ ފެންވަރުގެ ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުރެ އެވެ.
ކްރޮސްރޯޑްސްގެ ރަށްތައް ތަރައްގީކޮށްފައި ވަނީ ތައިލެންޑްގެ ސިންގް އެސްޓޭޓް ކުންފުނިންނެވެ. ގާތްގަނޑަކަށް 800 މިލިއަން ޑޮލަރުގެ މަޝްރޫއުގައި، އެނބޫދޫ ފަޅުގައި ހަ ރަށް ތަރައްގީކުރަން ޕްލޭންކޮށްފައިވެ އެވެ.
ކްރޮސްރޯޑްސްއަށް ޓޫރިސްޓުންގެ އިތުރުން ހަފުތާ ބަންދުގައި ގިނަ ދިވެހިން ވެސް ކުރިން ޒިޔާރަތްކުރި އެވެ.












