ފީކޮއެ ކުޅެގެން ދުނިޔެ ބަދަލުކޮށްލެވިދާނެ ކަމަށް ގަބޫލުކުރާނަން ހެއްޔެވެ؟ ހަމަގައިމުވެސް މިއީ އާންމު ވިސްނުމެއްގައި ހިތަށްވެސް ނާންނާނެ ފަދަ ސުވާލެކެވެ. ނަމަވެސް އުމުރުން އެންމެ ހަތް އަހަރުގެ މޯލީ ވްރައިޓް މިވަނީ މިއީ ހަމަ އެކަށީގެންވާ ކަމެއްކަން އޭނާގެ ޓެޑް ޓޯކްސް ގައި ބުނެދީފަ އެވެ.
ޓެޑް ޓޯކްސްއަށް އެރި އެންމެ ހަނގު އެއް ވާހަކަދެއްކުންތެރިއެއް ކަމުގައިވާ މޯލީ ވްރައިޓްގެ ސްޕީޗް އޭނާ އަލިއަޅުވާލާފައިވަނީ ކުޑަކުދިންގެ ހެދިބޮޑުމުގައި ބޮޑެތި މީހުންނަށް އަދާކުރެވޭނެ މުހިންމު ދައުރަކާއި ބެހޭގޮތުންނެވެ. މިގޮތުން އޭނާގެ ވާހަކަ ފަށައިގަންނަމުން މޯލީ ވަނީ ފީކޮއި ކުޅެގެން ދުނިޔެ ބަދަލު ކުރެވިދާނެތޯ ސަތޭކައެއް ހާ މީހުންގެ އޯޑިއެންސާ ސުވާލުކޮށްފަ އެވެ. އެ ސުވާލުގެ ޖަވާބު އޭނާ ހުށަހަޅައިދިނީ ސައިންސްގެ އަލީގައި އެންމެ ޅަ ސިކުނޑިއަކަށްވެސް ވިސްނާލެވޭނެ ފަދައިންނެވެ.
އުމުރުން އެއް އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެއް ކަމުގައިވާ އާރީގެ އެހީގައި އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން މޯލީ ބުނީ ކޮންމެ ކުއްޖެއްގެ ވެސް ފުރަތަމަ ފަސް އަހަރަކީ އެ ކުއްޖެއްގެ ހެދިބޮޑުވުމުގައި ވަރަށް މުހިންމު ވަގުތުތަކެއް ކަމަށެވެ. މަންމަގެ ބަނޑުގައި އޮންނައިރުއްސުރެ ކުއްޖާ ކަންކަން ދަސްކުރަން ފަށާއިރު ސިކުނޑީގެ ތަރައްގީއަށް އެންމެ މުހިންމު ދައުރެއް އަދާ ކުރާ ކަންކަމުގެ ތެރޭގައި ގުޅުމާއި، ވާހަކަދެއްކުމާއި، ކުޅުމާއި، ދުޅަހެޔޮ ގޭތެރެއަކާއި އަދި މުޖުތަމައު ހިމެނެ އެވެ.

މޯލީގެ ވާހަކައިން ބުނެދޭންވީ އެެންމެ މުހިންމު އެއް ކަމަކީ ކުދިންނާއި އެކު ގުޅުން ބަދަހިކޮށް ވާހަކަދެއްކުމާއި ކުޅުމުގެ މުހިންމު ކަމެވެ. ސައިންޓިސްޓުންގެ ބަހުރުވައިންނަމަ "ސާވް އެންޑް ރިޓާން" އަކީ މިކަމުގައި ބޭނުންކުރެވޭނެ އެންމެ މުހިންމު އުކުޅެވެ.
މޯލީގެ ވާހަކައިގައި އޭނާވަނީ އާރީ ބޭނުންކޮށްގެން ކުޑަ އެކްސްޕެރިމެންޓެއް ވެސް ދައްކާލަދީފަ އެވެ. މިގޮތުން އާރީ އާއި ބައްޕަ ކޮޕީ-ކެޓް ކުޅެން އުޅޭ މަންޒަރު ދައްކަ އެވެ. ސައިންސްގެ ހޯދުންތަކުން ދައްކާގޮތުން، ނަކަލު ކުރާ ގޭމްތަކަކީ ކުދިންގެ ހިޔާލުތައް ތަނަވަސްވެ، އެކަކު އަނެކެއްގެ އިހުސާސްތައް ދަސްކޮށްދޭ ކުޅިވަރެކެވެ. އެއްޗިއްސަށް ކިޔާ ނަންތައް ދަސްކޮށްދޭން ކުޅޭ ކުޅިވަރުތަކުން ކުދިންގެ ބަސްކޮށާރު މުއްސަނދިކޮށް ސަމާލުކަން އިތުރުކޮށްދޭއިރު ފީކޮއެ ކުޅުމުން ކުދިން ތޫނުފިލިކޮށް އެކުދިންގެ ހިތުގައި އިތުބާރު އަނެކުންނާ މެދު އުފައްދާދެ އެވެ.
އެއާއެކު، މޯލީ ބުނާގޮތުގައި ކުއްޖަކާއި އެކު ކުޅެލާ ހީ ސަމާސާކޮށް ވާހަކަދައްކާލާ ކޮންމެ ފަހަރަކީ ކުއްޖާގެ އިޖުތިމާއީ ގުޅުންތައް ބަދަހިކޮށްދީ، ނަފްސާނީގޮތުން ވެސް އެދެވޭ ބޮޑެތި އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ. ހަމައެއާއެކު އެއީ ގިނަ އަދަދެއްގެ ލައިފް ސްކިލްސްވެސް ދަސްކޮށްދޭ ކަމެކެވެ.
މޯލީގެ ވާހަކައިގެ ކްލައިމެކްސްގައި ދައްކާދެނީ އާރީގެ ބައްޕަ އޭނާއާއި އެކީ ކުޅެން އިނުމަށްފަހު އައިޕެޑްއެއް ނަަގައިން އިންނަ މަންޒަރެވެ. އެއާއެކު އާރީވެސް ތެދުވެ ބައްޕަގެ ސަމާލުކަން ހޯދަން އެކި ގޮތްގޮތުން މަސައްކަތް ކުރެއެވެ. ވާހަކަދައްކަން ކުޑަ ކުޑަ އާރީއަށް ނޭގުނަސް، އާރީ ބުނަން މަސައްކަތް އެ ކުރަނީ އެނބުރި ކުޅެން އައުމަށް ކަމުގައި މޯލީ ބުނެ އެވެ. އަދި އެ ސަމާލުކަން ނުލިބުމުން ކުދިންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އޮޅުން އަރާގޮތް ވެ އެވެ. އަދި އުޅުންވެސް މުޅިން ބަދަލުވެގެންދެ އެވެ.
މިއިން އެގިގެންދާ ކަމަކީ ކުދިންނާއި އެކީ ހޭދަކުރާ ވަގުތުތަކުގައި ވީހާވެސް ބޮޑަށް އަމިއްލަ ކަންކަމުން އެކަހެރިވެ ކުދިންނަށް ސަމާލުކަން ދިނުމުގެ މުހިންމު ކަމެވެ. އެކުދިންނާއި އެކީ އެކުދިންގެ ދުނިޔޭގައި ބޮޑެތި މީހުންވެސް ވަގުތު ހޭދަކުރަން ޖެހޭކަމެވެ.
މޯލީގެ މި ކުރު އެހެނަސް ވަރުގަދަ ވާހަަކައިން އެތައް ބައެއްގެ ދިރިއުޅުން ހަމަގައިމުވެސް ބަދަލުކޮށްލައިފި އެވެ. މައުސޫމު ކުޑަ ކުޑަ ހިތަކުން ފޮނުވި އެ މެސެޖު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރައްދުވެއްޖެ އެވެ. މޯލީގެ ހުނަރުވެރިކަމާއި ވާހަކައިން އެ އުފައްދައިދިން ޖަޒުބާތުތަކުން އޭނާގެ އެ ސްޕީޗް އިތުރަށް ފަޅުފިލުވައިދިނެވެ.







