މާލެ ސަރަހައްދު ގުޅާލަން މި ވެރިކަމުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއުން އިގްތިސާދު ބަދަލުކޮށްލާނެ ކަމަށާއި އެ މަޝްރޫއާ އެކު ސަރުކާރުން ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ނިމުމުން ރާއްޖޭގެ އިގުތިސޯދު 10 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ-ތިލަފުށި ލިންކް މަޝްރޫއު ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އަމީރު މިހެން ވިދާޅުވީ ސަރުކާރުގެ އުމްރާނީ ތަރައްގީގެ ސިޔާސަތާ ގުޅުވަ އެވެ. އެގޮތުން ކޮވިޑާ ގުޅިގެން އައިސްފައިވާ އިގުތިސޯދީ ހީނަރުކަމުގެ ހާލަތުގައި ވެސް އުމްރާނީ ތަރައްގީއަށް އިންވެސްޓް ކުރަނީ އިގުތިސޯދަށް އެކަމުގެ މަންފާ ކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މިހާރު ފަންޑިން ހަމަޖެހިފައި ހުރި ހުރިހާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ފަށައިގެން ކުރިޔަށް ގެންދިއުން ކަމަށެވެ. އަދި މަޝްރޫއުތައް ހިނގާ ވަރަކަށް ދައުލަތުގެ ދަރަނި އިތުރުވީ ނަމަވެސް، މިފަދަ މަޝްރޫއުތަކުގެ އިޖުތިމާއި އަދި އިގުތިސޯދީ ފައިދާތައް މާ ބޮޑު ކަމަށް ވިދާޅުވި އެވެ.
"މި މަޝްރޫއުތަކާ ގުޅޭ ފައިސާ ޑިސްބާސް ކުރެވޭ ވަރަކަށް ދަރަނި އިތުރުވާނެ. އަދި ފިސްކަލް ޑެފިސިޓް އިތުރުވާނެ. އެކަމަކު އޭގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އިގުތިސޯދު ކުރިއަރައިދާނެ" އަމީރު ވިދާޅުވި އެވެ.
މާލެ-ތިލަފުށި ބްރިޖާ އެކު އިގްތިސާދީ ފުރުސަތުތައް ހުޅުވޭނެ
މާލެ-ތިލަފުށި ލިންކު މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދު ވާނެ އެވެ. އޭގެ ތެރެއިން 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އެވެ.
ބާކީ 400 މިލިއަން ޑޮލަރަކީ އިންޑިއާ އެގްޒިމް ބޭންކުން ހަމަޖެހިފައިވާ ލައިން އޮފް ކްރެޑިޓުން ހަރަދުކުރާ ފައިސާ އެވެ. މި ލޯނަކީ 1.75 ޕަސެންޓުގެ އިންޓްރެސްޓުގައި ފަސް އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ ގޮތަށް 15 އަހަރުން އަނބުރާ ދައްކާ ގޮތަށް ނެގި ލޯނެކެވެ.
މި މަޝްރޫއުގެ ސަބަބުން އިގުތިސޯދަށް ކުރާނެ ފައިދާތަކާ ގުޅިގެން އަމީރު ވިދާޅުވީ މި މަޝްރޫއުން މުޅި މާލެ ސަރަހައްދު ބަދަލުކޮށްލާނެ ކަމަށެވެ.
އެގޮތުން މި މަޝްރޫއަކީ ގުޅިފަޅަށް ކޮމާޝަލް ޕޯޓު ބަދަލުކުރަން ކުރާ މަސައްކަތަށާއި، ތިލަފުށީގެ އިންޑަސްޓްރިއަލް މަސައްކަތްތަކާ ގުޅާލަށް ކޮންމެހެން ބޭނުންވާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ލިންކުގެ މަސައްކަތް ނިމުމުން މާލޭގެ ތޮއްޖެހުމަށާއި ކުނި އުފުލުމުގައި ދިމާވާ މައްސަލަތަކަށް ވެސް ބޮޑު ހައްލެއް ގެނެވޭނެ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.
މިހާރު މި ބްރިޖުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފަ އެވެ. މި ބްރިޖުގެ މަސައްކަތް ކުރާނީ އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ އެފްކޮންސް އިންނެވެ.
ސަރުކާރުން މައުލޫމާތު ދިން ގޮތުގައި، އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފުރިހަމަ ވުމާ ގުޅިގެން ދެން އޮންނާނީ މޮބިލައިޒް ކުރުމެވެ. އަދި ދާދި އަވަހަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ބުންޏެވެ. ނަމަވެސް ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.











