ރާއްޖެ އިން އާއްމުކޮށް ނުފެންނަ ބާވަތެއް ކަމަށްވާ ބްލޫރިންގްޑް އޮކްޓޮޕަސް މި ފަހަކަށް އައިސް ފެންނަމުންދާތީ ސަމާލުވާން މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން މިއަދު އިލްތިމާސްކޮށްފި އެވެ.
މިއީ، ސައިޒުން ކުޑަ ވިހަ ގަދަ ބޯވައެކެވެ. މިސޮރުމެން އުފައްދާ ނިއުރޯޓޮކްސިންއަކީ އިންސާނުންގެ ފުރާނައަށް ނުރައްކާވާ ވިހައެކެވެ.
ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ އެ ވައްތަރުގެ ބޯވައަށް ނުރައްކާ އޮތް ކަން އިހްސާސްވުމުން ވަށްބޮޅުތަކެއްގެ ސިފައިގައި ގަދަ ނޫކުލައިގެ ވިދުމެއްހެން ލައްތަކެއް ހަންގަނޑަށް އަރުވައި ވިހަ މާއްދާއެއް ބޭރުކުރެ އެވެ. މިއީ އިންސާނުންގެ ހިއްސުތަކާ ބެހޭ ނާރަށް ހަމަލާދޭ ވިހައެކެވެ.
މި ބާވަތުގެ ބޯވައިގައި އަތްލައި ހަދާ ނަމަ އިންސާނުންނަށް ވެސް މީގެ ނުރައްކާ އޮންނަ ކަމަށާއި ބޯވަ ހިފައި ގެންގުޅޭއިރު ދަތް އެޅިއަސް އެކަމުގެ ތަދު އިހްސާސް ނުވެދާނެ ކަމަށެވެ. އެކަމަކު މި ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްފި ނަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނޭވާ ހާސްވުމާއި ވާގިދިއުން ފަދަ އަލާމާތްތައް ފެންނަން ފަށާ ކަމަށް މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނެ އެވެ.
މި ބާވަތުގެ ބޯވައިގެ ނުރައްކާ ކިޔައިދެމުން އެތަނުން ބުނީ ނިއުރޯޓޮކްސިން އިން ވިހަވުމާ އެކު ބޯ އެނބުރުމާއި ހޮޑުލަވާގޮތް ވުމާއި ހިތް ހުއްޓުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. ބައެއް ހާލަތްތަކުގައި ނޭވާލާ ނިޒާމުގެ ބައިތަކުން ވާގި ދިއުމުގެ ސަބަބުން، ވިހައިގެ އަސަރުކޮށްފައިވާ މީހާ މަރުވުން އެކަށީގެންވާ ކަމަށެވެ.

"މިފަދަ ހާލަތްތަކުުގައި ފުރާނަ ސަލާމަތްކުރުމަށް، ބޯވަ ދަތްއަޅާ ވަގުތުން ފެށިގެން ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިގެން ދަންދެން ކުއްލި ފަރުވާގެ ގޮތުގައި މަސްނޫއީކޮށް ނޭވާލައްވަން ޖެހެ އެވެ. އާއްމު ގޮތެއްގައި ވިހައިގެ އަސަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި އިންސާނާގެ ހަށިގަނޑުން ވިހައިގެ އަސަރު މުޅިން ފިލައިދެ އެވެ،" މެރިން ރިސާޗުން ބުންޏެވެ.
އެ ވިހަ ހަށިގަނޑުން ނައްތާލަން ފަރުވާދިނުމަށްޓަކައި އެންޓި ވެނަމެއް ހޯދިފައެއް ނުވެ އެވެ.
އެހެންކަމުން މި ވައްތަރުގެ ބޯވައެއް ފެނުނަސް އަތްލައި ނުހެދުމަށާއި ބަލާލަން ރީއްޗަސް ހިފައި ޓޭންކްތަކުގައި ވެސް ނުގެންގުޅެން މެރިން ރިސާޗް އިންސްޓިޓިއުޓުން އިލްތިމާސްކުރެ އެވެ. އަދި ބޯވައިގެ ވިހައިގެ އަލާމާތެއް އިހްސާސް ކުރެވިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އަވަސް ފަރުވާ ހޯދަން ވެސް އެދިފައިވެ އެވެ.












