ރާއްޖެ، އިންޑިއާ އަދި ބަންގްލަދޭޝްގެ ފުޓްބޯޅައާ މެދު އޮސްކާގެ ވިސްނުން ތަފާތު

ރާއްޖެ، އިންޑިއާ އަދި ބަންގްލަދޭޝްގެ ފުޓްބޯޅައާ މެދު އޮސްކާގެ ވިސްނުން ތަފާތު

ފާއިތުވި ހަ ވަރަކަށް އަހަރު ތެރޭ ސްޕެއިންގެ ހުނަރުވެރި ކޯޗު އޮސްކާ ބްރުޒޮން ވަނީ ސާކް ސަރަހައްދުގެ ތިން ގައުމެއްގައި ފުޓްބޯޅައިގެ ހިތްގައިމު މަސައްކަތްތަކެއް ކޮށްފަ އެވެ. އެއީ އިންޑިއާގެ ސްޕޯޓިން ގޯއާ އަދި މުމްބާއީ ސިޓީ އާއި ރާއްޖޭގެ ނިއު ރޭޑިއަންޓް އަދި މިހާރު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްގަ އެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮސްކާ ވަނީ ތިން ގައުމުގެ ފުޓްބޯޅައާ މެދު އޭނާ ދެކޭ ގޮތް ހިއްސާކޮށްފަ އެވެ.

މިއަދުގެ މެޗުތަކުގެ ކުރިން އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އޮސްކާ ބުނީ ތިން ގައުމުގެ ފުޓްބޯޅައިގައި ވެސް އެކިއެކި ކަންކަމުގައި ތަފާތު އެބަހުރި ކަމަށެވެ.

"ފުރަތަމަ ކަަމަކީ މެޗުތައް ކުޅޭ ދަނޑުގެ ފެންވަރު. ބަންގްލަދޭޝް ފުޓްބޯޅަ އަށް ވުރެ ރާއްޖޭގެ ފުޓްބޯޅަ ޓެކްނިކަލީ ރަނގަޅުވާނެ. ބަންގްލަދޭޝް ފުޓްބޯޅަ ވަރަށް ފިޒިކަލްވާނެ. ރާއްޖޭގެ ފުޓްބޯޅަ ޓެކްނިކަލް ވީމަ ބިދޭސީ ކުޅުންތެރިންނަށް ތަފާތު ދައްކަން ފަސޭހަ. އަހަރެމެން ބަންގްލަދޭޝްގައި މި ގެންނަނީ ޓެކްނިކަލް އަށް ވުރެ ފިޒިކަލީ ވެސް ތަފާތު ކުޅުންތެރިން. އެއީ ހަމައެކަނި ޓެކްނިކަލީ ރަނގަޅުވެގެން ބަންގްލަދޭޝްގައި ފަސޭހަނުވާނެ. އޭގެ މިސާލެއް ގޯޓޯ އަކީ،" އޮސްކާ ބުންޏެވެ.

މައިގަނޑު ތަފާތެއްގެ ގޮތުގައި ބަންގްލަދޭޝް އާއި ރާއްޖޭގެ ކްލަބް ފުޓްބޯޅައިގައި މިހާރު އޮތީ ލީގުގެ ފެންވަރު ކަމަށް އޮސްކާ ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ބަންގްލަދޭޝް ލީގުގައި މި ވަގުތު ކުޅޭ 13 ކްލަބަކީ ވެސް ވަރަށް ބެލެންސް ޓީމުތަކެއް ކަމަށް އޮސްކާ ބުންޏެވެ. އަދި ކޮންމެ ޓީމަކަށް ވެސް ދެން އޮންނަ ޓީމެއް ބަލިކުރެވިދާނެ ކަން މި ފަހަރުގެ ލީގުން ވެސް ސާބިތުވެފައިވާ ކަމަށް އޮސްކާ ބުނެފައިވެ އެވެ.

"ރާއްޖޭގެ ލީގުގައި ކޮންމެ އަހަރަކު ވެސް ގިނަވެގެން މި ފެންނަނީ ތިނެއް ނޫނީ ހަތަރު ޓީމު އެންމެ ތަފާތުކޮށް. އެކަމަކު ގަބޫލުކުރަން ޖެހޭ މި ތިނެއް ނޫނީ ހަތަރު ކްލަބަކީ ސަރަަހައްދަށް ބަލާއިރު ތަފާތު ދައްކާނެ ޓީމުތަކެއް،" ނިއު އަށް އަހަރެއްގެ ތެރޭ ހަތަރު ތަށި ހޯދައިދިން އޮސްކާ ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން އޮސްކާ.-- ފޮޓޯ: އޭއެފްސީ

ބަންގްލަދޭޝް އާއި ރާއްޖެ އަށް ވުރެ ކްލަބް ފުޓްބޯޅައިގައި އިންޑިއާ ތަފާތުވާ ސަބަބެއްގެ ގޮތުގައި އޮސްކާ ފާހަގަކޮށްފައިވަނީ ފުޓްބޯޅައިގެ އޮނިގަނޑާއި ކުރަމުން އަންނަ ހަރަދަށް ބަލާއިރު އެތައް ގުނައެއް އިތުރުވުމެވެ.

އިންޑިއާގައި އޭއެފްސީ ކަޕްގެ ލެވަލްގައި މި ރީޖަނުގައި ކުޅެވޭނެ 20 ޓީމު އޮތަސް ހަގީގަތުގައި އެއީ ރާއްޖެ އާއި ބަންގްލަދޭޝްގެ ކްލަބްތަކަށް ބަލިނުކުރެވޭނެ ޓީމުތަކެއް ނޫން ކަން މި ފަަހަރުގެ އޭއެފްސީ ކަޕުން ވެސް ފެންނަ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ.

"މިސާލަކަށް ބަލާއިރު މި ފަހަރުގެ އޭއެފްސީ ކަޕްގެ މެޗުތައް ވެސް އެ ހުރީ ވަރަށް ކުޑަކުޑަ ފަރަގަކުން މެޗު ބަދަލުވެފައި. ބެންގަލޫރުން އީގަލްސް ބަލިކުރިއިރު ތަފާތެއް ނުކުތީ އެއްލުމަކުން. މޯހަން ބަގާން އިން ބެންގަލޫރު ބަލިކުރިއިރު ކޯނަރަކުން ބޮޑަށް ކަންކަން ބަދަލުވީ. ދެން އަހަރެމެން (ބަޝުންދަރާ) އަށް މާޒިޔާ ބަލިކުރެވުނުއިރު ފަރަގަކަށް މިއައީ މާޒިޔާގެ ޑިފެންޑަރެއްގެ މިސްޓޭކެއް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ކޮންމެ ގައުމެއްގައި ވެސް ފުޓްބޯޅައިގައި ތަފާތުތަކެއް ހުރި ނަމަވެސް އަދިވެސް މި ތިން ގައުމުގައި ކްލަބް ލެވަލަށް ބަލާއިރު ފުޓްބޯޅައިގައި އެހާ ބޮޑު ފަރަގުތަކެއް ނެތް ކަމަށާއި ތަފާތަކީ ފުޓްބޯޅައިގައި އޮތް އޮނިގަނޑު ކަމަށެވެ. އޮނިގަނޑު ބަދަލުކޮށްގެން ކުރިއަށް ދެވޭނެ ފެންވަރު ކޮންމެ ގައުމެއްގައި ވެސް ހުރި ކަމަށް އޮސްކާ ދެކެ އެެވެ.

ބެންގަލޫރަކީ އެކުލަވާލަމުން އަންނަ ޓީމެއް: އޮސްކާ

އޮސްކާ، ނިއު ރޭޑިއަންޓް ގޮވައިގެން 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ކުޅުނުއިރު, ވަނީ ބެންގަލޫރާ ދެކޮޅަށް ދެ ފަަހަރު ނުކުމެފަ އެވެ. ބެންގަލޫރުގައި ކުޅުނު މެޗުން އެ ޓީމު 1-0 އިން މޮޅުވީ ފަހު ވަގުތު ގޯލު ޖަހައިގެންނެވެ. ރާއްޖޭގައި ކުޅުނު މެޗުން ނިއު އިން ވަނީ 2-0 އިން ބެންގަލޫރު ބަލިކޮށްފަ އެވެ.

އޮސްކާ މިހާތަނަށް ބަޝުންދަރާ ގޮވައިގެން އޭއެފްސީ ކަޕްގައި ކުޅުނު ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅުނު މެޗުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް އަތުން 5-1 އިންނާއި މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އަތުންނެވެ.

މި ވަގުުތު އޮތް ބެންގަލޫރު ޓީމާއި 2018 ވަނަ އަހަރުގެ ޓީމުގެ ތަފާތަކީ ކޮބައިތޯ ސުވާލުކުރުމުން އޮސްކާ ބުނީ މިހާރު އޮތީ ގިނަ ޒުވާން ކުޅުންތެރިންނާ އެކު އަރަމުން އަންނަ ޓީމެއް ކަމަށެވެ.

"އަހަރެން ނިއުއާ އެކު ނުކުތްއިރު ބެންގަލޫރަކީ އިންޑިއާގެ ޓޮޕް ޓީމު. ރަނގަޅު ބިދޭސީ ކުުޅުންތެރިންނާއި ލޯކަލް ކުޅުންތެރިން އެ މީހުން އަތުގައި ތިބީ. އެކަމަކު މިހާރު އެ އޮތީ އެކުލަވާލަމުން އަންނަ ޓީމެއް. މިދިޔަ އަހަރު ބެންގަލޫރު އައިއެސްއެލް އިން ފެއިލްވުމުން ޔޫރަޕްގެ ފެންވަރު ރަނގަޅު ކޯޗެއް ގެނެސްގެން ޓީމު އެކުލަވާލުމުގެ މަސައްކަތް އެ ކުރަނީ،" އޮސްކާ ބުންޏެވެ.

މިއީ ހަފްތާއެއްހާ ދުވަސްތެރޭ ބެންގަލޫރުން ކުޅޭ ތިން ވަނަ މެޗެވެ. އޮސްކާ ބުނީ ބެންގަލޫރަށް އޭގެ ސަބަބުން ހުރި އުނދަގޫތަކުގެ ފައިދާ ބަޝުންދަރާ އިން ނަގަންޖެހޭ ކަމަށާއި މެޗަށް ޓީމު ރޭވުމުގައި ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ހަވީރު ވަގުތުގައި މި މެޗު ކުޅެން ޖެހުނު ނަމަވެސް އެއީ ބަޝުންދަރާ އަށް މާ ބޮޑު ތަފާތަކަށް ނުވާނެ ކަމަށާއި ސަބަބަކީ ބަންގްލަދޭޝްގައި މި ސީޒަނުގައި ބަޝުންދަރާ އިން ފަރިތަކުރަމުން އައީ މުޅިން ހަވީރު ވަގުތުގައި ކަމަށްވާތީ އެވެ. އަދި ބަންގްލަދޭޝް އާއި ރާއްޖޭގެ ފިނިހޫނުމިން ދާދި އެއްވަރެއް ކަަމަށް އޮސްކާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް ބެންގަލޫރުން މުބާރާތުގައި ކުރިއަށްދާން ބޭނުންނަަމަ މި މެޗުން ތިން ޕޮއިންޓް ހޯދުން ނޫން ގޮތެއް ނެތް. އެހެންވީމަ އަހަރެމެން ޖެހޭނެ ފުރަތަމަ 25 ނޫނީ 30 މިނިޓް ވަރަށް ސަމާލުވާން. ދެން އެ މީހުން ކުރިއަށް ޖެހޭ ވަގުތުތަކުގައި ލިބޭ ޖާގަތަކުގެ ބޭނުން ހިފުން މި އޮތީ،" އޮސްކާ ބުންޏެވެ.

ބެންގަލޫރުގައި ތިބި ބިދޭސީ ކުޅުންތެރިންނާއި ބަޝުންދަރާގައި ތިބި ބިދޭސީ ކުޅުންތެރިންގެ ތެރެއިން 100 ފަހަރު ނަގަން ޖެހުނަސް އިހުތިޔާރު ކުރާނީ ބަޝުންދަރާގެ ކުޅުންތެރިން ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. ބަޝުންދަރާގެ ކާމިޔާބީގައި އެންމެ ހިއްސާ ބޮޑީ އެ ޓީމުގައި ތިބި ދެކުނު އެމެރިކާ އަށް ނިސްބަތްވާ ބިދޭސީ ތިން ކުޅުންތެރިންނެވެ.

ގަލޮޅު ދަނޑުގައި ބަޝުންދަރާ އާއި ބެންގަލޫރު ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox