ފުލުހުންގެ ބޯޑުގެ ނިންމުން 241 ކޮމިޓީން ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ) މެދުވެރިކޮށް ކަށަވަރު ކުރަން މަޖިލީހަށް އެދިފައިވާތީ، އެކަން ހިނގާފައިވާ ގޮތެއް ބަލަން ކޮމިޓީން މިއަދު ނިންމައިފި އެވެ.

ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ އިސް ސަފުގެ އޮފިސަރުންނަކީ ގާބިލް ބައެއްތޯ ކަށަވަރުކުރަން ފުލުހުންގެ ބޯޑަށް އޮތީ ލާޒިމްކޮށްފަ އެވެ. އެގޮތުގެ މަތިން އެ ބޯޑުން މިދިޔަ ހޯމަ ދުވަހު ވަނީ ހަތް އޮފިސަރަކު މަގާމުން ވަކިކުރުމަށް ނިންމައިފަ އެވެ.

އަދި، އެ ނިންމުން ތަންފީޒުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފައްޓަވައިފަ އެވެ.

އަލަށް އުފެއްދި ބޯޑުގެ ނިންމުމާ މެދު އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ރިވިއު ކުރަން ގޮވާލާފަ އެވެ.

އެ ނިންމުމާމެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ އެ ނިންމުން 241 ކޮމިޓީ މެދުވެރިކޮށް ބަލައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ފުލުހުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުލުހުންގެ ބޯޑުން ނިންމާފައިވާ ނިންމުމެއް ކޮމިޓީން ބަލަންޖެހޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ މިއަދުން މިއަދަށް ނިންމަން އޭނާ ހުށަހެޅުއްވި އެވެ.

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެމްބަރުންތަކެއް އެ ނިންމުން ބަލައި ދިނުމަށް އެދިވަޑައިގަތުމުން އެކަން ހިނގާފައިވާ ގޮތް ކޮމިޓީން ބަލައި ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.

އީވާގެ ހުށަހެޅުމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ތާއީދުކުރެއްވުމުން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ފުލުހުންގެ ބޯޑުގައި އެދިގެން އެ ނިންމުން ލިޔުމުން ހޯއްދަވާނެ ކަމަށެވެ.

އަދި އެކަމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އެ ލިއުން ލިބުމުން ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ ބޯޑުގެ ނިންމުމުގައި މަގާމުން ވަކިކުރަން ނިންމާފައިވަނީ ކޮން އޮފިސަރުންތަކެއް ކަމެއް އެ ބޯޑުން މީޑިއާއަށް އަދި ހާމައެއް ނުކުރެ އެވެ.

ނަމަވެސް، މި ނޫހަށް ކަށަވަރުވެފައިވާ ގޮތުގައި ވަކިކުރަން ނިންމާފައިވާ ހަތް އޮފިސަރުންނެވެ. އެއީ ތިން އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ ފަރުހާދު ފިކުރީ އާއި އަހުމަދު މުހައްމަދު (ޓޫފޯ) އަދި މުހައްމަދު ޖަމްޝީދެވެ.

އޭގެއިތުރުން ވަކިކުރަން ނިންމާފައިވަނީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން ސަސްޕެންޑްކުރި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ. މީގެތެރެއިން ރާއްޖޭން ބޭރުގައި ހުންނެވި ޝުހާދަކީ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝުކޫރުގެ ދަރި އެވެ.

ފުލުހުންގެ ބޯޑުން ދެން ވަކިކުރަން ނިންމީ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ. މީގެތެރެއިން އަބްދުﷲ ޝަރީފަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އިސްކޮށް ފުލުހުންގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝާނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބޯޑުން ބަލަން ޖެހެ އެވެ.

އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކޮށްފައިވާ އޮފިސަރުންނަކީ އެ މަގާމުތަކަށް ގާބިލު އަދި މަގާމާ އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންކަމާމެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައަޅަންޖެހެ އެވެ.

އާ ގާނޫނުގެ ދަށުން އާއްމު ހަތް މެމްބަރެއްގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު އައްޔަންކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ވަޒީރަށް ލަފާ ދޭ އެންމެ އިސް ފަރާތެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ ބޯޑަށް މަތިކޮށްފައިވާ މުހިއްމު ޒިންމާއަކީ އައްޔަންކުރާ ތާރީހުން ފެށިގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިސް ސަފަށް ހަރުދަނާ ބަދަލުތައް ގެނައުމެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މުއްދަތުގައި ފުލުހުންގެ އިސް ސަފަށް ހެޔޮ ބަދަލެއް ގެނައުމަކީ މުއައްސަސާގެ އިތުބާރު ބޮޑުވެގެންދާނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox