ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައިފި އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)އާ ގުޅިގެން ފަށާފައިވާ މަސައްކަތުގެ ދަށުން ދުންއެރުން އޮކްޓޯބަރު މަހުގެ ނިޔަލަށް ހުއްޓުމަކަށް ގެނެވޭނެ ކަމުގައި ބެލެވެ އެވެ.
އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރާއިރު މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށް ކަމަށް ބުންޏެވެ. ނަމަވެސް، އެ ގޮނޑަކީ އެތަކެއް އަހަރުވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން ތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ހިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
"މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީ ގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީ ގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަންވެސް ފާހަގަކުރަން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާ ގުޅިގެން މަސައްކަތް ކުރަނީ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން

ދުންއެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމާލުމަށެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނި ގޮތުގައި ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭއެފްޖޭސީއެމް)ގެ އެހީގައި ވަނީ ފަށާފައެވެ.
އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ އެހީއާއެކު ފެށުމަށް މިނސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ.











