އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ތައްޔާރުވުމުގެ ގޮތުން ޓްރެއިނިން ކޭމްޕެއް ފުރިހަަމަކުރަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގައުމީ އަންހެން ފުޓްބޯޅަ ޓީމު މިއަދު ފުރައިފި އެވެ.
ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަނީ އަންނަ އަހަރު އިންޑިއާގައި ބާއްވާ މުބާރާތަށް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށެވެ. އަންނަ މަހު ތަޖިކިސްތާންގައި ބާއްވާ ކޮލިފައިން ގްރޫޕްގައި ރާއްޖެ ވާދަކުރަން ޖެހިފައިވަނީ ތަޖިކިސްތާނުުގެ އިތުރުން ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.
އަފްގާނިސްތާންގައި މިހާރު ސިޔާސީ ކަންކަން ހަލަބޮލިވެފައިވާ މިންވަރަށް ބަލާއިރު، ކޮލިފައިންގައި އެ ޓީމަށް ވާދަކުރެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ކޮލިފައިން މެޗުތައް ރޭވިފައި އޮތީ އަންނަ މަހުގެ 13-25 ދެމެދުގަ އެވެ.

ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔަކާ އެފްއޭއެމްގެ އެކްސްކޯ މެމްބަރު ޝާނީޒް (ކ) ސަލާމްކުރަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހު 11 ގައި ފެށީ ބޮޑު ސްކޮޑަކާ އެކު އެވެ. އެ ޓީމުން އޭދަފުށީގައި އެ ރަށުން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ވަނީ މިދިޔަ މަހު 27 ގައި މެޗެއް ކުޅެފަ އެވެ. އެ މެޗުން ގައުމީ އަންހެން ޓީމު މޮޅުވީ 3-0 އިންނެވެ.
އެންމެ ފަހުން ގައުމީ އަންހެން ޓީމުންވާދަކުރީ 2019 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި ލޯ މެޑަލް ހޯދި އަންހެން ޓީމާ މި ފަަހަރު ފައިނަލް ސްކޮޑުން ފުރުސަތު ހޯދި ޓީމު ތަފާތެވެ. ޒުވާން އާ ކުުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފަ އެވެ.
ގައުމީ އަންހެން ޓީމުގެ ޓްރެއިނިންތައް ކުރިއަށްގެންދިޔައީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)ގެ ބެލުމުގެ ދަށުންނެވެ. އޭނާ އަށް އެހީތެރިވުމުގެ ގޮތުން ތަޖުރިބާކާރު ކޯޗު އިސްމާއިލް އަނިލް ބައިވެރިވާއިރު، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ގައުމީ އަންހެން ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ފަދުވާ ޒާހިރާއި މަރިޔަމް މިރުފަތު އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ކ) އާއި ޓެކްނިކަލް ޑިރެކްޓަރު ޑުންގާ ސަލާމްކުރަނީ.- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް
"އަދަދު" އަށް މީގެ ކުރިން ޑުންގާ ދިން އިންޓަވިއުއެއްގައި ވިދާޅުވީ ގައުމީ އަންހެން ޓީމުގެ ކޯޗިން ޓީމު އެއްކޮށް އަންހެން ސްޓާފުންނަށް ހެދުމުގެ ވިސްނުމުގައި މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި ފަދުވާ އާއި މިރުފަތުގެ ބައިވެރިވުން ގައުމީ ޓީމުގައި އިތުރު ކުރުމަކީ އޭގެ ފެށުމެއް ކަމަށެވެ.
ދުބާއީ ޓްރެއިނިން ކޭމްޕްގައި ގައުމީ އަންހެން ޓީމުން ރަނގަޅު މެޗުތަކެއް ކުޅޭނެ އެވެ. އެއީ ޔޫއޭއީގެ އަންހެން ގައުމީ ޓީމާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ދެ މެޗެވެ.
ޔޫއޭއީގެ އަންހެން ޓީމުގެ ކޯޗު ހޫރިއާ އަލް ތަހުރީ އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ކޮލިފައިންގެ ކުރިން ޔޫއޭއީ ޓީމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށާއި އަންނަ އަހަރު އިންޑިއާގައި ކުޅޭ މުބާރާތަށް ކޮލިފައިވާން ޔޫއޭއީން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.
ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެ އެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ.
ގައުމީ އަންހެން ޓީމުގެ ފައިނަލް ސްކޮޑު
އައިމިނަތު ލީޒާ، ފާތިމަތު ތީބާ، ޝަހުލާ ތައުފީގު، ރާނިޔާ އިބްރާހިމް، ޝިޔާނާ އަހުމަދު ޒުހެއިރު، އައިޝަތު އީމާން އަހުމަދު ޒައީމް، އައިޝަތު ޝިއުނާ، ފާތިމަތު ޝާލިޔާ، އައިޝަތު މާހިން، ފާތުމަތު އަފްޒާ، މަރިޔަމް ވިޝާޔާ ވިލްދާން، ފަރާ އަހުމަދު، މަރިޔަމް ރިފާ، ފާތިމަތު ޝައިނާ، އައިޝަތު ސަނާ ނިޒާމް، ފާތިމަތު ތާނީ ލަތީފް، އަރީފާ އަބްދުﷲ، އައިމިނަތު ޝަފްނާ، ސުމާ މުހައްމަދު، މަރިޔަމް ނޫރާ، ފާތިމަތު ނަޝާޔާ ނާޒިމް، ހައްވާ ހަނީފާ، ޒުލޭހާ ހަބީބު











