އަންނަ އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް ފީފާ އުސޫލުތަކުގެ ތެރެއަށް ފެއްތުމުގެ ގޮތުން ބަދަލެއް ގެނެސްފި އެވެ.
އެ ގޮތުން ސާފް ޗެމްޕިއަންޝިޕް ޝެޑިއުލަށް މި ގެނައި ބަދަލުގެ ސަބަބުން ދެ މެޗުގެ ދެމެދުގައި އިތުރު އެއް ދުވަސް ލިބޭނެ އެވެ. އެންމެ ފުރަތަމަ މިދިޔަ ބުދަ ދުވަހު އާންމުކުރި ޝެޑިއުލްގައިވާ ގޮތުން ދެ މެޗު ދެމެދުގައި ބައެއް ޓީމުތަކަށް ލިބެނީ ދެ ދުވަހެވެ. އަލުން ނެރުނު ޝެޑިއުލްގައިވާ ގޮތުން މަދުވެގެން ދެ މެޗު ދެމެދުގައި ކޮންމެ ޓީމަކަށް ވެސް ތިން ދުވަސް ލިބޭނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަަދަދު" އަށް ވިދާޅުވީ ފީފާ އިން އަމަލުކުރަމުން އަންނަ އުސޫލުތަކުގައިވާ ގޮތުން މުބާރާތެއްގެ ދެ މެޗު ދެމެދުގައި އެކަށީގެންވާ ވަގުތެއް ރިކަވަރީ އަށް ދޭން ޖެހޭ ކަމަށާއި ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލަށް މި ގެނެވުނު ބަދަލާ އެކު އެކަން ކަށަވަރުކުރެވޭނެ ކަމަށެވެ.
ޝެޑިއުލަށް ގެނެވުނު ބަދަލާ އެކު ވެސް ރާއްޖެ ފުރަތަމަ މެޗުގައި އޮކްޓޫބަރު އެއް ވަނަ ދުވަހު ހަވީރު ކުޅެނީ ނޭޕާލާ ދެކޮޅަށެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ސެމީ ފައިނަލްގައި 3-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. ފައިނަލުގައި ރާއްޖެ މޮޅުވީ އިންޑިއާ އަތުން 2-1 އިންނެނެވެ.

ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުގެރޭ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. އޭގެ ތިން ދުވަސް ފަހުން އޮކްޓޫބަރު 10 ވަނަ ދުވަހު ހަވީރު ސްރީލަންކާއާ ކުޅުމަށް ފަހު 13 ވަނަ ދުވަހުގެރޭ ލީގު ބުރުގެ ފަހު މެޗުގައި ބައްދަލުކުރާނީ އިންޑިއާއާ އެވެ. ކުރިން 13 ވަނަ ދުވަހު ކުޅެން ޝެޑިއުލްކުރި ފައިނަލް މެޗު މިހާރު އޮންނާނީ އޮކްޓޫބަރު މަހު 16 ވަނަ ދުވަހުގެރޭގަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ ފަސް ގައުމެވެ. އެއީ ރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާން މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. ދަތުރުކުރުމުގެ ހުއްދަ ނެތުމުން ބޫޓާން ވެސް ވަނީ މުބާރާތުގައި ބައިވެރިނުވެވޭނެކަން އަންގައިފަ އެވެ.
މިއީ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާ ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ވަނަ އަހަރު ސްރީލަންކާއާ ގުޅިގެންނެވެ.
ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.













