ލިސްޓުން ނަން އުނިކުރީ އުސޫލުތަކާ ހިލާފު ކަމަށް ވިދާޅުވެ ރިވިއުކުރަން މަހުލޫފް ހުށަހަޅުއްވައިފި

މަހުލޫފް: އެމްޑީޕީގެ ނިންމުން ރިވިއު ކުރަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައި

މަހުލޫފް: އެމްޑީޕީގެ ނިންމުން ރިވިއު ކުރަން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ވަނީ ހުށަހަޅުއްވާފައި

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ނުހިމަނަން ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް އޭނާ ހުށަހަޅުއްވައިފި އެވެ.

މަހްލޫފް ވާދަކުރައްވަން ހުށަހެޅުއްވީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސަށެވެ. ނަމަވެސް، އެމްޑީޕީން ކެންޑިޑޭޓުންގެ ލިސްޓް ނެރުނުއިރު އޭނާގެ ނަން އުނިކުރި އެވެ. މަހުލޫފްގެ ނަން ލިސްޓުން އުނިކުރިއިރު ބޮޑެތި ކުށްތަކުގައި ތުހުމަތުވާ މީހުންނަށް، އެތެރޭގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އޮތީ ފާސްކޮށްފަ އެވެ.

އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވެސް އިންތިހާބުގައި ބައިވެރިއެއް ނުވެވޭނެ އެވެ.

މަހުލޫފްގެ މައްޗަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ. އެ މައްސަލާގައި މަހުލޫފު ހުންނެވީ ވެސް ސަސްޕެންޑްކޮށްފަ އެވެ.

ލިސްޓުން ނަން އުނިކުރި މައްސަލަ އިސްތިއުނާފުކުރުމަށް މަހުލޫފު ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ ބަލާއިރު އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް އިންތިހާބެއް ބާއްވާކަން އެންގުމަށް ކުރާ އިއުލާނުގައި ހިމަނަންޖެެހެ އެވެ. ނަމަވެސް، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް ނެރުނު އިއުލާނުގައި ހިމަނާފައިނުވާ ޝަރުތުތަކެއް އިންތިހާބަށް އިއުލާންކުރި ފަހުން ނެރުނު އިއުލާނުގައި ވަނީ ހިމަނާފަ އެވެ.

"މިއި ކަނޑައެޅިގެން އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާއާ ހިލާފަށް ކޮށްފައިވާ ކަމެއް." މަހުލޫފް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދި ފަހުން އާ ޝަރުތުތަކަކާއެކު ނެރުނު އިއުލާނަކީ ގާނޫނީ ހަމަތަކާ އުސޫލުތަކާ ހިލާފު އިއުލާނެއް ކަމަށް ސިޓީގައިވެ އެވެ. އެއީ، އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނު އަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެޝަރުތަކަށް ކަމަށްވާތީ ކަމަށެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި މަގާމުތަކަށް ޝަރުތު ކަނޑައާޅާނަމަ، އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާބެހޭ ގަވާއިދު އިސްލާހުކޮށް އެފަދަ ޝަރުތުތަށް އިންތިހާބަށް އިއުލާންކުރުމުގެ ކުރިން ކަނޑައަޅުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާނަމަ ކުރަންޖެހޭ ގޮތެވެ.

އަދި އެފަދަ ހާލަތެއްގައިވެސް ވަކި ބަޔަކު އިންތިހާބަށް ވާދަކުރުން މަހުރޫމު ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ކަމަށެވެ.

އިސްތިއުނާފު ކުރަން ފޮނުއްވި ސިޓީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، 2018 ވަނަ އަހަރުގެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ވާދަ ކުރައްވާފައިވަނީ ވެސް ދައުލަތުގެ ގާނޫނީ ނިޒާމު އޭރު ރޭވިފައި އެ އޮތް ޝަރުތުތައް ފުރިހަމަނުވާ ހާލަތުގައިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، މަހުލޫފް ވިދާޅުވި ގޮތުގައި މިއަދު އިންތިހާބަކަށް ގޮވާލިކަމުގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ވެސް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ވެސް އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އޭނާގެ ޝަރުތު ފުރިހަމަވާ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަލާއިރު އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސް އަދި ޗެއާޕާސަންގެ މަގާމު މިއަދު ހުސްވި ނަމަވެސް، އެ މަގާމުތަކަށް ވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރެއްގެ ހައިސިއްޔަތުން މިހާރު ވެސް ޕާޓީގެ ގައުމީ މަޖިލީހުގައި މަހުލޫފް އިންނަވަ އެވެ. އެހެންވީއިރު މިނިސްޓަރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނދެވިފައި ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެންގުމަކީ އެއްވެސް ތާކުންތާކު ނުޖެހޭ ހަމަނުޖެހޭ ކަމެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު ތަކުރާރުކޮށް ބުނަމުން މިދަނީ އަޅުގަނޑުގެ މައްސަލައަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އަޅުގަނޑަށް ސިޔާސީ އަނިޔާއެއް ދިނުމަށް ކުރަމުންދާ މަސައްކަތެއް ކަމެއް، އަދި އަޅުގަނޑުގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު އަޅުގަނޑަކީ ކުށްވެރިއެއް ނޫން، މިކަން ވަރަށް ސާފުކޮށް އެވަނީ ގާނޫނު އަސާސީގައި ބަޔާންކޮށްދީފައިވޭ، ވީއިރު، އަޅުގަނޑާއި މެދު މިހާ ނިކަމެތިކޮށް މި މައްސަލާގައި ތިޔަ އަމަލުކުރެއްވީ ކީއްވެކަމާއި މެދު އަޅުގަނޑު މިހުރީ ހައިރާންވެފަ،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަކީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވާއިރު، ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުން ހަނިކުރެވެންވާނީ ސިޔާސީ ޕާޓީތަކުގެ ގާނުނުގައި ނުވަތަ އެ ޕާޓިއެއްގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ކަމަށެވެ.

ނަމަވެސް، ޕާޓީގެ މަގާމަކަށް ވާދަކުރުމުގެ ހައްގު އޭނާގެ ކިބައިން ނިގުޅައިގެންފައިމިވަނީ ކަނޑައެޅިގެން ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ޑިމެކްރެޓިކް ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް އަދި މިނިވަން އިންސާފުވެރި ހާމަކަން ބޮޑު އަދި އިތުބާރު ކުރުވަނިވި ގޮތުގެ މަތިން ބާއްވާ އިންތިހާބުތަކެއްކަން ކަށަވަރުކުރުމަކީ ޕާޓީގެ ލީޑާޝިޕްގެ ޒިންމާއެއްކަމުގައިވާއިރު، ފެނިގެން މިދަނީ ޑިމެކްރެޓިކް ހަމަތަކާއި އުސޫލުތަކާއި ހިލާފް އަދި އެއްވެސް މިނިވަންކަމެއް އިންސާފުވެރިކަމެއް ނެތް ވަކިބަޔަކު ބޭނުންވާ ގޮތަށް އިންތިހާބު ކުރިޔަށް ގެންދަން މަސައްކަތްކުރާ މަންޒަރު،" މަހުލޫފް ވިދާޅުވި އެވެ.

"މިއީ ޕާޓީގެ އެންމެހާ އުސޫލުތަކާ ހިލާފް އަދި އާންމު މެންބަރުން ޕާޓީއަށް ކުރާ އިތުބާރު ވެސް ގެއްލިގެންދާނެ ކަމެއް،"

އެހެންވެ، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021ގައި ވާދަކުރުމަށް އޭނާގެ ޝަރުތު ފުރިހަމަނުވާ ކަމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަން ކަނޑައަޅައި، އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަމަޖައްސަވައި ދެއްވަން މަހުލޫފް ވަނީ އެދިވަޑައިގެންފަ އެވެ.

މަހުލޫފްގެ އިތުރުން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ނަން ވެސް ވަނީ އުނިކޮށްފަ އެވެ. އޭނާއަކީ މިހާރު ވެސް ގައުމީ މަޖިލީހުގައި މާލޭ ދާއިރާ ތަމްސީލުކުރާ މެންބަރެވެ. އެ ދާއިރާއަށް ދެން ވާދަ ކުރައްވަނީ މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ.

އަކްރަމް ވެސް ވަނީ އިންތިހާބުގައި ވާދަކުރެވޭ ކެންޑިޑޭޓުންގެ ލިސްޓުން އޭނާގެ ނަން އުނިކުރި މައްސަލަ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox