އޮފީހުގައި އޮތް މާ މުހިންމު ޕްރެޒެންޓޭޝަންއަކާ ހެދި ހާސްވަނީ ހެއްޔެވެ؟ ނޫނީ ފައިސާގެ ދަތިކަމާ ހެދި މާބޮޑަށް ކަންބޮޑުވަނީ ހެއްޔެވެ؟ ފަހަރެއްގައި މި ފެށޭ ހަފްތާގައި އޮތް ޑްރައިވިން ޓެސްޓާއި ހެދިވެސް މިފަދަ ފިކުރުތަކެއް ކުރެވިދާނެ އެވެ. ފިކުރުބޮޑު ނުކޮށް ހަމަޖެހި ބަލާށެވެ! ތި ކުރެވޭ އިހުސާސްތަކަކީ ފަހަރެއްގައި އެންޒައިޓީއަށް ވުން އެކަށީގެންވެ އެވެ. ނަމަވެސް ދުރާލާ އަތުއަޅުވައި ލެވިއްޖެނަމަ އެއް ލަކިން ތި މައްސަލަތައް ހައްލުކުރެވިދާނެ އެވެ.
އެންޒައިޓީއަކީ ދިރިއުޅުމުގެ ކަންކަމާ މާ ބޮޑަށް މީހާ ބިރުގަނެ ހާސްވެ އަދި ސްޓްރެސްވުމުން ދިމާވާ ހާލަތެކެވެ. ޕެނިކް އެޓޭކްއަކާ ގާތް, އެހެން ނަމަވެސް ނަފްސާނީ އިލްމުގައި މުޅީން ތަފާތު އެއްޗެއްގެ ގޮތުގައި ބަލައިގަންނަ އެންޒައިޓީ އެޓޭކެއްގައި, ދިމާވާ ވަކި ކަމަކާއި ގުޅިގެން ނުވަތަ ވަކި ޚިޔާލުތަކެއްގެ ސަބަބުންވެސް ކަންބޮޑުވުމާއި ހާސްކަމުގެ އިހުސާސްތައް ކުރުވަ އެވެ. އެންޒައިޓީއަކީ ގިނަ ފަހަރަށް ގަޑިއިރުތަކަކުން ފެށި އަދި ގިނަ މަސްތަކެއްވާން ދެންވެސް ކުރިމަތިވެދާނެ ކަމެކެވެ.
އެންޒައިޓީގެ ބައެއް އަލާމާތްތައް؛
- އުނދަގޫވުން
- ބިރުގަތުން
- މޭގައި ރިއްސުން
- އަނގަ ހިކުން
މިފަދަ އަލާމާތްތައް ސީރިއަސްވެ ގިނަ ދުވަސްތަކަކަށް ދިގު ދެމިގެންދާނަމަ ލަސްނުކޮށް ސިއްޚީ އެހީތެރިކަން ހޯދުން ބުއްދިވެރި އެވެ. އެހެން ނަމަވެސް މިފަދަ އަލާމާތްތައް ފެށި އަމިއްލަ އަށް މެނޭޖްކުރަން ގަސްތުކުރާނަމަ މިއީ ކުރެވިދާނެ ދެތިން ކަމެކެވެ.
ރޭގަނޑުގެ ހަމަ ނިދި ކޮންމެހެންވެސް ބޭނުން

ރޭގަނޑުގެ ނިންޖަކީ އެތަށް ގޮތަކަށް ތިމާގެ ހަށިގަނޑަށް ފައިދާ ލިއްބައިދޭ ކަމެކެވެ. މިގޮތުން އެންމެ މުހިންމު ކަމަކަށް ހަށިގަނޑު ރީސެޓްކޮށްދީ ސިކުނޑީގެ މަސައްކަތްތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެންވެސް ޒަރޫރީ ކަމެކެވެ. އަދި އާ ދުވަހަކަށް ކުރިމަތިލާއިރު ލައި އުޅޭ ހެދުން ބަދަލުވާހެން ތިމާގެ މޫޑަށް ބަަދަލު އައުމުންވެސް ދުރުކޮށްދޭ ކަމަކަށް މިކަން ވެ އެވެ. އެހެންކަމުން އޮފީސް ދުވަހެއް އަދި ހަފްތާ ބަންދެއް ތަފާތުކުރުމެއް ނެތި އެއް ގަޑިއެއްގައި ނިދައި ހޭލުމަށް އާދަކުރާށެވެ. ދުވަސްކޮޅެއް ވަންދެން މިގޮތުގައި ހިތްވަރު ކޮށްލައިފިނަމަ ހަށިގަނޑު އެކަމަށް އާދަވެ އެ ގަޑިއަށް ވަރުބަލިކަމުގެ އިހުސާސްކުރެވި ނިދަން ފަސޭހަވެސް ވާނެ އެވެ.
ރަނގަޅަށް ނޭވާލުން، ހީކުރާ ވަރަށް ވުރެ މުހިންމު
ފަހަރެއްގައި ނޭވާލުމަކީ މާބޮޑަށް އެކަމާއި ދޭތެރޭ ވިސްނައިގެން ކުރަންޖެހޭ ކަމެއް ކަމުގައި ހީނުވެދާނެ އެވެ. ނަމަވެސް އަދި ތި ހީކުރެވެނީ މުޅީން ރަނގަޅަކަށް ނޫނެވެ. ފުންކޮށް ރަނގަޅަށް ނޭވާލުމަކީ ހަށިގަނޑުގައި ރަނގަަޅަށް އޮކްސިޖަން ދައުރުވުމުގެ އިތުރަށް ތިމާ ކުރަން ހުރި ކަމެއް ބަދަލުކޮށްލުމަށް މަގުފަހުކޮށްދޭނެ ކަމެެކެވެ. ގިިނަފަހަރަށް ހާސްބޮޑުވާ ފަދަ ހާލަތަކުން ތިމާ ދުރުވުމަކީ ތިމާގެ ޚިޔާލާއި ފިކުރުގެ ހުންގާނު މުޅިން އެހެން މިސްރާބަކަށް ބަދަލުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ދެން ފަހަރަކުން ކަމަކާއި މާބޮޑަށް ހާސްބޮޑުވާނަމަ ކުރާ ކަމެއް ހުއްޓާލާފައި ނަމަވެސް މިފަދައިން ފޯކަސް ކޮށްގެން ނޭވާލާން ހަނދާން ބަހައްޓާށެވެ.
ހުރިހާ ކަމެއްގެވެސް ބޮޑު ހައްލު، ދުޅަހެޔޮ ކާނާ
ތިމާގެ ހަށިގަނޑަކީ ތިމާ ކައިއުޅޭ ކާނާ އެވެ. ގަޑިން ގަޑިއަށް ވަޒަން ހަމަކޮށް ކެއުމަކީ ތިމާގެ ހަށިގަނޑަށް ކޮންމެހެންވެސް ލިބެންޖެހޭ މުހިންމު ކާނާތައް ލިބިދިނުމަށް މުހިންމުކަމެކެވެ. އެނޫންނަމަ މާގިނަދުވަހެއްނެތި ހަށިގަނޑުގެ އާރާއި ބާރު މަޑުމަޑުން ނެތިވެގެން ހިނގައިދާނޭ ކަމުގެ ބިރު އަބަދުވެސް އޮންނާނެ އެވެ. 2011 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާގޮތުން އޮމެގާ3 އެކުލެވޭ ކާނާ ގިނައިން ހިމެނުމަކީ ގިނަ މީހުންގެ ކިބައިގައި އެންޒައިޓީ ދަށް ކޮށްދިނުމަށް އެހީވެދޭ ކަމެކެވެ.
އެންޒައިޓީ މެދުވެރިވާ ސަބަބުތައް ދެނެގަނޭ
ކަމަކުން ސަލާމަތްވުމަށްޓަކައި އެންމެ ފުރަތަމަ އެއީ ކޮން ސަބަބަކާޢި ހުރެ މެދުވެރިވާ ކަމެއްތޯ ދެނެގަތުންވެސް މުހިންމެވެ. ބައެއްފަހަރު ސަބަބުތައް ބިއްލޫރިގަނޑެއްހާ ސާފެވެ. ނަމަވެސް އަނެއްބައި ފަހަރު އެ ސަބަބު ހޯދުމަކީ ތަންކޮޅެއް އުނދަގޫ ކަމަކަށް ވެދާނެ އެވެ. ކަމުގެ މާހިރުން ބުނާގޮތުގައި މިފަދަ ހާލަތެއްގައި ކުރުން އެންމެ ބުއްދިވެރި އެއްކަމަކަމަކީ ޖާނަލްއެއް ލިޔުމެވެ. އޭރުން އެންޒައިޓީ އެޓޭކެއް ދިމާވާ ހާލަތެއްގައި އޭގެ ސަބަބު ދެނެގަތުމުގެ ގޮތުން ވަކި ބާވަތްތަކުގެ ކާއެއްޗިއްސާއި، އާދަތަކާއި ހާދިސާތައް ދެނެގަތުމަށް ފަސޭހަވާނެ އެވެ. ތެރަޕީނަގަން ގަސްތުކުރާނަމަ މިފަދަ ނޯޓްތަކަކީވެސް ވަރަށް ބޮޑު އެހީއެކެވެ.
ހާސްބޮޑުކުރުވާ ޚިޔާލުތަކާއި ކުރިމަތިލާން ދަސްކުރޭ!
މިފަދަ ކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި އަދި ބިރުން ރަޖާއަޅައިން ފިލާ އޮތުމަކީވެސް އަދި ހައްލެއް ނޫންތާ އެވެ. އެހެންކަމުން ފަސްނުޖެހި ކުރިމަތިލާން ދަސްކުރާށެވެ. މިސާލަކަށް ވަކި ހާލަތެއްގެ ސަބަބުން ހިތް ނުތަނަވަސްވާނަމަ މީގެކުރިން އެފަދަ ހާލަތަކާއި ކުރިމަތިލައިގެން އެކަމަކުން އަރައިގަނެވުނުކަން ހަނދާންކުރާށެވެ. ދެންވެސް ވަކި އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ ހަމައެޔާއެކު ތިމާއަށް އެހީ ބޭނުންވާހެން ކިރިޔާވެސް ހީވާނަމަ އެ އެހީއެއް ހޯދުމަށް ފަސްނުޖެހޭށެވެ.
ކުޑަ ނުވަތަ އާދައިގެ ކަމެކޭ ހީވިއަސް އެންޒައިޓީ ފަދަ ނަފްސާނީ ކަންކަމަކީ ތިމާގެ ދިރިއުޅުމަށް ހީވެސް ނުކުރާ ވަރުގެ އަސަރުތަކެއް ކުރުވާ ކަންކަމެވެ.







