މެޑްރިޑް (އޮގަސްޓް 22) - ބާސެލޯނާ އަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު އިލައިޝް މޮރީބާ ސްޕެއިން ގައުމީ ޓީމުގެ ފުރުސަތު ދޫކޮށްލައި ގިނީ ގައުމީ ޓީމަށް ކުޅެން ނިންމައިފި އެވެ.
ބާސެލޯނާގެ ސީނިއާ ޓީމުން މިދިޔަ އަހަރު ވިދާލި އުމުރުން 18 އަހަރުގެ މޮރީބާ ވަނީ ސްޕެއިންގެ 17 އާއި 18 އަހަރުން ދަށުގެ ޓީމަށް މެޗުތަކެއް ކުޅެފަ އެވެ.
ސްޕެއިންގެ ސީނިއާ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ވަނީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށް ނަގާ އެ ގައުމުގެ ސްކޮޑުން މޮރީބާ އަށް ފުރުސަތެއް ދޭން ވިސްނާ ކަމަށް ދާދި ފަހުން ބުނެފަ އެވެ. އެކަމަކު، މިހާރު މޮރީބާ ނިންމާފައިވަނީ އެފްރިކާގެ ގިނީ އަށް ކުޅޭށެވެ.
މޮރީބާގެ މަންމަ އަކީ ގިނީ މީހެކެވެ. އަދި ބައްޕަ ނިސްބަތްވަނީ ލައިބީރިއާ އަށެެވެ. އޭނާ އުފަންވީ ގިނީގެ ކޮނާކްރީގަ އެވެ. އެކަމަކު، މޮރީބާގެ އާއިލާ ސްޕެއިނަށް ބަދަލުވުމުން އޭނާ އަށް ވަނީ ސްޕެއިނުގެ ރަށްވެހިކަން ދީފަ އެވެ.

ސްޕެއިން މެޗެއްގެ ތެރެއިން މޮރީބާ.
ބާސެލޯނާގެ ލަ މާސިއާ އެކެޑަމީން ޕްރޮމޯޓްވެގެން އައި މޮރީބާ މިދިޔަ ސީޒަނުގައި ވަނީ ސީނިއާ ޓީމަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބާސެލޯނާ އިން މޮރީބާގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރަމުން އަންނައިރު، ކުޑަ މުސާރައެއް ދޭން ކްލަބުން ހުށަހަޅާތީ އޭނާ ހުރީ އެއްބަސްވުމުގައި ސޮއިނުކުރާށެވެ.
ސްޕެއިނުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ބާސެލޯނާ އިން މޮރީބާ އަށް ހުށަހަޅާފައި އޮތީ ސީޒަނަކު ތިން މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ލިބޭ ކޮންޓްރެކްޓެކެވެ. އެކަމަކު، މޮރީބާ ބޭނުންވަނީ ފަސް މިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ކޮންޓްރެކްޓްގައި ސޮއިކުރާށެެވެ.
ޖަރުމަނުގެ ބިލްޑް ނޫހުން ރިޕޯޓްކުރާގޮތުގައި ބާސެލޯނާ އިން އަންނަނީ 18 މިލިއަން ޑޮލަރުގެ ފީ އަކަށް މޮރީބާ ޖަރުމަނުގެ ކްލަބް އާރްބީ ލައިޕްޒިގަށް ވިއްކާލަން މަސައްކަތް ކުރަމުންނެވެ.
ދާދި ފަހުން ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ވަނީ މޮރީބާ އަށް ނުސީދާ ގޮތަކަށް ފާޑުކިޔައިފަ އެވެ. ކޫމަން ބުނީ ޒުވާން އުމުރުގައި ބައެއް ކުުޅުންތެރިން ރަނގަޅު ޓީމެއްގައި ހުރެ ޑިވެލޮޕްވުމުގެ ބަދަލުގައި ބޮޑު މުސާރައަކަށް ޑިމާންޑް ކުރުމަކީ ކެރިއަރަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
މޮރީބާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ބޮޑު މުސާރަ އަކަށް ޑިމާންޑްކުރާ ވާހަކަ ދޮގުކޮށްފަ އެވެ. މޮރީބާ ބުނީ ކޮންމެ މީހަކު ވެސް ވާހަކަ ދައްކަނީ ހަގީގަތެއް ބެލުމެއް ނެތި ކަމަށެވެ.












