ނިކަން ރަނގަޅަށް ފެންވަރައި މީރުވަސް ދުއްވާލައިގެން ނުކުންނައިރު ގައިން ފެން ހިއްކާ ތުވާލީގެ ވަހުން ނޯއްދަމާލަން ނުކުރެ އެވެ. ކުރާ އަސަރުން ދެވަނަ ފަހަރަށް ފެންވަރާލަންވެސް ބޭނުންވެ އެވެ. މިވަނީ ކީއްބާ އެވެ؟
މާ ބޮޑަށް ހާސްނުވާށެވެ. ތުވާލިން ވަސްދުވާ ކޮންމެ ފަހަރަކީ އެއީ އަދި ތުވާލި އުކާލަންވީ ފަހަރެއް ނޫނެވެ. އެ ވަހަކީ ނިކަން ފަސޭހައިން ފިލުވޭނެ ވަހެކެވެ.
އެއީ ކޮން ވަހެއްތަ؟
ތުވާލިން އެ ދުވާ ވަހަކީ މިލްޑިއު ނަމަކަށް ކިޔާ ފަންގީ އެއްގެ ސަބަބުން ދުވާ ވަހެކެވެ. ދިރިހުރުމަށްޓަކައި މި ފަންގީ ބޭނުންވަނީ ތެތްކަމެވެ. އެހެންކަމުން އަންނައުނާއި ކަރުދާހާއި، ކާޕެޓް ފަދަ ތަކެތީގައިވެސް މި ފަންގީ އާލާވެދާނެ އެވެ.
ދެން އުފެދޭ ސުވާލަކީ އަހަންނާއި ހިސާބަށް މި މިލްޑިއު އެއް އައިސްގެން މިއުޅެނީ ކިހިނެއް ބާވާ އެވެ؟
މިއީ ކުޑަކޮށް ސައިންސް ބޭނުންވާ ކަމެކެވެ. މިލްޑިއު އަކީ އޭ ސެކްޝުއަލްކޮށް ރެޕްރޮޑިއުސް ވާ އެއްޗެކެވެ. އަދި ރިޕްރޮޑިއުސް ކުރުމުގައި ރިލީޒް ކުރަނީ ސްޕޯސް ނަމަކަށް ކިޔާ ލޮލަށް ނުފެންނަ މާއްދާ އެކެވެ. އެހެންކަމުން އެކަށީގެންވާ ފިނި ހޫނުމިނެއްގައި އަދި ތެތް މާހައުލެއްގައި މި މިލްޑިއު އާޅާވާނެ އެވެ. އަދި މި ޕްރޮސެސްގެ ބައި ޕްރޮޑަކްޓަކީ އެއްކަލަ ވަސް ގަނޑެވެ.

ތުވާލި މި ވަސްގަނޑުން ސަލާމަތްކުރާނީ ކިހިނެއް؟
މި ކަމުގައި ތުވާއްޔަށް މި ދިމާވަނީ ވަރަށް ބަދުނަސީބު ގޮތެކެވެ. ސަބަބަކީ ތުވާލީގެ ބޭނުމަކީވެސް ތެތްކަން އޭގެ ތެރެއަށް ދަމައިގަތުން ކަމުގައިވާތީ އެވެ.
އާންމުކޮށް އެހެނިހެން އަންނައުނު ދޮންނަ ގޮތަށް ތުވާލި ދޮވުމުން އޯމޯ ނުވަތަ ސޮފްނާ އެއިން ނުފިލާ ހިފެހެއްޓިފައި ހުރުން އެކަށީގެންވެ އެވެ. އަދި މާ ގިނައިރު ދޮވުމުންވެސް ތުވާލީގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފެ އެވެ.
ކޮންމެއަކަސް ތުވާލިން ވަސްފިލުވައިދިނުމަށް ބޭނުންވާ ހަތިޔާރަކީ މާ ބޮޑު މަސައްކަތަކާއި ނުލައި ނިކަން ފަސޭހައިން އަހަރެމެންގެ ގެއިން ލިބެން ހުންނާނޭ އެއްޗެހިތަކެކެވެ.
ފުރަތަމަ ދޮވުން
ތުވާލިން ވަސް ފިލުވުމަށްޓަކައި އެންމެ ފުރަތަމަ ދޮންނަން މި ޖެހެނީ އެންމެ ހޫނުގަދަ ކޮށް އޯމޯ ގެ ބަދަލުގައި އެއް ޖޯޑު ވައިޓް ވިނެގާ އަޅައިގެންނެވެ.
ވިނެގާ އެޅުމުގެ ސަބަބުން އުފެދޭނީ އެސިޑިކް މާހައުލެކެވެ. މި މާހައުލުގައި ތުވާލީގައި ހުންނަ މިލްޑިއުތައް މަރުވާނެ އެވެ. އަދި ވިނެގާގެ ސަބަބުން މެޝިންގެ އެތެރެވެސް ނިކަން ރަނގަޅަށް ސާފުވާނެކަން ހަނދާން ނައްތާ ނުލާށެވެ.
ދެވަނަ ދޮވުން
ފުރަތަމަ ދޮވުން ނިމުމުން ވީ އެންމެ އަވަހަކަށް ބައި ޖޯޑު ބޭކިން ސޯޑާ ތުވާލީގެ މައްޗަށް އަޅާލާށެވެ. އެއަށްފަހު އަނެއްކާވެސް ހޫނުކޮށް ދޮވެލާށެވެ.
މިފަހަރު މިއެޅި ބޭކިން ސޯޑާގެ ސަބަބުން އޮކްސިޑައިޒްކޮށްދީ އަދި އިތުރުވެފައި ހުރި މިލްޑިއުތައް ތުވާލިން ފިލުވައިދޭނެ އެވެ.
މީގެ އިތުރުންވެސް ބޭކިންސޯޑާ އަކީ އެހެނިހެން ގިނަ ފައިދާތަކެއްވެސް އެކުލެވޭ އެއްޗެކެވެ. މިގޮތުން ކުރިން އުފެދުނު އެސިޑް ކަން ފިލުވައިދީ، ތުވާލީގެ މަޑުކަން ހިފަހައްޓައިދޭނެ އެވެ. އަދި ބޭނުންކުރަނީ ހުދު ތުވާއްޔެއްނަމަ އެ ހުދުކަން އަނބުރާ ގެނެސްދިނުމަށްވެސް އެހީވާނެ އެވެ.
މިފަހަރުގެ ދޮވުން ނިމުމުން ވީ އެންމެ އަަވަހަކަށް ތުވާލި ހިއްކުމަކީ މުހިންމުކަމެކެވެ. ސަބަބަކީ ތެތްކޮށް މާ ގިނައިރު ހުރެއްޖެނަމަ އަނެއްކާވެސް އެއްކަލަ މިލްޑިއުތައް އާލާވުމަށް މަގުފަހިވާނެތީ އެވެ.
ހަނދާނުގައި ބަހައްޓަންވީ ދެތިން ކަމެއް!
މިފަދައިން ދޮވުމަކީ ހަމަގައިމުވެސް ތުވާލިން އެ ދުވަހާ ނުބައި ވަސް ފިލުވުމަށް ވަގުތީ ހައްލެކެވެ. ދެވަނަ ފަހަރަށް އެ ވަސް ނުދުވާނެ ކަމަށް އޮތް ގެރެންޓީ އެއް ނޫނެވެ. އެހެންކަމުން ތުވާލި ބޭނުންކޮށް ނިމުމުން ވީ އެންމެ އަވަހަކަށް ހިއްކަން ބޭއްވުމަކީ ކޮންމެހެންވެސް ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
އަދި ތުވާލިތައް ވަކިން ދޮވުމަށް ފަރުވާތެރިވެ ވީހާވެސް މަދު އޯމޯ އަދި ސޮފްނާ ބޭނުންކުރަން ހަނދާންކުރަންވާނެ އެވެ. ހަމައެޔާއެކު އަވި ލިބޭނަމަ ތުވާލި އަވީލުމަކީ ވެސް މިފަދަ ވަސްތައް ދުވުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.







