ދައުލަތުގެ ގިނަ ހެކިތައް ބަލައިނުގަތުމަށް ޔާމީންގެ އެދިވަޑައިގެންފި

ރައީސް ޔާމީން: ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް އެދުނު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައީސް ޔާމީން: ދައުލަތުގެ ގިނަ ހެކިތަކެއް ބަލައިނުގަތުމަށް އެދުނު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ގިނަ ހެކިތައް ބަލައިނުގަތުމަށް އެމަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ފުއްގިރި މައްސަލައިގައި ޔާމީނަށް ކުރާ ދެ ދައުވާ ސާބިތުކުރުމަށް ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އެގޮތުން ޝަފަވީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް ޖުމްލަ 86 ހެއްކެއް ހުށަހެޅި އެވެ.

އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށަށް އިއުތިރާފުވެ ޖަލު ހުކުމެއްގައި ތިއްބެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެ އެވެ.

Advertisement

އޭގެއިތުރުން މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި އޭނާއާ ގާތް ގުޅުމެއް އޮންނަ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ މައުރޫފުގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)ގެ ނަން ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. ބޮންޑޭ އޭރު މަސައްކަތްކޮށްފައިވަނީ ފުއްގިރިއަށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތުގަ އެވެ.

މައްސަލާގައި މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން އެދުނީ މޮބައިލް އަދި ކޮމްޕިއުޓާ ފޮރެންސިކް ރިޕޯޓް ސިއްރުކޮށް، އެއީ ހަމައެކަނި ޝަރީއަތުގެ މަޖިލީހުގައި ޔާމީނަށް ބެލުމުގެ ފުރުސަތު ލިބޭނެ ހެއްކެއްގެ ގޮތުގައި އަމުރުކޮށްދިނުމަށެވެ.

ޔާމީންގެ ފަރާތުން ހަތަރު ހުށަހެޅުމެއް ހުށަހެޅި އެވެ. އޭގެތެރެއިން ފުރަތަމަ ހުށަހެޅުމަކީ ގިނަ ޝަފަވީ ހެކިތަކާއި ކިތާބީ ހެކިތައް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމެވެ. އެގޮތުން، ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވި ގޮތުގައި، އަދީބާއި ޒިޔަތުގެ ހެކި ބަސް ބަލައިގަނެގެން ނުވާނެ އެވެ. އެއީ، ދެ ފާސިގުން ކަމާއި ބޮޑު ފާފައަށް އިއުތިރާފުވެގެން ތިބި ދެ މީހުން ކަމަށެވެ. އެހެންވެ، އެ ދެ މީހުންކީ ހެކިބަސް ގަބޫލު ކުރެވިގެން ވާނެ ބައެއް ނޫން ކަމަށެވެ. އޭގެއިތުރުން އެ ދެ މީހުންނަކީ ޔާމީނާ ދެކޮޅަށް ހިންގާ ހެކީގެ މެޝިނެއް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މީގެއިތުރުން ދެން ބަލައިނުގަތުމަށް އެދުނު ގިނަ ހެކިންނަކީ މައްސަލާގެ މައުޟޫއާ ނުގުޅޭ ހެކިތަކެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އެގޮތުން އެ ފަރާތްތަކުގެ ބަޔާނުގައި ވެސް ޔާމީނާ ގުޅޭ އެއްވެސް ވާހަކައެއް ނެތް ކަމާއި އެމަނިކުފާނާ ދެކޮޅަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭ ސަން ސިޔާމާއި އިބްރާހިމް ރަޝީދު ހިމެނެ އެވެ. އަދި ރިޕޯޓްތައް ތައްޔާރުކުރި ފުލުހުންގެ އޮފިސަރުން ވެސް މައްސަލައާ ގުޅުމެއް ނެތް ކަމަށް ބުނެ ބަލައިނުގަތުމަށް އެދުނެވެ.

ފުއްގިރި މުއާމަލާތާ ގުޅޭ ގިނަ ލިޔުންތައް ވެސް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް ޔާމީންގެ ފަރާތުން އެދުނެވެ. އެގޮތަށް އެދުނު ސަބަބެއް ކަމަށް އަބްދުﷲ ޝިޔާޒު ވިދާޅުވީ، އެއީ ދައުވާއާ ގުޅޭ ލިޔުންތަކެއް ނޫން ކަމަށްވާތީ ކަމަށެވެ. އެ ލިޔުންތަކުން އެނގެނީ ފުއްގިރި މުއާމަލާތް ހިނގި ގޮތް ކަމާއި އެކަމާ ދައުވާގެ މައުޟޫއާ ގުޅުމެއް ނެތް ކަމަށެވެ.

ނަމަވެސް، ދައުލަތުން ވަނީ ޔާމީންގެ ވަކީލުންގެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ހުރިހާ ހެއްކަކީ ވެސް މައްސަލާގައި މުހިންމު ހެކިތަކެއްކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތުގެ ހެކި ބަސް މުހިންމު ވަނީ އެ ދެ މީހުންނަކީ ކަން ހިނގި ގޮތް އެންމެ ރަނގަޅަށް އެނގޭނެ ދެ މީހުން ކަމަށްވާތީ އެވެ. އަދި އެ ދެ މީހުންނަކީ މި މައްސަލާގައި ދައުވާ ލިބޭ ޔާމީން އައްޔަންކުރި ދެ މީހުންކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެ ދެ މީހުންގެ ބައިވެރިވުން އޮތް ނަމަވެސް، އެކަމުގައި ބައިވެރިވާ އެހެން މީހުންނާ ގުޅޭ ހެކި ފޯރުކޮށްދޭނަމަ، އެ މީހުންގެ ހެކި ބަސް ބަލައިގަނެވޭނެ އެވެ. އެއީ، އެހެން ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ އުސޫލެއް ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުން އެ ދެ މީހުންގެ ހެކި ބަހާ ގުޅޭ ގޮތުން މީގެކުރިން ނިންމާފައިވާ ނިންމުމުގައިވާ ގޮތުން ވެސް މި މައްސަލާގައި އަދީބާއި ޒިޔަތުގެ ހެކި ބަސް ގަބޫލު ކުރެވޭނެކަން އެނގޭ ކަމަށެވެ.

އެއީ، އެ ހުކުމްގައިވާ ގޮތުން ފާސިގުވެފައިވާ ބައެއްގެ ހެކި ބަސް ގަބޫލު ކުރެވޭނީ އެއާ ގުޅޭ އެހެން ހެކިތަކެއް ހުރި ނަމަ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، އަދީބާއި ޒިޔަތުގެ ހެކި ބަހާ ގުޅުވާލެވޭނެ އެހެން ހެކިތައް މި މައްސަލާގައި ދައުލަތުން ވާނީ ހުށަހަޅާފަ އެވެ.

ދައުވާގެ މައުޟޫއާ ނުގުޅޭ ހެކިތަކެއް ކަމަށް ބުނެ، ގިނަ ހެކިތަކެއް ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމަށް ވެސް ދައުލަތުން ރައްދު ދިނެވެ. އެގޮތުން، ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އެ ހެކިތަކަކީ މައްސަލާގައި މުހިންމު ހެކިތަކެކެވެ.

ފުއްގިރި މައްސަލާގެ މުއާމަލާތްތައް ހިނގި ގޮތް މި މައްސަލާގައި މުހިންމު ކަމާއި އެކަންކަން ސާބިތު ކުރެވޭނީ އެ ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ.

ޔާމީންގެ ފަރާތުން ދެން ހުށަހެޅި ހުށަހެޅުމަކީ މައްސަލާގައި ދައުވާކުރުމަށްފަހު ހެކި ލިސްޓް އިސްލާހުކޮށްފައިވާތީ އެވެ. އެގޮތުން ދައުވާ ކުރުމަށްފަހު ޝަރީއަތް ފެށުމުގެ ކުރިން ތިން ހެއްކެއް އިތުރުކޮށްފައިވެ އެވެ. އެހެންކަމުން އެ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު އަލުން ހުށަހެޅި މައްސަލައެއް ކަމުގައި ބަލަން ޖެހޭނެ ކަމާއި މިހާރު ކުރިއަށްދާ މައްސަލައަކީ ގާނޫނާ ހިލާފަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައެއް ކަމެވެ.

އެ ހުށަހެޅުމުގެ އިތުރުން މައްސަލާގެ ތަހުގީގާ ގުޅޭ ހުށަހެޅުންތަކެއް ވެސް ހުށަހެޅި އެވެ. އެގޮތުން ތަހުގީގުގައި ސުވާލު ކުރުމުގެ ކުރިން ގާނޫނީ އިންޒާރު ދިންއިރު ދައުވާކުރާ ކުށާ ގުޅޭ އިންޒާރު ދީފައިނުވުމެވެ. އޭގެ ސަބަބުން އެކަށީގެންވާ ގޮތުގައި ޖަވާބުދާރީވުމަށް ފުރުސަތު ތަހުގީގުގައި ނުލިބުނު ކަމަށް ވަކީލް ވިދާޅުވި އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވީ ގާނޫނީ އިންޒާރުދިނީ ރިޝްވަތުގެ ކުށާ ގުޅިގެން ކަމަށާއި މައްސަލާގައި ދައުވާކޮށްފައިވަނީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ކަމަށެވެ. އެހެންކަމުން، ރިޝްވަތުގެ ކުށުގެ އިންޒާރު ދީފައިވާއިރު އެކަމަށް ޖަވާބުދާރީވުމަށް ފުރުސަތު ލިބުނު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި، ދެ ދައުވާއިން ސަލާމަތްވުމަށް ވެސް ހެކި ހުށަހެޅުމުގެ ފުރުސަތު މިހާރު ވެސް އެބަ އޮތް ކަމާއި އެހެންކަމުން އެއީ އޮއްޓަރެއް ނެތް ހުށަހެޅުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ޔާމީންގެ ފަރާތުން ވަނީ އެމްއެމްޕީއާރްސީން ރަށްރަށް ކުއްޔަށް ދޫކުރުމާ ގުޅޭ ހުރިހާ ލިޔުންތަކާއި ތަހުގީގުގެ ހޯދުންތަކުގެ ލޮގްތައް ވެސް ހޯދުމަށް އެދިފަ އެވެ. ނަމަވެސް، އެކަމަށް ދައުލަތުން އިންކާރުކުރި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ފުއްގިރި މުއާމަލާތްތަކުގެ ލިޔުންތައް މައްސަލާގެ ދައުވާއާ ނުގުޅޭ ކަމަށް ޔާމީންގެ ވަކީލް ވިދާޅުވުމަށްފަހު ހުރިހާ ރަށަކާ ގުޅޭ ލިޔުންތައް ހެކީގެ ގޮތުގައި ހާމަކުރުމަށް އެދުމުން ދެކޮޅު ނުޖެހޭ ކަމަށެވެ.

ދެން މައްސަލާގައި އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅާނެ އެވެ. އެ އަޑުއެހުން ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހަށެވެ.

ޔާމީންގެ އިތުރުން މި މައްސަލާގައި ރިޒާއަށާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ. ރިޒާގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.

މައްސަލަ ބައްލަވާ ގާޒީ، އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވި ގޮތުގައި، އިބްތިދާއީ އަޑުއެހުންތައް ވަކިވަކި ގެންދިޔަ ނަމަވެސް، މައްސަލާގެ ޝަރީއަތް ކުރިއަށް ދާނީ ދައުވާ ލިބޭ އެންމެންގެ މައްޗަށް އެއް އަޑުއެހުމެއްގަ އެވެ.

ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައި ވެސް އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ.

އެމްއެމްޕީއާރުސީން ވަގަށް ނެގި އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާވި މައްސަލައެއްގައި ފަސް އަހަރުގެ ހުކުމެއް މިހާރު ވެސް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް އާރަށާ ގުޅިގެން ކުރާ ތުހުމަތަކީ ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ކުށެވެ.

ޔާމީން މިހާރު ގޭ ބަންދުގައި ހުންނެވިއިރު އެ ގޮތަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރޭތީ ކަމަށް ކެރެކްޝަނުން ބުނެފައިވެ އެވެ. ނަމަވެސް، މިހާރު ޖަލުގައި ކޮވިޑް ފެތުރުން ހުއްޓުވައި އާންމު ހާލަތަށް ވަނީ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox