މެޑްރިޑް (އޮގަސްޓް 19) - އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި ފަސް ކުޅުންތެރިއަކުގެ ސޮއި ހޯދަން ރެއާލް މެޑްރިޑުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެންމެ ފަހުން ނިމިދިޔަ ދެ ޓްރާންސްފާ މާކެޓްގެ އިތުރުން މި ފަހަރު ވެސް ރެއާލުން ހަރަދުކޮށްގެން ކުޅުންތެރިން ގަތުމުގެ ވިސްނުން ނުގެންގުޅެ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ އެ ޓީމަށް ދިމާވެފައިވާ މާލީ މައްސަލަތެކެވެ. ރެއާލުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައީ ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކަށް ކުޅެމުން އައި އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރެއާލުން މިހާރު ވިސްނަމުންދަނީ އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އިތުރު ފަސް ކުޅުންތެރިން ގެންނާށެެވެ. އެއީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ފަސް ކުޅުންތެރިންނެވެ.
އެ ކުޅުންތެރިންނަކީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ، މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ، ރެނެސްގެ އެޑުއާޑޯ ކަމަވިންގާ، ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަދި ބަޔާންގެ ލެއޯން ގޮރެޓްޒްކާ އެވެ. މި ކުޅުންތެރިންނާ އެކު ރެއާލްގެ މަޝްވަރާތައް ރަނގަޅަށް ގޮސްފިނަމަ ޖެނުއަރީ މަހު ޕްރީ އެގްރީމެންޓެއްގައި ސޮއިކުރެވޭނެ އެވެ.
އެމްބާޕޭ ހޯދަން މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން މަސައްކަތް ކުރެ އެވެ. އެކަމަކު، ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ބޭނުން ނުވެ އެވެ. ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަނީ އެމްބާޕޭ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރާށެެވެ. އެކަމަކު، އެމްބާޕޭ ބޭނުންވަނީ ކެރިއަރުގައި އާ ޗެޕްޓަރެއް ފަށަން އޭނާގެ ހުވަފެނީ ކްލަބް ރެއާލާ ގުޅޭށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށި މެޗުގައި ޕޮގްބާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އޭނާ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވަން ޔުނައިޓެޑުން ވަރަށް ބޭނުންވެ އެވެ. އެކަމަކު ކޮންޓްރެކްޓް އާ ކުރަން ޕޮގްބާ ކިޔާ މުސާރަ ބޮޑުވުމުން ޔުނައިޓެޑާ އެކު އެއްބަސްވުމަކަށް އާދެވޭނެ މަގެއް އަދި ނުފެނެ އެވެ.
ރެއާލުން މި ފަސް ކުޅުންތެރިންނާ އެކު ކޮންޓްރެކްޓް ހެދުުމުގެ ކުރިން އެ ކްލަބުގައި މި ވަގުތު ތިބި ދުވަސްވީ ބައެއް ކުޅުންތެރިންނާއި ޓީމުން ފުރުސަތު ނުލިބޭ އެކި ކުޅުންތެރިން ދޫކޮށްލާނެ އެވެ. އޭގެ ތެރޭގައި ލޫކަ މޮޑްރިޗާއި ގަރެތު ބޭލް ހިމެނެ އެވެ.












