ކުޑައިރު ދަސްކުރި ގޮތާއި ބޮޑުވިއިރު ފެނުނު ގޮތް

ކުޑައިރު ދަސްކުރި ގޮތާއި ބޮޑުވިއިރު ފެނުނު ގޮތް

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

ކުޑައިރު ދަސްކުރި ގޮތް

ދޮގުހަދާކަށެއް ނުވާނެ އެވެ. ދޮގުހެދުމަކީ ބޮޑު ފާފައެކެވެ. ދޮގުހަދާ ދޮގުވެރިޔާ ދާނީ ނަރަކައަށެވެ. އޭނާގެ މައްޗަށް މާތް ﷲ ކޯފާލައްވާނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ގިނަމީހުން ދޮގުހަދަ އެވެ. ބައެއް މީހުން ބޮޑެތި ބުހުތާން ދޮގު ވެސް ހަދަ އެވެ. ބައެއް މީހުން އެ މީހުން ހަދާ ދޮގުތައް ފޫބެއްދުމަށްޓަކައި އިތުރު ދޮގުތައް ވެސް ހަދަ އެވެ. އެކަމަށްޓަކައި މަކަރާއި ޙީލަތް ވެސް ހަދަ އެވެ. ނަމަވެސް އެ މީހުން ބުނެއުޅެ އެވެ. "ދޮގުހަދާކަން ކަށަވަރީ މާތް ﷲ ބާވައިލެއްވި އާޔަތްތަކަށް އީމާންނުވާ މީހުންނެވެ!"

ކުޑައިރު ދަސްކުރި ގޮތް

ދުންޔަވީ ޙަޔާތަކީ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތްކުރަން ލިބޭ ފުރުޞަތެކެވެ. އެހެންވީމާ، މި ދުނިޔޭގައި ދިރިއުޅޭއިރު ކޮންމެ މީހަކީ ހެޔޮލަފާ ރަނގަޅު މީހެއް ކަމުގައި ވާންޖެހެ އެވެ. ކޮންމެ މީހަކުމެ ބުނާ ބަހާއި ކުރާ ޢަމަލު ދިމާވާންޖެހެ އެވެ. އަދި އިޚުލާޞްތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަން ފަދަ މާތް ސިފަތައް، ކޮންމެ މީހަކުމެ ލިބިގަންނަން ވެސް ޖެހެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ދުންޔަވީ ޙަޔާތުގައި އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތްކުރާ ބަޔަކު ވަރަށް މަދުން ނޫނީ ނޫޅެ އެވެ. ކުޑައިރު ދަސްކުރި ރީތި ސިފަތަކުގައި ހިފަހައްޓައިގެން އުޅޭ މީހުންނަކީ ދެރަ ނިކަމެތި ބަޔެކެވެ. އެހެން މީހުން، އެ މީހުންނަށް އިހާނާތްކޮށް ހިތަ އެވެ. އެ މީހުންގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފަ އެވެ. އަދި މީހަކު ތެދުބަހުން ވާހަކަދައްކައި ޙައްޤު ބަސް ބުނެފިނަމަ، އެ މީހަކު ދެކެ އެހެން މީހުން ރުޅިއާދެ އެވެ. އެހެނީ، ތެދުބަހުން ވާހަކަދެއްކުމާއި ޙައްޤު ބަސް ބުނުމަކީ ގިނަ މީހުން ނުރުހޭ ކަމެކެވެ.

ކުޑައިރު ދަސްކުރި ގޮތް

ދޮށީ ޢުމުރުގެ މީހުންގެ ކުރިމަތީގައި އަޑުގަދަކޮށް ހަޅޭފަޅޭނުލަވާށެވެ! އަދި އެ މީހުންނާ ޖަދަލުނުކުރާށެވެ! އެ މީހުން ދައްކާ ވާހަކަ އަޑުއަހައި، އެ މީހުންގެ ޙަޔާތުގެ ތަޖުރިބާއިން ފައިދާ ޙާޞިލުކުރާށެވެ! އަދި އެ މީހުންނަށް ބޯލަނބައި ކިޔަމަންވެ އިޙުތިރާމުކުރާށެވެ!

ބޮޑުވިއިރު ފެނުނު ގޮތް

ބޮޑެތި މީހުންގެ ކުރިމަތީގައި އަޑުގަދަކޮށް ހަޅޭފަޅޭލެވުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ގިނަ މީހުން އެ މީހުންނާ ޖަދަލުކުރެ އެވެ. އެ މީހުން ދައްކާ ވާހަކަ އަޑުއެހޭނީ ކިހިނަކުން ހެއްޔެވެ؟ އެ މީހުންނަކީ ތަންދޮރު ނުދަންނަ ކުޑަކުދިން ފަދަ ބަޔެކެވެ. އެ މީހުންނަށް އެނގޭ އެއްޗެއް ނެތެވެ. ދުނިޔެ ވަނީ އެ މީހުން ފަސްދީ ކުރިއަރާފަ އެވެ. އެ މީހުންގެ ވިސްނުމާއި ފިކުރާއި ތަޖުރިބާއިން މިއަދަކު މަންފާއެއް ނުކުރާނެ އެވެ. މިހާރު ދުނިޔޭގައި ވަނީ އެ މީހުންގެ ޒަމާނުގައި ނެތް އާ ކަންކަމެވެ. މި ކަންކަމާ ބެހޭ ތަޖުރިބާއެއް އެ މީހުންގެ ކިބަޔަކު ނެތެވެ. އަދި އެ މީހުންނަށް ބޯލަނބައި ކިޔަމަންވެ އިޙުތިރާމުކުރާ ބަޔަކު ވެސް ނޫޅެ އެވެ.

ކުޑައިރު ދަސްކުރި ގޮތް

ކުށަށް އިޢުތިރާފުވެ، މަޢާފަށް އެދުމަކީ ރީތި ކަމެކެވެ. އެ ކަން ކުރާ މީހާއަކީ، އެހެން މީހުންގެ ނަޒަރުގައި ޢިއްޒަތްތެރި މީހެއް ކަމުގައި ވާނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ކުށަށް އިޢުތިރާފުވެ، މަޢާފަށް އެދުމަކީ ހުތުރު ކަމެކެވެ. އެ ކަން ކުރާ މީހާއަކީ، އެހެން މީހުންގެ ނަޒަރަކުގައި ދެރަ ނިކަމެތި މީހެކެވެ. އާރާއި ބާރު ލިބިފައިވާ ޢިއްޒަތްތެރި މީހުންނަކީ، ކުށަށް އިޢުތިރާފުވެ މަޢާފަށް އެދޭ ބަޔެއް ނޫނެވެ.

ކުޑައިރު ދަސްކުރި ގޮތް

ވަޢުދެއް ކޮށްފިނަމަ، އެ ވަޢުދެއް ފުއްދުމަކީ މިނިވަނާގެ މައްޗަށް އޮތް ދަރަންޏެކެވެ. ކޮންމެފަދަ ނަތީޖާއެއް ނިކުތަސް ވަޢުދު ފުއްދަންޖެހޭނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ގިނަމީހުންނަކު ވަޢުދެއް ނުފުއްދަ އެވެ. ވަޢުދަކީ އިތުބާރެއް ނެތް އެއްޗެކެވެ. ވަޢުދު ފުއްދުމަކީ ގިނަ މީހުން ކުރާހިތްވާ ކަމެއް ނޫނެވެ. އެ މީހުން ނުރުހޭ ފަދަ ނަތީޖާއެއް އެކަމުން ނިކުމެދާނެތީ، އެ މީހުން އެކަމުން އެއްކިބާވެ އެވެ.

ކުޑައިރު ދަސްކުރި ގޮތް

ޙައްޤަކީ ޙައްޤު އެއްޗެކެވެ. ތިމާއަށް ލިބެންޖެހޭ ޙައްޤެއްވާނަމަ، އެ ޙައްޤު ހޯދުމަށްޓަކައި މަސައްކަތްކުރަންވާނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ބައެއް މީހުން ޙައްޤު ކަމުގައި ބުނާ އެއްޗަކީ ބާޠިލު އެއްޗެކެވެ. ގިނަ ޙާލަތްތަކުގައި ޙައްޤާއި ބާޠިލު ވަނީ އޮޅިފަ އެވެ. ތިމާއަށް ލިބެންޖެހޭ ޙައްޤެއް ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ ބުރަ ކަމެކެވެ. އެކަން ކުރާ މީހާއަށް ގިނަ ފަހަރު ލިބެނީ ގެއްލުމެވެ.

ކުޑައިރު ދަސްކުރި ގޮތް

ފައިދާހުރި ވާހަކައެއް ނޫނީ ދައްކައިގެންނުވާނެ އެވެ. އެހެން މީހުންގެ ތަޖުރިބާއިން ފައިދާ ޙާޞިލުކުރުމަށްޓަކައި، އެ މީހުން ދައްކާ ވާހަކަތައް އަޑުއަހަންވާނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

ގިނަ މީހުން ދައްކަނީ ފައިދާއެއް ނެތް ބޭކާރު ވާހަކަތަކެވެ. އެ މީހުން ދައްކަނީ އެ މީހުންނަށް ޙަޤީޤަތް ނޭނގޭ ކަންކަމުގެ ވާހަކަ އެވެ. އެ މީހުން ދައްކަނީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަ އެވެ. ގިނަ މީހުން އަޑުއަހަނީ އެ މީހުންގެ މިޒާޖާ ގުޅޭ ޒާތުގެ ވާހަކަ އެވެ. އެ ނޫން ވާހަކަތަކަށް ސަމާލުކަމެއް ނުދެ އެވެ.

ކުޑައިރު ދަސްކުރި ގޮތް

އަދަބުވެރިކަމާއި އަބުރުވެރިކަމާއި ބަނިޔާދަންކަމަކީ މާތް ސިފަތަކެކެވެ. ޢިއްޒަތްތެރިންގެ ކިބައިން އެ ސިފަތައް ފެންނާނެ އެވެ. އަދި އެ މީހުން ދޫރައްކާތެރިކުރާނެ އެވެ. ހިތަށް އަރާހައި ވާހަކައެއް ނުދައްކާނެ އެވެ. އެ މީހުން މީހެއްގެ އަބުރާ ވެސް ނުބެހޭނެ އެވެ.

ބޮޑުވިއިރު ފެނުނު ގޮތް

އަދަބުވެރިކަމާއި އަބުރުވެރިކަމާއި ބަނިޔާދަންކަމަކީ ޢިއްޒަތްތެރިންގެ ކިބައިން ފެންނަ ސިފަތަކެއް ނޫނެވެ. ޢިއްޒަތްތެރިންގެ ގޮތުގައި ފެންނަނީ ނުލަފާ މީހުންނެވެ. އެ މީހުންގެ ދުލުން އެންމެ ނުބައި ވާހަކަތައް ދައްކަ އެވެ. އަނެކުންގެ ފަތިފުށް ހާމަކޮށް، އަނެކުންގެ އަބުރާ ވެސް ބެހެ އެވެ. ރުޅި އިސްކޮށް މާރާމާރީ ވެސް ހިންގަ އެވެ. ޙަރާމެއް ޙަލާލެއް ނުބަލައި އަނެކުންގެ މިލްކިއްޔާތަށް ވެސް އަރައިގަނެ އެވެ.

ދަންނައެ، މި ދުނިޔޭގައި ކަންކަން ހިނގަމުންދަނީ ކުޑައިރު އުނގެނި ދަސްކުރި ގޮތާ މުޅީން ޚިލާފަށެވެ. މި ކަން އެނގުނީ ބޮޑުވިއިރު ފެނުނު ކަންކަމުންނެވެ. ފަހެ، މި ދުނިޔޭގައި އުޅެންވީ، ކުޑައިރު ދަސްކުރި ގޮތަށް ހެއްޔެވެ؟ ނުވަތަ މި ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތާ އެމުނިއެކުލެވިގެން ހެއްޔެވެ؟

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox