މެންޗެސްޓާ (އޮގަސްޓް 26) - މެންޗެސްޓާ ސިޓީން ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދަން ބޭނުމީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަމަށް މަޝްހޫރު ކުޅިވަރު މީޑިއާ ސްކައި ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.
ސިޓީން ރޮނާލްޑޯ، 36، އަށް ހުށަހަޅާފައިވަނީ ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ އަހަރަކު 17 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ސިޓީން ރޮނާލްޑޯ ގެންނަން ބޭނުންވަނީ އެއްވެސް ޓްރާންސްފާ ފީއެއް އަދި ބަދަލުގައި ކުޅުންތެރިއެއް ވެސް ނުދީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
އެކަަމަކު، ސްކައި ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި ޔުވެންޓަސް އިން ރޮނާލްޑޯ ދޫކޮށްލާނީ އެންމެ މަދުވެގެން 30 މިލިއަން ޑޮލަރު ދިނުމުންނެވެ. އަދި އަގު ކުޑަކުރަން ބޭނުންނަމަ ސިޓީ އަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް ހުށަހަޅަން ޔުވެންޓަސް އިން ޑިމާންޑްކުރެ އެވެ.
ރޮނާލްޑޯ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. ޔުވެންޓަސް އިން އޭނާ އަށް މުސާރައިގެ ގޮތުގައި ސީޒަނަކު 36 މިލިއަން ޑޮލަރު ލިބެ އެވެ.
ދާދި ފަހުން ރޮނާލްޑޯ ވަނީ މީޑިއާ އިން އޭނާގެ މުސްތަގުބަލާ ގުޅުވައިގެން އެކި ވާހަކަތައް ދައްކާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ރޮނާލްޑޯ ސޯޝަލް މީޑިއާގައި ނެރުނު ބަޔާނެއްގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އަލުން ރެއާލް މެޑްރިޑަށް ދާން ނުޅޭ ކަމަށް ބުނެ ދެއްކި ވާހަކަތަކެވެ.
ރޮނާލްޑޯ ހޯދަން ޕީއެސްޖީން މަސައްކަތްކުރާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވީ ނަމަވެސް އެއީ އަދި މިހާތަނަށް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށް އިޓަލީގެ ބައެއް މީޑިއާތަކުުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ޔުވެންޓަސް އިން ރޮނާލްޑޯގެ ސޮއި ހޯދީ ރެއާލް މެޑްރިޑަށް 120 މިިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އެއް ދެއްކުމަށް ފަހު އެވެ. ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ދާދި ފަހުން އިޓަލީގެ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބުދިންއިރު ބުނީ ރޮނާލްޑޯ މި ސީޒަނުގައި މަޑުކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅުނު ރޮނާލްޑޯ ވަނީ މިހާތަނަށް ޔުވެންޓަސް އަށް ކުޅެދިން 134 މެޗުން 101 ގޯލު ޖަހައި 22 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.












