އަންނަ އޮކްޓޫބަރު މަހު މާލޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ އާއި ނޭޕާލް ވާދަކުރަން ޖެހިއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ޝެޑިއުލް މިއަދު އާންމުކުރިއިރު، ރާއްޖެ އާއި ނޭޕާލް ކުޅޭ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު މަހު އެއް ވަނަ ދުވަހު ހަވީރު އެވެ. އެރޭ ކުޅޭ މުބާރާތުގެ ދެ ވަނަ މެޗުގައި ސްރީ ލަންކާ ވާދަކުރާނީ ބަންގްލަދޭޝްއާ އެވެ.
ރާއްޖޭން 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ސެމީ ފައިނަލްގައި 3-0 އިން ނޭޕާލް ބަލިކޮށްފަ އެވެ. ފައިނަލުގައި ރާއްޖެ މޮޅުވީ އިންޑިއާ އަތުން 2-1 އިންނެނެވެ.
ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ރާއްޖޭން ވަނީ ނޭޕާލާ ދެކޮޅަށް ހަތް ފަހަރު ކުޅެފަ އެވެ. ދެ މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް ފަސް މެޗުން ރާއްޖެ ވަނީ މޮޅުވެފަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ ފަސް ގައުމެވެ. އެއީ ރާއްޖެ، ނޭޕާލް، އިންޑިއާ، ބަންގްލަދޭޝް އަދި ސްރީލަންކާ އެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުން ޕާކިސްތާން މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. ދަތުރުކުރުމުގެ ހުއްދަ ނެތުމުން ބޫޓާން ވެސް ވަނީ މުބާރާތުގައި ބައިވެރިނުވެވޭނެކަން އަންގައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗު ޝެޑިއުލް.
ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބައްދަލުކުރާނީ ބަންގްލަދޭޝްއާ އެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޫބަރު އަށް ވަނަ ދުވަހު ހަވީރު ސްރީ ލަންކާއާ ކުޅޭނެ އެވެ. އަދި ފަހު މެޗުގައި އޮކްޓޫބަރު 11 ވަނަ ދުވަހުގެރޭ ބައްދަލުކުރާނީ އިންޑިއާއާ އެވެ.
ފަސް ޓީމު ވާދަކުރާތީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެނީ ލީގު އުސޫލުންނެވެ. ފައިނަލަށްދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެކެވެ. ފައިނަލް މެޗު ކުޅެން މިހާރު ނިންމާފައިވާ ތާރީހަކީ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުގެރޭގަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ މެޗު ތާވަލު ކަނޑައެޅުމުގައި ބަލާފައިވަނީ އެންމެ ފަހުން ނެރުނު ފީފާ ރޭންކިން އަށެވެ. މި މަހު 12 ވަނަ ދުވަހު ނެރުނު ފީފާގެ ރޭންކިން އަށް ބަލާއިރު، ސަރަހައްދުން ރޭންކިންގެ އެންމެ ކުރީގައި އޮތީ އިންޑިއާ އެވެ. އެ ޓީމު އޮތީ ދުނިޔޭގެ 105 ވަނައިގަ އެވެ. ރާއްޖެ އޮތީ ދުނިޔޭގެ 158 ވަނައިގަ އެވެ. ނޭޕާލް އޮތީ 168 ވަނައިގަ އެވެ. ބޫޓާން 187 ވަނައިގައި އޮތްއިރު، ބަންގްލަދޭޝް އޮތީ 188 ވަނައިގަ އެވެ. ޕާކިސްތާން 198 ވަނައިގައި އޮތްއިރު، ސްރީލަންކާ އޮތީ 205 ވަނައިގަ އެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ވެސް މިދިޔަ އަހަރު ބަންގްލަދޭޝްގައި ބާއްވަން ނިންމި މުބާރާތެކެވެ. އެކަމަކު، މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ގިނަ މަސައްކަތްތަކެއް ކޮށްގެން މި އަހަރު ވެސް ބަންގްލަދޭޝްގައި މުބާރާތް ހޯސްޓްކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ބަންގްލަދޭޝްގައި މުބާރާތް ހޯސްޓް ކުރެވޭ ގޮތް ނުވުމުން ޖެހުނީ މުބާރާތް ބާއްވާނެ ގައުމެއް ކަނޑައަޅަން އަލުން ބިޑަށް ހުޅުވާލާށެވެ. އެންމެ ފުރަތަމަ ރާއްޖެ އާއި އިންޑިއާ އަދި ނޭޕާލުން މުބާރާތް ހޯސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އިންޑިއާ އިން ރަސްމީކޮށް ބިޑް ނުކުރެ އެވެ. ރާއްޖޭން ބިޑް ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެވެ. އެސިސްޓަންޓް ކޯޗަކަށް އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުހައްމަދާއި އަސްލަމް އަބްދުއްރަހީމް އެވެ. އަދި ޓީމު ޑޮކްޓަރަކީ އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ޓްރެއިނިން ކޭމްޕެއް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެފްއޭއެމުން މަސައްކަތްކުރަނީ ދުބާއީ ނުވަތަ ސައުދީ އަރަބިއްޔާ އަށް ދިއުމަށް ކަމަށް މީގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.












