އުމުރުން އެންމެ 10 އަހަރުގައި ޖީސީއީ އޯލެވެލްގެ ކެމިސްޓްރީ ހަދައި އޭ ސްޓާ ހޯދި ހުރަވީ ސްކޫލްގެ ދަރިވަރު ހއ. އިހަވަންދޫ، ވަފާ، ރަޔާން ރިޔާޒް އަބްދުލް ވާހިދާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލު ކުރައްވައި، މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރަޔާންއާ ބައްދަލު ކުރައްވައި ރައީސް ވަނީ ޅަ އުމުރެއްގައި ރަޔާން، ޖީސީއީ އޯލެވެލްގެ ކެމިސްޓްރީން އެފަދަ މަތީ ވަނައެއް ހޯދުމުން ތައުރީފު ކުރައްވައިފަ އެވެ. އަދި ރަޔާންގެ މައިންބަފައިން އެކަމަށްޓަކައި ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި ރަޔާންގެ މަންމަ، އާއިޝަތު ޔުމްނާ އަށާއި ބައްޕަ މުހައްމަދު ރިޔާޒަށް ޝުކުރު އަދާކުރެއްވި އެވެ.
މި ބައްދަލުކޮށްލެއްވުމުގައި ކެމިސްޓްރީއާ މެދު ރަޔާން ޝައުގުވެރިވި ގޮތާ ގުޅޭގޮތުން ރައީސް އެއްސެވި އެވެ. އަދި ރަޔާން ބޭނުންވަނީ ކޮންކަމެއްތޯ އާއި، ބޮޑުވެގެން އަދާކުރަން ބޭނުންވަނީ ކޮންކަހަލަ ވަޒީފާއެއްތޯ އެއްސެވި އެވެ.
ޖަވާބުގައި ރަޔާން ބޮޑުވެގެން ވާން ބޭނުންވަނީ ސައިންޓިސްޓަކަށް ކަމުގައި އޭނާ ރައީސްގެ އަރިހުގައި ދެންނެވި އެވެ. އަދި، ގޭގައި ލެބެއް ހެދުމަށާއި، ކުދި ކުދި އެކްސްޕެރިމަންޓް ކުރުމަށް ބޭނުންވާ އާލާތްތައް ބޭނުންވާ ކަމަށް ވެސް ބުންޏެވެ.


ރައީސް، ރަޔާންއާއެކު
ރަޔާންގެ ބުރަ މަސައްކަތާއި ހޯދި ކާމިޔާބީއަށް ހިތްވަރުދެއްވުމުގެ ގޮތުން އިނާމެއް އޭނާއަށް ރައީސް ދެއްވި އެވެ. އަދި، ރަޔާން ބޭނުންވާ ކަންތައްތައް ކޮށްދެއްވުމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރަޔާންގެ މަންމަ ޔުމްނާ ރައީސްގެ އަރިހުގައި ބުނެފައިވަނީ ރަޔާން ކުޑައިރުއްސުރެ ވެސް ފޮތް ކިޔުމަށް ހާއްސަ ޝައުގުރިކަމެއް ބަހައްޓާ ކަމަށެވެ. އަދި، ރަޔާންގެ މަންމައަކީ ކެމިސްޓްރީ ޓީޗަރަކަށް ވުމާއެކު ރަޔާން ވަރަށް ގިނައިން ގޭގައި ކެމިސްޓްރީ ފޮތް ކިޔާކަމަށާއި، އޯ ލެވެލްއަށް ތައްޔާރުވެފައި ވަނީ ޕެންޑެމިކްގެ ހާލަތުގައި ގޭގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ރަޔާން އަމިއްލަޔަށް އެއްޗިހި ސާޗްކޮށްގެން އަމިއްލަޔަށް ކިޔަވައިގެން ކަމަށް ރަޔާންގެ މަންމަ ޔުމްނާ ވަނީ ބުނެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ފުލުހުން ވެސް ރަޔާނަށް މަރުހަބާ ކިޔުމުގެ ގޮތުން ފުލުހުންގެ ލެބަށް ޒިޔާރަތްކޮށްލަން ފުރުސަތު ދީފަ އެވެ. ފޮތްތަކުން ދަސްކުރަމުން ދިޔަ ކަންކަން ބަލައި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ރަޔާންއަށް ފުލުހުން ދިނެވެ.
ފުލުހުންގެ ލެބަކީ ކޮންމެ ދުވަހަކު ވެސް އެތައް ބައިވަރު ފޮރެންސިކް ތަހުލީލުތަކެއް ކުރަމުންދާ ލެބެކެވެ. އެ ލެބުގައި ރަޔާން ވަނީ ބައެއް ތަހުލީލުތައް ކޮށްފަ އެވެ. އަދި، ތަހުލީލުތައް ކުރާ ގޮތް އޭނާ ވަނީ ބަލާފަ އެވެ.
އޯޓިޒަމް ހުންނަ ރަޔާންގެ ހިތުގައި ކެމިސްޓްރީއަށް އޮންނަ ލޯބީގެ ފެށުމަކީ، މިދިޔަ 11 އަހަރު ސްކޫލުގައި އެ މާއްދާ ކިޔަވައިދިން އޭނާގެ އައިޝަތު ޔުމްނާ އެވެ. ޔުމްނާ ކިޔަވައިދޭން ގެންގުޅޭ ފޮތްތަކަށް ރަޔާންގެ ޝައުގުވެރިކަން އުފެދުނެވެ. އެންމެ ތުއްތު އިރުން ފެށިގެން ކަންކަން ހޯދާ ބެލުމަށް ޝައުގުވެރިކަން ހުންނަ ރަޔާން ކިޔަން ދަސްކުރި ހިސާބުން ފެށިގެން "ދިރިއުޅެމުން" އައީ އެ ފޮތްތަކުގެ ތެރޭގަ އެވެ.
ކެމިސްޓްރީ ކިޔަވަން ޝައުގުވެރިވާ ކުއްޖަކަށް ވުމުން ޔުމްނާ ވެސް ނިންމީ ދަރިފުޅަށް އެ މާއްދާ ކިޔަވައިދޭށެވެ. އެގޮތުން 2017 ވަނަ އަހަރުގެ ސްކޫލް ޗުއްޓީގައި ގްރޭޑް 8 ގެ ޓެކްސްޓް ފޮތުން ދެ ތިން ޓޮޕިކެއް ކިޔަވައިދިނެވެ.
އެކަމަކު އޭރު އިމްތިހާނެއްގައި އޭނާ ބައިވެރިކުރުމުގެ ހިޔާލެއް ޔުމްނާ ނުގެންގުޅެ އެވެ. އެކަމަކު ފަހުން 2019 ވަނަ އަހަރު ދިރިއުޅުން މާލެ އަށް ބަދަލުކޮށް، މިދިޔަ އަހަރު ލޮކްޑައުންގައި ޔުމްނާ ނެގި އޮންލައިން ގަޑިއެއްގެ ތެރެއިން އަޖުމަ ބެލުމުގެ ގޮތުން ޕާސްޓް ޕޭޕާއަކުން ޓެސްޓެއް ދިނެވެ.
"އިމްތިހާނަށް ކުދިން ތައްޔާރު ކުރާ މީހެއް ވީމާ އެނގޭ ރަޔާންގެ އެބަހުރިކަން ނޮލެޖު މިހާރު. އެހެންވެ އަޖުމަ ބަލާލަން ދިނީ ޕާސްޓް ޕޭޕާއެއް. އޭގެން ހީ ސްކޯޑް ހަމަ ވަރަށް ރަނގަޅަށް،" ޔުމްނާ ބުންޏެވެ.
އެހިސާބުން ޔުމްނާ ނިންމީ ޖީސީއީ އޯ ލެވެލްގައި ރަޔާން ބައިވެރި ކުރާށެވެ. އެންމެ މަތީ ގްރޭޑެއް ނުލިބުނަސް ފާސް ވާނެކަން އޭނާ އަށް ޔަގީން ވާތީ އެވެ. އެކަމަކު އޯ ލެވެލް އަށް ދަރިވަރުން ތައްޔާރު ކުރުމުގައި ޔުމްނާ ވަގުތު ހޭދަކުރަމުން ދިޔައިރު ރަޔާން ތައްޔާރުކުރަން އެކަށީގެންވާ ވަގުތެއް ނުދެވެ އެވެ.
ނަމަވެސް ރަޔާން ދިޔައީ އޭނާގެ ކޮންމެ ދުވަހުގެ ކަންކަން ނިންމަމުންނެވެ. އެގޮތުން އިންޓަނެޓުން ފޮތްތައް ކިޔުމާ ކެމިސްޓްރީ ޓެކްސްޓު ފޮތް ކިޔާ ނިންމި އެވެ.












