ލަންޑަން (އޮގަސްޓް 19) - ޗެލްސީގެ ޖަރުމަނު ފޯވާޑް ޓިމޯ ވާނާ އަށް އެ ކްލަބްގެ ސަޕޯޓަރަކު ފާޑުކިޔުމުން އެ މައްސަލަ ސަޕޯޓަރުންގެ މެދުގައި ހޫނުވެއްޖެ އެވެ.
އިއްޔެ ސަޕޯޓަރުންނަށް ހުޅުވާލައިގެން ޗެލްސީން ބޭއްވި އޯޕަން ޓްރެއިނިން ސެޝަންގެ އެންމެ ބޮޑު ބޭނުމަކީ ޗެމްޕިއަންސް ލީގު ތަށްޓާއި ސުޕަ ކަޕް ތަށި ދަނޑުގައި ބަހައްޓައިގެން ސަޕޯޓަރުންނާ އެކު އިވެންޓެއް ކުރިއަށް ގެންދިއުމަށެވެ.
އެ އިވެންޓްގެ ތެރެއިން ޗެލްސީގެ މީޑިއާ ޓީމުން ވަނީ ސަޕޯޓަރުންގެ ގްރޫޕަކާ ޕީއޭ ސިސްޓަމް މެދުވެރިކޮށް ސުވާލުތަކެއް ކޮށްފަ އެވެ. އެ ސުވާލުތައް ކުރިއިރު، ދަނޑުގައި ބަހައްޓާފައި ހުރި ޕީއޭ ސިސްޓަމުން ސަޕޯޓަރުން ދައްކާ ވާހަކައިގެ އަޑު ކުޅުންތެރިންނަށް އިވޭނެ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީން ދެން އާސެނަލާ އެކު ކުޅޭ މެޗާ ބެހޭގޮތުން ސަޕޯޓަރަކާ ސުވާލުކުރުމުން އޭނާ އައިސް ބުނީ "ވާނާ ޗެލްސީ ޓީމުން ބޭރުކޮށްލުމަކީ" މި ވަގުތަށް ކުރަން އެންމެ ރަނގަޅު ކަންތައް ކަމަށެވެ. އެ އަޑު އިވުމާ އެކު އެ ވާހަކަަ ދެއްކި ސަޕޯޓަރާ ކުރިމަަަަތިލާން ބައެއް ސަޕޯޓަރުން އަޑުގަދަކުރަން ފެށި އެވެ. އަދި ބައެއް ސަޕޯޓަރުން ފަހުން އޭނާ ވަށާލި އެވެ އަދި ކްލަބްގެ ކުޅުންތެރިންގެ ހާޒިރުގައި ސަޕޯޓަރަކު އެ ފަދަ ކަމެއް ކުރުން ބަލައިނުގަނެވޭނެ ކަމަށް ގިނަ ސަޕޯޓަރުން ބުނަމުންދިޔަ އެވެ.
ޖަރުމަނުގެ އާރްބީ ލައިޕްޒިގު ދޫކޮށް މިދިޔަ އަހަރު ޗެލްސީ އަށް ބަދަލުވި ވާނާ އަށް ސަޕޯޓަރުންނާއި މީޑިއާގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެ އެވެ. ޗެލްސީގެ ކުރީގެ ތަރިންނާއި ކޯޗު ތޯމަސް ޓުޗެލްގެ ސަޕޯޓް ވާނާ އަށް އެބައޮތް ކަމަށް މީގެ ކުރިން އިންޓަވިއުތަކުގައި ވަނީ ބުނެފަ އެވެ.
މި ސީޒަން ފެށުމުގެ ކުރިން ޗެލްސީގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ވާނާ ވަނީ އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. ވާނާ ބުނީ ދުވަހެއް ދުވަހަކަށް މުޅި ދުނިޔޭގައި ވެސް މީޑިއާގެ ނުފޫޒު ގަދަވަމުން އަންނަ ކަމަށާއި ފުޓްބޯޅައިގައި ވެސް އެކަން އޮތީ އެހެން ކަމަށެވެ.
"މޮޅުވާ ދުވަހަކު އަހަންނަކީ ހީރޯ. އެކަމަކު ދަށްވާ ދުވަހު އެންމެ ގޯސް މީހާ އަށް ވެސް ވެދާނެ. މިއީ މިހާރު އޮތް ހާލަތު. އަހަރެން ބޭނުމީ ރަނގަޅަށް ކުޅެން އަހަރެން ކުރަމުން އަންނަ މަސައްކަތް ކުރިއަށް ގެންދަން،" ވާނާ ބުންޏެވެ.
ވާނާ އަށް އެންމެ ބޮޑަށް ފާޑުކިޔަނީ ލައިޕްޒިގުގައި ޖެހި ވަރަށް ޗެލްސީ އަށް ބަދަލުވުމަށް ފަހު ގޯލު ނުޖެހޭތީ އެވެ. ޗެލްސީ އަށް މިހާތަނަށް ކުޅެދިން 54 މެޗުން ވާނާ ވަނީ 12 ގޯލު ޖަހައި 15 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޗެލްސީން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-0 އިން މޮޅުވެފަ އެވެ. އެ ޓީމު ދެން ކުޅޭ މެޗުގައި އާދިއްތަ ދުވަހުގެރޭ ރަށުންބޭރުގައި އާސެނަލާ ބައްދަލުކުރާނެ އެވެ.












