ވަގު ބުކިން ހައްދައިގެންނާއި އޮޅުވާލައިގެން ޓޫރިސްޓުން ގެނެސް މަގުމަތިކުރާ މައްސަލަ ހުއްޓުވުމަށް އިމިގްރޭޝަން ސިސްޓަމަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް އޮޅުވާލައިގެން ރާއްޖެއަށް ފަތުރުވެރިން އެތެރެކުރަމުންދާ މައްސަލަ ބޮޑުވެފައިވާއިރު، އެކަމުގެ އެންމެ ބޮޑު ޝިކާރައަކަށްވެފައިވަނީ އިންޑިއާގެ ޓޫރިސްޓުންނެވެ.
ރާއްޖެ އެތެރެވުމުގެ ކުރިން ޓޫރިސްޓުން ތިބޭނެ ތަނެއް އިމިގްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ. އެހެން ހުށަހަޅާއިރު މަދު ރޫމް ހުންނަ ގެސްޓް ހައުސްތަކުގެ ނަމުގައި ދުވާލެއްގެ މައްޗަށް އެތައް ބައިވަރު މީހުން ރާއްޖެ އެތެރެވާތީ އެފަދަ ތަންތަނަށް ގުޅައި ޗެކް ކުރަން އިމިގްރޭޝަނުން މިވަނީ ފަށައިފަ އެވެ.
އެގޮތަށް ޗެކް ކުރާއިރު އެނގެނީ ހޮޓާތަކާއި ގެސްޓް ހައުސްތަކުގެ ނަމުގައި ފޭކް ބުކިން ހަދައިގެން އެތައް ބަޔަކު އެތެރެވާ ކަމެވެ.

އެކަމާ ގުޅޭގޮތުން ހަނަފީ "އަދަދު" އަށް ވިދާޅުވީ ގެންނަ ބަދަލުތަކުގެ ސަބަބުން އެކަންކަން އަދި އާއްމު ކުރެވެން ނެތް ކަމަށާއި ނަމަވެސް އެއީ މިހާރު ދިމާވާ މައްސަލަތަކުގެ ހައްލަކަށް ވާނެ ކަމަށެވެ.
"މިހުރިހާ ކަމެއް ކުރެވުނީމަ ވަރަށް ބޮޑަށް މިކަންތައް މިނިމައިޒް ވެގެން ދާނެ. އެބަދަލުގެ ސަބަބުން ވަރަށް ބޮޑަށް މިކަން ޕްރިވެންޓް ކުރުމަށް އަޅުގަނޑުމެންނަށް ފިޔަވަޅުތަކެއް އެޅިގެން ދާނެ،" ހަނަފީ ވިދާޅުވި އެވެ.
ސިސްޓަމަށް ގެންނަ ބަދަލާއެކު ޓޫރިސްޓުން އިމިގްރޭޝަން ކައުންޓަރުގައި ހޭދަ ކުރަން ޖެހޭ ވަގުތަށް ވެސް ލުއި، އަދި ފަސޭހަ ބަދަލުތަކެއް އަންނާނެ ކަމަށް ހަނަފީ ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވީ އޮޅުވާލައިގެން އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ޓޫރިސްޓުންތަކެއް މިހާތަނަށް ފޮނުވާލާފައިވާ ކަމަށެވެ.
ރާއްޖެއަކީ މިހާރު މެދުއިރުމައްޗާއި ޔޫރަޕަށް ދަތުރު ކުރާ އިންޑިއާ މީހުން ޓްރާންސިޓްވުމާއި ކަރަންޓީން ވުމަށް މަގުބޫލު މަންޒިލެކެވެ. ހުޅުމާލޭ ގޮނޑުދޮށް ވެސް ފުރިފައި އެވަނީ އިންޑިއާގެ ޓޫރިސްޓުންނާ އެކު އެވެ.












