އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މުސާރަ ދެގުނަ ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި މިއަދު ކިނބިދޫ ކައުންސިލް މެންބަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ވަނީ ބައްދަލުކުރައްވައިފަ އެވެ. މީގެ އިތުރުން އެ ރަށުގެ މުއައްސަސާތަކަށް ވަޑައިގެން އެ ތަންތަނުގެ ހާލަތު ބައްލަވައި އެ ރަށުގެ ރައްޔިތުންނާވެސް ވަނީ ބައްދަލު ކުރައްވައިފަ އެވެ.
ކިނބިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކަށް މިހާރު ލިބެމުން އަންނަ މުސާރަ އަކީ އެންމެ އެކަށޭނަ މުސާރައެއް ނޫން ކަމަށެވެ. އެހެންވެ މެމްބަރުންގެ މުސާރަ ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މިހާރު އަމަލު ކުރަމުން އަންނަ އުސޫލްގައި އޮތީ ރަށްރަށާއި ސިޓީތަކުގެ މެމްބަރުންނަށް ވެސް ހަމަހަމަ ގޮތެއްގައި މުސާރައެއް ލިބޭ ގޮތަށެވެ. ކޮމިޓީތަކަށް މިހާރު ދެމުން އަންނަނީ 3000ރ. އެވެ. އެއީ، މުސާރައިގެ ގޮތުގައި 2،000ރ.ގެ އިތުރުން ލިވިން އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވާ 1،000ރ.އާ އެކުގަ އެވެ.
ކޮމިޓީތަކަށް ބޮޑުކުރަން ރައީސް އޮފީހަށް އެލްޖީއޭ އިން ހުށަހެޅި މުސާރަ
ސިޓީ ކައުންސިލްތައް

- ރައީސަކަށް 7،000ރ.
- ނައިބު ރައީސަކަށް 6،500ރ.
- މެމްބަރަކަށް 6،000ރ.
ރަށު ކައުންސިލްތައް
- ރައީސަކަށް 6،000ރ.
- ނައިބު ރައީސަކަށް 5،500ރ.
- މެމްބަރަކަށް 5،000ރ.
އެލްޖީއޭ ބުނީ ރައީސްގެ އެ ނިންމެވުމާއެކު ސިޓީތަކާއި ރަށްރަށުގެ އަންހެނުން ކޮމެޓީގެ މެމްބަރުންގެ މުސާރައަށް ބަދަލުއަންނާނެ ކަމަށެވެ. އެކަމަކު ތާރީހެއް އަދި ސާފެއް ނުވެ އެވެ.
އެލްޖީއޭ އިން ބުނީ ފަހުން މިގެންނަ ބަދަލާ އެކު އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ އެހެން މެމްބަރުންނަށް ވުރެން ވެސް ބޮޑުވާނެ ކަމަށެވެ. އެލްޖީއޭ އިން ރައީސް އޮފީހަށް ހުށަހެޅީ ރައީސުންނަށް 6،000ރ. ދިނުމަށެވެ. އަދި ނައިބު ރައީސަކަށް 5،500ރ. ދިނުމަށެވެ. މެމްބަރަކަށް 5،000ރ. ދޭށެވެ.
ސިޓީ ކައުންސިލްތަކުގެ ރައީސުންނަށް ދޭން އެލްޖީއޭ އިން ހުށަހެޅި މުސާރައަކީ 7،000ރ. އެވެ. ނައިބު ރައިސަކަށް 6500ރ. އަދި މެމްބަރަކަށް 6000ރ. އަށް ބޮޑުވާނެ އެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ކުރަން މަގުފަހިކުރެވެން ހުރި ކަންކަމުގައި ސަރުކާރުން އެހީތެރިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ގާނޫނަށް ގެނައި އިސްލާހާ އެކު ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންގެ ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކުރީ މިދިޔަ އެޕްރީލް މަހުގެ ތެރޭގަ އެވެ. ބައެއް ކައުންސިލްތަކަށް އަދި މެމްބަރުން އިންތިހާބެއް ނުކުރެވެ އެވެ. މިވަގުތު އިންތިހާބު ކުރެވިފައި ތިބި މެމްބަރުންގެ އަދަދަކީ 910 އެވެ.
ކޮމިޓީތަކަށް މެމްބަރުން އިންތިހާބުކޮށް ނިމުމުން މާލެ އާއި އަތޮޅުތަކުގައި ޖުމްލަ 930 މެމްބަރުން ތިބޭނެ އެވެ.













