ވައިރަލް ވީ ވީޑިއޯ އެއް، ދެން ރާނިޔާ ވިދާލީ ގައުމީ ޓީމުގައި!

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ރާނިޔާ: މުސްތަގުބަލު އޮތް ހުނަރުވެރި މޮޅު ކުޅުންތެރިއެއް.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ ރާނިޔާ: މުސްތަގުބަލު އޮތް ހުނަރުވެރި މޮޅު ކުޅުންތެރިއެއް.

މި އަހަރު މާޗް މަހުގެ ތެރޭގައި ކުޅިވަރު ޕްރޮމޯޓްކުރާ "ސިޑިބަރި" އިން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ދޫކޮށްލީ ތ. ހިރިލަންދޫ ޕާކެއްގެ ތެރޭގައި އުމުރުން 16 އަހަރުގެ ރާނިޔާ އިބްރާހިމް، ތަފާތު މޮޅަށް ފުޓްސަލް ބޯޅަ އަކުން ފްރީ ސްޓައިލް ހަދާ މަންޒަރެވެ. މި ވީޑިއޯ އަށް ގިނަ ބަޔެއްގެ ކަޅި ހުއްޓުނުއިރު، އޭގެ ތެރޭގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ކޯޗުން ވެސް ހިމެނެ އެވެ.

ސޯޝަލް މީޑިއާގެ އިތުރުން އެ ވީޑިއޯ އެފްއޭއެމަށް ލިބުނު އަނެއް ގޮތަކީ ހިރިލަންދޫ ސްކޫލްގެ ޓީޗަރެއްގެ ފަރާތުންނެވެ.

"ފުރަތަމަ ވީޑިއޯ ބަލާލީމަ ވެސް އެނގުނު ހުނަރުގެ ގޮތުން ތަފާތު ކުއްޖެއް ކަން. ދެން އެފްއޭއެމްގެ އަންހެން ފުޓްބޯޅަ ޑިވެލޮޕްމަންޓްގައި އުޅޭ ކޯޗުން ވެސް ބޭނުންވި މި ވަރުގެ ހުނަރު ހުރި ކުއްޖެއް ފާހަަގަވީމަ ފުރުސަތު ދޭން،" އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ގައުމީ އަންހެން ޓީމުގެ ކޯޗުގެ ޒިންމާއާ މި ވަގުތު ހަވާލުވެހުރި އަހުމަދު ޝަރީފް (ޑުންގާ)، "އަދަދު" އަށް ވިދާޅުވި އެވެ.

އެއީ ވަރަށް މަދުން ޝައުގުވެރިކަމާ އެކު ފުޓްބޯޅައިން ކުރިއަށްދާ (ރާނިޔާ ކަހަލަ) ރަނގަޅު އަންހެން ކުޅުންތެރިން ލިބެނީ.-- ޑުންގާ

ރާއްޖޭގައި ބައިނަލްއަގުވާމީ ލެވަލްގެ ތަފާތު ފުޓްބޯޅަ ކުޅުންތެރިންގެ އުފެއްދުމުގައި ނަން ހިނގާ ފާހަގަކޮށްލެވޭ ހިސާބެއް ކަމަށްވާ އައްޑޫ ސިޓީ އަށް ނިސްބަތްވާ ޑުންގާގެ މަސައްކަތުން އެތައް ކުޅުންތެރިއަކު މަތީ ފަންތީގެ ފުޓްބޯޅައާ ހަމައަށް ވަނީ ގެނެސްދީފަ އެވެ. ފުޓްބޯޅައިގެ ހުނަރުހުރި ޒުވާނުން ކުރިއެރުވުމަކީ ޑުންގާގެ ހިތުގައި އަބަދުވެސް އޮންނަ ޝައުގުވެރިކަމެކެވެ.

އޭދަފުށީ ޓީމުގެ ފަސް ކުޅުންތެރިން ކައިރިން ރާނިޔާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް

އެ ގޮތުން ގައުމީ އަންހެން ފުޓްބޯޅަ ކުރިއެރުވުމުގައި ވެސް ހާއްސަ އަމާޒެއްގައި ހުރި ޑުންގާ ބޭނުންވީ ރާނިޔާ ފަދަ ހުނަރުވެރި ކުޅުންތެރިއަކު ކުރިއެރުވޭނެ ގޮތްގޮތް ހޯދައި މަގުކޮށައިދިނުމަށެވެ. އަދި ރާނިޔާ ކަހަލަ އިތުރު ކުޅުންތެރިން ތިބި ނަމަ އެ ކުޅުންތެރިންނަށް ވެސް ފުުރުސަތު ދޭން ޑުންގާ ހުރީ ތައްޔާރަށެވެ.

ގައުމީ ޓީމުގައި ރާނިޔާގެ ފުރަތަމަ މެޗަކީ މިދިޔަ މަހު 27 ވަނަ ދުވަހު ބ. އޭދަފުށީ ޓާފް ދަނޑުގައި އެ ރަށުން ހޮވާލެވޭ އަންހެން ޓީމަކާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ރާނިޔާ ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ބެންޗުން ބަދަލެއްގެ ގޮތުގައި ކުޅެންް އަރައި ދެ ގޯލު ޖަހައި ޓީމު މޮޅުކޮށްދޭން އިސް ދައުރެއް އަދާކުރީ ރާނިޔާ އެވެ. ގައުމީ އަންހެން ޓީމަށް އެ ގޮތަށް ކުޅެން އަރައި އެހާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތަފާތެއް ދެއްކި ތިބީ މަދު ކުޅުންތެރިއެކެވެ. އެކަން ޑުންގާ ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އެ ދުވަހު ދެ ވަނަ ހާފްގައި ރާނިޔާ ކުޅެން އެރުވީ. އޭރު އެ މެޗުގެ ޕްރެޝަރު ވެސް ކޮންމެވެސް ވަރަކަށް އިންނާނެތާ. އެކަމަކު އަލަށް ކުޅެން އެރި ރާނިޔާ ފެނުނީ ކޮންފިޑެންސް ރަނގަޅުކޮށް. މި ދައްކަނީ 17 ވަރަކަށް އަހަރުގެ ކުއްޖެއް އަަލަށް ކުޅުނު މެޗެއްގެ ވާހަކަ. އޭނަ (ރާނިޔާ) ޖެހި ދެ ގޯލު އެއީ ވަރަށް މޮޅު ދެ ގޯލު. ހިއެއްނުވޭ އެ ދުވަހު ފިރިހެން ކީޕަރެއް ހުރި ނަމަވެސް އެ ބޯޅަ ހުއްޓުވޭނެހެން،" ޑުންގާ ބުންޏެވެ.

ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށެވެ. އަންނަ މަހު ތަޖިކިސްތާންގައި ބާއްވާ ކޮލިފައިން ގްރޫޕްގައި ރާއްޖެ ވާދަކުރަން ޖެހިފައިވަނީ ތަޖިކިސްތާނުުގެ އިތުރުން ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.

އަންނަ މަހު ކުޅޭ ގޮތަށް އޮތް ކޮލިފައިން މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އަންހެން ޓީމުގެ ޕްރެކްޓިސް ކުރިއިރު، އެކި ރަށްރަށުން ފާހަގަކޮށްލެވޭ ކުޅުންތެރިން ގެނަ އެވެ.

ވަރަށް ފުޅާކޮށް ގާތްގަނޑަކަށް މަހެއްހާ ދުވަހު ޓްރެއިނިނިން ކުރިއަށް ގެންދިއުމަށް ފަހު ގައުމީ ސްކޮޑު ވަނީ ފައިނަލް ކޮށްފަ އެވެ. ޔޫއޭއީގެ ޓްރެއިނިން ކޭމްޕާއި ކޮލިފައިން އަށް އެކުލަވާލި ތޭވީސް ކުޅުންތެރިންގެ ސްކޮޑުގައި ރާނިޔާ ވެސް ހިމެނުނެވެ.

ރާނިޔާ ފުޓްބޯޅަ ކުޅެން ފެށިއިރު އުމުރަކީ އެންމެ ހަތަރު އަހަރު

ފުޓްބޯޅަ އަކީ ރާއްޖޭގެ އެއް ވަަނަ ކުޅިވަރެވެ. އެ ހަގީގަތަށް ދެބަސްވާނެ މީހެއް މި ފަސްގަނޑުގައި ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ގުޅިފައި އޮތީ ޖަޒީރާކޮށް ބެހިފައި މި އޮތް ރާއްޖޭގެ ހުރިހާ ރަށްތަކަށެވެ. ރާއްޖޭގައި ފިރިހެން ފުޓްބޯޅަ ވިޔަސް އަންހެން ފުޓްބޯޅަ ވިޔަސް ދެން މުސްތަގުބަލެއް އޮތީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް އަތްފުނާއަޅައި މޮޅެތި ކުޅުންތެރިން ޒުވާން އުމުރުގައި ހޯދައިގެންނެވެ.

ޒުވާން އުމުރުގައި ރާއްޖޭގެ ކުޅުންތެރިންނަށް ރަނގަޅު ޓްރެއިނިން ފުރުސަތު ލިިބިއްޖެނަމަ ރާއްޖޭން ބޭރުގައި ކުޅޭނެ ގިނަ ކުޅުންތެރިންތަކެއް އުފެއްދޭނެ ކަމަށް ރާއްޖެ އަންނަ މަޝްހޫރު ގިނަ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.

ސުވާލަކީ ޒުވާން އުމުރުގައި ކުޅުންތެރިން ހޯދޭނެ ފަދަ ވަސީލަތްތަކެއް ގާއިމްކުރެވޭނީ ކިހާ ހިސާބަކުތޯ އެވެ. އެފްއޭއެމުން އެ އަށް ދޭ ޖަވާބަކީ ވަރަށް އަވަހަށް ރަސްމީކޮށް ހުޅުވަން މަސައްކަތްކުރާ ފުޓްބޯޅަ ސްކޫލް އެވެ.

ގައުމީ އަންހެން ޓީމުގެ ފައިނަލް ސްކޮޑުން އުމުުރުން 16 އަހަރުގައި ރާނިޔާ އަށް ފުރުސަތު ލިބުނުއިރު، އޭނާ އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށީ އުމުރުން ހަތަރު އަހަރުގަ އެވެ. ރާނިޔާ އެހާ ޅަ އުމުރުގައި އަންހެން ކުއްޖަކަށް ވެ ހުރެ ވެސް ފުޓްބޯޅަ ކުޅެން ފެށުމުން އެ ކަމުގެ ޝައުގުވެރިކަމުގައި ކުރިއަށް ދިއުމަށް އޭނާގެ އަތުގައި ހިފީ އާއިލާއިންނެވެ. އެކަން އޭނާ އުފަލާ އެކު ފާހަގަކުރެ އެވެ.

"ރަށުގައި އަންހެން ކުދިން ފުޓްބޯޅަ ނުކުޅޭއިރު ވެސް ރާނި ގޮވައިގެން ޕްރެކްޓިހަށް ދާނީ ބައްޕަ. އާއިލާގެ އެންމެން ވެސް ވަރަށް އެހީތެރިވެދޭ ހަގީގަތުގައި. އަންހެން ކުއްޖަކަށް ވިޔަސް ކުޅުން ކުރިއަށް ގެންދަން އެންމެން ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ،" ރާނިޔާ ބުންޏެވެ.

ގައުމީ ޓީމުގައި ރާނިޔާ އެންމެ ހާސިލްކުރަން ބޭނުންވާ ކަމަކީ ސަރަހައްދީ ފެންވަރުގެ މުބާރާތެއްގެ ތަށި ރާއްޖެ އަށް ހޯދައިދިނުމެވެ.

އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗަށް ނުކުތް ގައުމީ އަންހެން ޓީމުގެ ފުލް ސްކޮޑު: ޖޯޒީ ނަމްބަރު 19 ރާނިޔާ.-- ފޮޓޯ: އެފްއޭއެމް

ގައުމީ ޓީމުގައި ރަށަކަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނުމަކީ އެ ރަށަކަށް ވެސް ލިބޭ ރީތި ނަމެކެވެ. އެ ރަށެއްގައި ދިރިއުޅޭ މީހުން ފަހުރުވެރިކަމާ އެކު ފާހަގަ ވެސް ކުރާ ކަމެކެވެ. ރާނިޔާ މިހާތަނަށް ގައުމީ ޓީމާ ހަމައަށް މި ކުރި ދަތުރުގައި އޭނާގެ އުފަން ރަށް، ހިރިލަންދޫގެ ރައްޔިތުންގެ އެއްބާރުލުން އިސް ރޯލެއް ކުޅުނެވެ.

ހިރިލަންދޫ ސްކޫލްގެ ސްޕޯޓްސް ސުޕަވައިޒަރު އަދި އެ ރަށު ޒުވާން ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ރަޝީދު "އަދަދު" އަށް ބުނީ ރާނިޔާ ވަރަށް ކުޑައިރުއްސުރެ ފުޓްބޯޅަ އޮތް ލޯތްބާއި ޝައުގުވެރިކަމާ އެކު، ފަސް ބެލުމެއް ނެތި މޮޅުވާން މަސައްކަތްކުރި ކަމަށެވެ. އަދި އެ ރަށުގައި އަންހެން ކުދިން ފުޓްބޯޅަ ކުޅެން ހާއްސަ ސަމާލުކަމެއް ނެތް ކަމުގައި ވިޔަސް ވެސް ރާނިޔާ އެ ކަމަށް އޮތް ޝައުގުވެރިކަމުގައި ކުރިއަށް ގޮސް ކުރި މަސައްކަތުން ގައުމީ ޓީމާ ހަމައަށް ދިއުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި އަލީ ވަނީ ފާހަގަކޮށްފަ އެވެ.

"ރަށުގެ ދަނޑުގައި ފިރިހެނުން ބޯޅަ ކުޅޭއިރުގައި އަރިމަތީގައި އޮންނަ ހުސް ތަނުގައި މީހުންނާ އެކު ބޯޅަ ކުޅެން ވެސް ރާނިޔާ ދާނެ. އެއީ އޭނާގެ އުމުރުން ވަރަށް ޅަ ދުވަސްވަރު. އެ ތަނުގައި ފިރިހެން ކުދިންނާ އެކު ފުޓްބޯޅަ ކުޅުނަސް ރާނިޔާ ބޯޅަ ގެންގުޅޭ ގޮތާއި ޖުމްލަކޮށް ޓެކްނިކަލީ ރަނގަޅުކަން ބަލާ ކޮންމެ މީހަކަށް ވެސް އެނގޭނެ،" އަލީ ބުންޏެވެ.

އަލީ ދެކޭ ގޮތުގައި ރާނިޔާ ގައުމީ ޓީމާ ހަމައަށް ދިއުމުގައި ހިރިލަންދޫގެ މީހުން ވަނީ ނަމޫނާ ދައްކައިފަ އެވެ. ވަކި ޖިންސެއްގެ ކުއްޖެއް ކަމަށް ވުމުން ވަކި ކުޅިވަރެއްގައި ކުރިއަށް ނުދެވޭނެކަން އެއީ ގަބޫލުކުރެވޭ އުސޫލެއް ކަމުގައި އެ މީހުން ނުދެކެ އެވެ. އަންހެން ކުއްޖަކަށް ވިޔަސް ކުޅިވަރަކުން ކުރިއަށްދާން ދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ހުރަހެއް އޮވެގެން ނުވާނެ އެވެ. ފުޓްބޯޅައިން ވެސް އަންހެން ކުއްޖަކަށް ކުރިއަށް ދެވޭނެ ކަމަށް ބަލައި ރާނިޔާ އަށް އަބަދު ވެސް އެ ރަށުގެ މީހުން ދިނީ ހިތްވަރުކަން އަލީ ފާހަގަކުރި އެވެ.

"(ރަށުގެ) ކޮންމެ މީހެއް ވެސް ބޭނުންވީ ރާނީޔާ ކާމިޔާބު ހޯދަން. އޭނަ (ރާނިޔާ) ގައުމީ ޓީމުގައި ހިމެނުމަކީ ވެސް (މި ރަށަށް) ފަހުރެއް،" އަލީ ބުންޏެވެ.

މީގެ ފަސް ވަރަކަށް މަސް ކުރިން އަމިއްލަ ރަށުގެ ޕާކުގައި ރާނިޔާ ބޯޅައެއް ހިފައިގެން ޖަގްލްކުރަން ހުރީ ހަމައެކަނި ފުޓްބޯޅަ އަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ރާނިޔާ ދެކެމުން އައި ހުވަފެނުގައި ކުލަ ޖެހޭނެ އިރެއް އޭނާގެ ހިޔާލުގައެއް އޭރަކު ނެތެވެ.

އެކަމަކު، މިއަދު އެ ހުރިހާ ކަމެއް ބަދަލުވާނެ އެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިއަދު އެކުވެރިކަމުގެ މެޗެއްގައި ދުބާއީގައި ރާއްޖެ ގަޑިން ފަހެއް ޖަހާއިރު ޔޫއޭއީ އަންހެން ޓީމާ ދެކޮޅަށް ކުޅޭއިރު، ރާނިޔާ ޓީމުގައި ހިމެނޭނެ އެވެ. ބައްޕަ އަތުގައި ހިފައިގެން ޒުވާން އުމުރުގައި ބޯޅަ ކުޅެން ދަސްކުރަން ދިޔަ ރާނިޔާ މިއަދު ގައުމީ ޖޯޒީގައި ތަމްސީލްކުރާނީ ރާއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox