މެންޗެސްޓާ (އޮގަސްޓް 27) - ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާއިރު، އޭނާގެ ސޮއި ހޯދުމުގެ ތައްޔާރީތައް މެންޗެސްޓާ ސިޓީން ކުރިއަށް ގެންދަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުވެންޓަސްގެ ބޯޑާ އެކު ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް އާއި ރޮނާލްޑޯ ބޭއްވި ބައްދަލުވުމުގައި އެކި ކަހަލަ ކަންކަމަށް އެއްބަސްނުވެވުނެވެ. އެހެންވެ، ރޮނާލްޑޯ ރަސްމީކޮށް ވަނީ ކްލަބް ދޫކޮށްލަން އެދިފަ އެވެ. ޔުވެންޓަސްއާ އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ.
މީގެ ދެ ދުވަސް ކުރިން ސިޓީން ރޮނާލްޑޯ، 36، އަށް ހުށަހަޅާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ އަހަރަކު 17 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ސިޓީން އެ ހުށަހެޅުމުގައި ރޮނާލްޑޯ ގެންނަން ބޭނުންވަނީ އެއްވެސް ޓްރާންސްފާ ފީއެއް އަދި ބަދަލުގައި ކުޅުންތެރިއެއް ވެސް ނުދީ ހިލޭ ޓްރާންސްފާއެއްގަ އެވެ. އެކަމަކު، އެ ޑީލް ކުރިއަށް ނުގޮސްފާނެތީ ސިޓީން މިހާރު ޔުވެންޓަސް ބޭނުންވާ ގޮތަށް ޓްރާންސްފާ ފީއެއް ދޭން އަންނަނީ ތައްޔާރުވަމުންނެވެ. ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސް އިން 30 މިލިއަން ޑޮލަރުގެ ފީއެއް ޑިމާންޑްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރޮނާލްޑޯގެ ސޮއި ހޯދަން ސިޓީން ދޫކޮށްލާނީ ބެނާޑޯ ސިލްވާ އާއި ރަހީމް ސްޓާލިންގެ ތެރެއިން ކުޅުންތެރިއެކެވެ. ސްޓާލިން ހޯދަން އާސެނަލުން ހުށަހެޅުމެއް އައި ނަމަވެސް އޭނާ ވަނީ އެ ޕްރޮޕޯސަލަށް ފުރަގަސްދީފަ އެވެ. ބެނާޑޯ ސިލްވާ އަށް ވެސް ފުރަތަަމަ ހުށަހެޅުމެއް ލިބުނީ އާސެނަލުންނެވެ. އޭނާގެ ވިސްނުމަކީ ސިޓީ ދޫކޮށްލާނަމަ ބާސެލޯނާ ނޫނީ ސްޕެނިޝް ލީގުގެ އެހެން ޓީމަކާ ގުޅޭށެވެ.

ރޮނާލްޑޯ 2008 ވަނަ އަހަރު ޔުނައިޓެޑަށް ކުޅުނުއިރު ސިޓީއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން.
ސިޓީން ވަނީ ރޮނާލްޑޯ ގެންނަން ކުރަން ޖެހޭ މަސައްކަތުގެ ތެރެއިން ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސޫސް ދޫނުކުރަން ނިންމައިފަ އެވެ.
ޕޯޗުގަލް އާއި އިޓަލީގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ މިހާރު ވަނީ ސިޓީ އަށް ބަދަލުވާން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެެވެ.
ރޮނާލްޑޯ ސިޓީ އަށް ބަދަލުވެއްޖެނަމަ އެއީ މެންޗެސްޓާ ޔުނައިޓެޑަށް ކުރިމަތިވާނެ ވަރަށް ބޮޑު ހިތްނުތަނަވަސްކަމެކެވެ. އެއީ ރޮނާލްޑޯ އޭނާގެ ކެރިއަރު ފަށައިގެން އެންމެ ބޮޑު ކާމިޔާބީތަކެއް ހޯދީ ޔުނައިޓެޑްގައި ކަމަށްވާއިރު، އަދިވެސް ޔުނައިޓެޑްގެ ގިނަ ސަޕޯޓަރުން ރޮނާލްޑޯ އަށް ސަޕޯޓްކުރާތީ އެވެ.
ގިނަ ކްލަބްތަކެއް ފާރަލުން އަންނަނިކޮށް ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ޔުނައިޓެޑުން 2003 ވަނަ އަހަރު ކުރިހޯދި އެވެ. ޔުނައިޓެޑުން ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ.
ޔުނައިޓެޑް ދޫކޮށް 2009 ވަަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނަން އުޅޭ ކަމަށް މީޑިއާގައި އެކި ފަހަރު މަތިން ވާހަކަ ދެކެވުނު ނަމަވެސް އެ ހުވަފެން އޮތީ ހަގީގަތަކަށް ނުވެ އެވެ. ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ.












