ރަބީޢަށް އަލްވަދާޢު ކިޔާހިނދު...

ރަބީޢަށް އަލްވަދާޢު ކިޔާހިނދު...

އަހަރެންގެ ކަށީގެ މަދަކީ ވިއްސާރަ މޫސުމުގެ މުރާސިލަކަށް ވެއްޖެ އެވެ. ފަތިހަށިކަން ގެއްލި ގައިގެ ބަރުދަން ތެދަށް އުފުލާލުން ހުޅުތަކަށް ބުރަވާން ފަށައިފި އެވެ. ފޮނި ކާނާއަށް ގޮހޮރު ހޯހޯ ގޮވާއިރު، ދަތްޕިލާ ފިނި ބުއިންތަކާ ބީރައްޓެހި ވެއްޖެ އެވެ. އިހުސާސްތަކާއެކު މޫނަށް އަންނަ ކުލަތައް ގެއްލި، ފިއްސާއި ކުލަފޮށީގެ އެހީގައި މެނުވީ ޝަބާބުގެ ދުޅަހެޔޮކަން ދެއްކުން ދަތިވާން ފަށައިފި އެވެ. އިސްތަށިގަނޑުގައި އަޅާ "ދަޅަ" އަކީ ފޮރުވާފައިވާ ނުރަތަކުގެ އަލިކަމަށްވެއްޖެ އެވެ. ޙަޔާތުގެ ރަބީޢު ނިމި ޚަރީފުގެ ގަދަ ފިނީގެ އަސަރު ކުރަން ފަށައިފި އެވެ. ޢުމުރުން ފާއިތުވި ދައުރާ މެދު ވިސްނައި، ޙަޔާތުގެ ފަތްފުއްތައް އަލުން ނިއުޅައި އަގުކުރެވެން ފަށައިފި އެވެ.

ދުނިޔެ އަހަންނަށް ދީފައިވާ ޒުވާންކަމުގެ ދައުރު ފުރިހަމަ ވެގެންދާއިރު، މި ބޮޑު ދުނިޔެއަށް ކުޑަކުޑަ އަހަރެން ދޫކުރާ ނިޝާނަކީ ކޮބައިބާވަ އެވެ؟ އެއީ އަހަރެންގެ ދަރިފަސްކޮޅު ހެއްޔެވެ؟ އެކި ޢުމުރުގައި ނަގައި ރައްކާކޮށް، ހިރަފުސްއަރަމުންދާ އަހަރެންގެ ފޮޓޯތައް ހެއްޔެވެ؟ ދައުލަތުން އަހަރެން ދަފުތަރުކޮށް ދީފައިވާ ރައްޔިތުކަމުގެ ނަންބަރު ހެއްޔެވެ؟ އެކި މީހުން އެކި ނާޅިން މިނާ އަހަރެންގެ ޝަޚުޞިއްޔަތު ހެއްޔެވެ؟ ޢުމުރު ދެބައި ވާއިރު، ދުނިޔެއަށް އަހަރެން ދިނީ ކޮން އެއްޗެއް ހެއްޔެވެ؟ އާޚިރަތަށް ރައްކާކުރެވުނީ ކޮން އެއްޗެއް ހެއްޔެވެ؟

ޒުވާންކަމަކީ ކޮބައިކަން ކަނޑައަޅަނީ ކާކު ހެއްޔެވެ؟ ޢުމުރުން ފާއިތުވާ އަހަރުތައް ގިންތިކުރާ ގިންތިކުރުމަކުން ހެއްޔެވެ؟ ޒުވާންކަމުގެ ދައުރު ކަނޑައަޅަނީ ތިމާ އަމިއްލައަށް ހެއްޔެވެ؟ ޒުވާންކަމަކީ ޅަފުރަޔާއި ހަރު ޢުމުރާ ދެމެދުގައިވާ "ފާލަން" ކަމުގައިދެކޭނަމަ، ހަރުމީހަކަށް ވާން ބޭނުންވާ ބުއްދިއާއި ޙިކުމަތްތެރިކަމާއި ތަޖުރިބާ އަހަރެންނަށް ލިބިފައިވާކަމަށް ޤަބޫލުނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޒުވާން ދައުރު އެދެވޭ ގޮތުގައި ވޭތު ނުކުރެވުނީ ތޯއްޗެކެވެ. ޅަފުރައިގެ ހަނދާންތައް އަދިވެސް މި ސިކުނޑީގައި މާ ތާޒާކޮށް ހުންނާތީ ތޯއްޗެކެވެ. ޒުވާން ޢުމުރަށް ކަނޑައެޅި ލަނޑުދަނޑިތަކަށް ވާޞިލުވާން އަދި ގާތްވެސް ނުވާތީ ތޯއްޗެކެވެ. "ކާމިޔާބު" ޒުވާނުންނާއި "ނަމޫނާ" ޒުވާނުންގެ ދިރިއުޅުމާއި އަހަރެންގެ ދިރިއުޅުމާ އަޅާކިޔޭތީ ތޯއްޗެކެވެ.

ޒަމާން މިއަދު އަހަންނަށް ހަޖޫޖަހާނެ އެވެ. މިއަދު އަހަރެން މި ތައްޔާރު ވަނީ، މީގެ ކުރިން އަހަރެން ބޭކާރު ކުރަމުންދިޔަ އާބާދީއާ ގުޅުމަށެވެ. އެބައެއްގެ ތަޖުރިބާ އަކީ ނާތަހުޒީބު ކަމަށް ދައުވާކޮށް، އެބައެއްގެ ތަޢުލީމުގެ އަދާހަމަކަމާ މެދު ސުވާލު އުފެއްދި އާބާދީއާ ގުޅުން ނޫން އިޚުތިޔާރެއް ނެތެވެ. އެބައެއްގެ ޘަޤާފަތްތަކާއި އާދަކާދަތަކަށް އިއްޔެ މަލާމާތްކުރީމު އެވެ. މިއަދު، ޖެހިލުންވެ ހުރެ، އެ އާބާދީއާ މި ގުޅެނީ، އަހަރެންގެ ތަޖުރިބާތަކާއި ޢިލްމާއި ޙިލްމު ކުޑައިމީސްކުރާނޭ ބަޔަކު އުޅޭނޭކަން ހަނދާންކޮށް، ޅަފުރައިގެ ޖާހިލުކަމާމެދު ލަދުވެތިކަން އިހުސާސްކުރެވޭ ޙާލުގަ އެވެ.

އަހަރެން ތައްޔާރެވެ. ޒުވާންކަމުގެ ފަހު ދުވަސްތައް ގުނަނީ، ހަޔާތުގެ ދެން އޮތް ބާބަކީ އިހުނަށްވުރެ މަޢުނަވީގޮތެއްގައި ހޭދަކުރާ ވަގުތުތަކަކަށް ހެދުމުގެ ޢަޒުމުގަ އެވެ. އަހަރެންވެސް ތައްޔާރުވަނީ ހަމަހިމޭންކަމުން އުފާ ހޯދުމަށެވެ. އިސް ރައްވެއްސަކަށްވުން އިރާދައިގައި ވާނަމަ، އެކަމަށް ފޮށިތަންމަތި ބަނުމަށެވެ. ޒުވާނުންގެ ކިބައިން މުޖުތަމަޢު އެދޭ ޚިދުމަތްތައް ކުރާ ވަރަށްވުރެ ހަށިގަނޑު ވަރުބަލިވެއްޖެ އެވެ. ސިކުނޑިއަށް ބަރުވެއްޖެ އެވެ. މެދު ޢުމުރުގައިވެސް ވަރުބަލިކަން ނުދަންނާނޭ ޒުވާން ހިތްތައް ލިބުނު ނަޞީބުވެރިންނަށް އެ ޒިންމާ ދޫކޮށްލާނަމެވެ. މިއަދު އެދެވެނީ ސުލްޙަ މަސަލަސްކަމަށް ކުރާ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުމަކަށް ނޫނެވެ. އެހެންނަމަވެސް އެ މަންޒިލަށް ވާޞިލުވުމަށް އަދާހަމައަށް ކުރި މަސައްކަތްތައް އާ ޖީލަކާ ހަވާލުކޮށް، އޭގެ ފޮނި މީރުކަން ތަޖުރިބާކުރުމުގެ ނަޞީބު ލިބުމަށެވެ.

އަހަރެން ދުނިޔެ ދޫކޮށް ދިއުމުން، ދިރިތިބީން އަހަރެންގެ ހަނދާން އާކުރާނެ ބާވަ އެވެ؟ ޔަޤީނެވެ. މަރު އައުމުން ހިތާމަކުރާނޭ ކޮންމެވެސް ބަޔަކު ވާނެ އެވެ. އެހެނަސް އެ ހިތާމަ، ފަނޑުވަމުންދާ ހަނދާނަކަށް އިސާހިތަކު ބަދަލުވާނެތެވެ. ދިރިތިބީންގެ އަވަދިނެތިކަމުގެ ތެރެއަށް ގެއްލިގެން ހިނގައިދާނެ އެވެ. ޒުވާންކަމުގެ ތަރިކަ ފަދައިންނެވެ. މިއީ މާއްދިއްޔަތަށް ކަނޑައެޅިފައިވާ ނިޔާ އެވެ. ދުނިޔޭގެ ޤާނޫނެވެ. ވަގުތުގެ ކެހިވެރިކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox