ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނެރުނު ރިޕޯޓުގައި މުއައްސަސާތަކުން އަމަލުކުރަން ލަފާދިން 45 ރެކަމެންޑޭޝަން ތެރެއިން 38 ކަމެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފައިވިޔަސް ތަފްސީލް ނޭނގޭތީ އެކަމަށް ފާރަވެރިވާނެ ކަަމަށް ކޮމިޓީން ބުނެފި އެވެ.
އެ ކޮމިޓީން ލަފާދިން ގިނަ ކަންކަމަށް އަމަލުކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައިވީ ނަމަވެސް މިހާތަނަށް އެއީ ކޮން ކަންތައްތަކެއް ކަން ހާމަކޮށްފައެއް ނުވެ އެވެ. ރަސްމީކޮށް އެ މައުލޫމާތު ހޯދަން މީޑިއާތަކުން އަދި ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން އުފައްދާފައިވާ މޭ ހައެއް ކޮމިޓީން އެދުމުން ވެސް ހިއްސާކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިޔުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކަމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައި ވެ އެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ 45 ރެކަމެންޑޭޝަންގެ ތެރެއިން 38 ކަމަކީ "މިހާރު ވެސް ފެށިގެން ކުރިއަށްދާ މަސައްކަތް" ކަމަށް ރައީސް އޮފީހުން ބުނެފައި ވެ އެވެ. މި ކަންކަމުގެ ތަފްސީލް ހާމަނުކުރާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.
ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް ފަރާވެރިވުމަށް އެމްޑީޕީން އެކުލަވާލާފައިވާ މެއި ހައެއް ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް، ބުދަ ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވިދާޅުވި ގޮތުގައި މަޖިލީހުގެ ރިޕޯޓްގެ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުން ކުރިއަށް ގެންދަން ސަރުކާރުން ރާވާފައިވާ ގޮތްތަކެއް ނޭނގެ އެވެ.

"އެ މައުލޫމާތެއް އަޅުގަނޑުމެންނަކަށް ނުލިބޭ، އެ މައުލޫމާތަކީ އަޅުގަނޑުމެންނާ ހިއްސާ ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ބުނަނީ،" އަފީފް ވިދާޅުވި އެވެ.
އަމަލުކުރަން ފަށާފައިވާ ރެކަމެންޑޭޝަންތަކުގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ މައްސަލައިގައި އިތުރުވަމުން އަންނަ ކަންބޮޑުވުންތަކާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "އަދަދު"އަށް ވިދާޅުވީ ރިޕޯޓުގައި ހުށަހަޅާފައިވާ ކަންކަމަށް އަމަލުކުރާ މިންވަރު ކޮމިޓީން ބަލާނެ" ކަމަށެވެ.
ސީދާ އެކަން ބެލުމަށް ކޮމިޓީން އަދި ރަސްމީކޮށް ނިންމާފައި ނުވި ނަމަވެސް، މިހާރު ވެސް ކަމާގުޅޭ އިދާރާތަކުން މައުލޫމާތު ހޯދައިކަމަށް އަސްލަމް ވިދާޅުވި އެވެ.
އެ ރެކަމެންޑޭޝަންތަކުގެ އިތުރުން ވެސް، ކޮމިޓީގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ އެހެން މަސައްކަތްތައް ވެސް ކޮމިޓީން ބަލާނެ ކަމަށް ވިދާޅުވި އެވެ.
"ކޮންމެ ރިޕޯޓެއް ވެސް އެންމެ ފުރިހަމައެއް ނުވާނެ. އެހެންވީމާ، ރެކަމެންޑޭޝަންތަކުގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ފިކުރު ހުއްޓުވަން މުއައްސަސާތަކުން ކުރާ އެހެން މަސައްކަތްތައް ވެސް ކޮމިޓީން ބަލައި، ހޯދާނެ،" އަސްލަމް ވިދާޅުވި އެވެ.
އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.
ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.












