ލަންޑަން (އޮގަސްޓް 21) - ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ހޯދަން މެންޗެސްޓާ ސިޓީން ކުރާ އިންތިޒާރު ދިގުލާތީ އެ ޓީމުން ފިއޮރެންޓީނާގެ ސާބިއާ ފޯވާޑް ޑޫސާން ވްލާހޮވިޗް ގަންނަން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ސިޓީން މި ފަަހަރުގެ ޓްރާންސްފާ މާކެޓް ފެށުނު ތަނުން ކޭން ގަންނަން 100 މިލިއަން ޕައުންޑު (140 މިލިއަން ޑޮލަރު)ގެ ބިޑެއް ހުށަހަޅައިފަ އެވެ. އެކަމަކު ޓޮޓެންހަމުން ކޭން ވިއްކާލަން ބޭނުންނުވާ ކަމަށް ބުނާތީ އެ ޑީލްގެ ކަންކަން އޮތީ މަޑުޖެހިފަ އެވެ. އޭގެ ފަހުން ސިޓީން ވަނީ 100 މިލިއަން ޕައުންޑް ދީފައި އެސްޓަން ވިލާގެ ޖެކް ގްރީލިޝް ގަނެފަ އެވެ.
އަ އަގުގައި ސިޓީން ގްރީލިޝް ގަތުމުން ދެން މި ފަހަރު ކޭން އަށް ފާރަނުލާނެ ކަމަށް ބެލެވިފައި އޮއްވައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކޭން އަށް އަދިވެސް ޝައުގުވެރިވާ ކަމަށާއި އިންތިޒާރު ކުރަމުންދަނީ ޓޮޓެންހަމުން އެ ޓްރާންސްފާގެ މަޝްވަރާތައް ފަށާނެ ދުވަހަކަށް ކަމަށެވެ.
މި މަހުގެ ނިޔަލަށް ޓްރާންސްފާ މާކެޓް ނިމޭއިރު ސިޓީ އަށް ފޯވާޑެއް ނުލިބިއްޖެނަމަ ޓީމަށް ކުރާނެ އަސަރު ސީޒަން ހުޅުވަން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗާއި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން ވަނީ ފެނިފަ އެވެ. ޝީލްޑް މެޗުން 1-0 އިން ލެސްޓާ އަތުން ސިޓީ ބަލިވިއިރު، ޕްރިމިއާ ލީގުގައި ފުރަތަމަ މެޗުން ޓޮޓެންހަމް އަތުން ބަލިވީ 1-0 އިންނެވެ.
ދިހަ އަހަރަށް ފަހު ސާޖިއޯ އަގުއޭރޯ ސިޓީ ދޫކޮށްލުމުން އެ މަގާމަށް ފޯވާޑެއް ގަންނަން ކުރާ މަސައްކަތުގައި ސިޓީން ބެލީ ކޭންގެ އިތުރުން ހާލަންޑަށެވެ. ދެ ކުޅުންތެރިންގެ ސޮއި ހޯދުމުގައި ވެސް ކާމިޔާބެއް ނުލިބި ސިޓީން މިހާރު ފާރަލަމުން އަންނަނީ ވްލަހޯވިޗަށެެވެ.
މި ފަހަރުގެ ޕްރީ ސީޒަން މެޗެއްގެ ތެރެއިން އެއް ހާފްގައި ހަތް ގޯލު ޖެހި އުމުރުން 21 އަހަރުގެ ވްލާހޮވިޗަށް ގިނަ ކްލަބްތަކުން ޝައުގުވެރިވެ އެވެ. އޭގެ ތެރޭގައި ޓޮޓެންހަމް އާއި އެތުލެޓިކޯ މެޑްރިޑް ހިމެނެ އެވެ.
ސާބިއާގެ ޕާޓިޒާން ކްލަބަށް ކުރިން ކުޅުނު ވްލާހޮވިޗް، ފިއޮރެންޓީނާ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނަކީ ވްލާހޮވިޗްގެ ކުރިއެރުންތައް އެންމެ ބޮޑަށް ފާހަގަވި އަހަރެވެ. އޭނާ ވަނީ އިޓާލިއަން ލީގުގައި 37 މެޗުން 21 ގޯލު ޖަހައިފަ އެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސިޓީން މިހާރު ވަނީ ވްލާހޮވިޗް ގަންނަން ފިއޮރެންޓީނާ އަށް އަގެއް ހުށަހަޅައިފަ އެވެ. ސިޓީން ކުރި ބިޑްގެ އަގަކީ 68 މިލިއަން ޕައުންޑެވެ. މިއީ މީގެ ދެ އަހަރު ކުރިން ހަ މިލިއަން ޕައުންޑަށް ގަތް ވްލާހޮވިޗް ވިއްކާލައިގެން ފިއޮރެންޓީނާ އަށް ބޮޑު ފައިދާއެއް ހޯދޭނެ ޑީލެކެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ސިޓީ ކުޅޭނީ އަމިއްލަ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި ހަތެއް ޖަހާއިރު އެވެ.












