ކައުންސިލުތަކުން ލޯނު ނެގުމާއި، ދޫކުރުމާ ގުޅޭ މުހިންމު އިސްލާހެއް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: މާލިއްޔަތު ގާނޫނަށް އޭނާ ވަނީ މުހިންމު އިސްލާހެއް ހުށަހަޅުއްވާފައި. -ފައިލް ފޮޓޯ: މަޖިލިސް

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ މަޖިލީހުގެ ޖަލްސާއެއްގައި: މާލިއްޔަތު ގާނޫނަށް އޭނާ ވަނީ މުހިންމު އިސްލާހެއް ހުށަހަޅުއްވާފައި. -ފައިލް ފޮޓޯ: މަޖިލިސް

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގުސަދުތަކާ ތައާރަޒުވާ ގާނޫނުތައް އިސްލާހުކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، ކައުންސިލުތަކުން ލޯނު ނެގުމާއި ލޯނު ދޫކުރުމާ ގުޅޭ މުހިންމު އިސްލާހެއްގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ދައުލަތުގެ މާލިއްޔަތު ގާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ކައުންސިލުތަކަށް މާލީ މިނިވަންކަން ދިނުމުގެ ގޮތުން، ހިންގާ މަޝްރޫއުތަކަށް ލޯނު ނެގުމުގެ މަގު ތަނަވަސްކޮށް ދިނުމުގެ އިސްލާހެކެވެ.

އެއީ ކައުންސިލުތަކަށް ލިބޭ އާމްދަނީން ނުހިންގޭ މަޝްރޫއުތަކަށް، ޕްރޮޕޯޒަލް ހުށަހަޅައިގެން، ސަރުކާރުގެ ގެރެންޓީއާ އެކު ލޯނު ނެގުމުގެ ފުރުސަތު ލާމަރުކަޒީ ގާނޫނުގެ ދަށުން ފަހިކޮށްދީފައިވާ އޮތް އޮތުމެވެ.

އެގޮތުން، މާލިއްޔަތު ގާނޫނަށް ޔައުގޫބު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ދަށުން ވަކި ކައުންސިލަކަށް އަހަރަކު ލިބޭ އާމްދަނީގެ ތެރެއިން، ހަރަދަށް ކެނޑުމަށްފަހު، ބާކީ ހުންނަ ފައިސާ އެހެން ކައުންސިލަކަށް ލޯނުގެ ގޮތުގައި ދޫކުރެވޭނެ އެވެ.

އެގޮތަށް ދޫކުރެވޭ ލޯނެއްގެ ތަފްސީލް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަންޖެހޭއިރު، އެއްބަސްވުމާ ހިލާފަށް އެއެ ލޯނު އަނބުރާ ނުދައްކާނަމަ، ލޯނު ނެގި ކައުންސިލަކަށް ސަރުކާރުން ދޭންޖެހޭ ފައިސާއިން ލޯނަށް ދައްކަންޖެހޭ އަދަދު އުނިކުރުމުގެ އިހުތިޔާރު ސަރުކާރަށް ވަނީ ދީފަ އެވެ.

ކައުންސިލްތަކަށް އެފަދަ ދަރަންޏެއް ނެގޭނެ އުސޫލުތަކެއް ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވާއިރު، ކައުންސިލުތަކަށް ދަރަނި ނެގޭނީ، ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނުގައި ހިމެނޭ މަޝްރޫއުއަކަށް، ކައުންސިލުގެ އަގުލަބިއްޔަތުން ފާސްކޮށް ފިނޭންސް މިނިސްޓަރުގެ ހުއްދައާ އެކު އެވެ.

އަދި އެފަދަ ދަރަންޏެއް ނެގުމަށް ކައުންސިލުން ފާސްކުރާ ގަރާރުގައި ހިމަނަންޖެހޭނެ މައުލޫމާތުތައް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

އޭގެ ތެރޭގައި، ދަރަނި ނެގުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ނުވަތަ އިގުތިސޯދަށް ކުރާނެ ފައިދާ އާއި، ކައުންސިލުގެ މާލިއްޔަތަށް ކުރާނެ އަސަރާއި، ހިންގާ މަޝްރޫއުގެ ތަފްސީލާއި، މާލީ ގާބިލުކަމުގެ އެސެސްމަންޓުގެ އިތުރުން ރަހުނުކުރަން ނިންމާފައިވާނަމަ އެކަމުގެ ތަފްސީލް ހިމަނަންޖެހެ އެވެ.

އެގޮތަށް ހުށަހަޅާ ލޯނު ޕްރޮޕޯޒަލްތަކަށް ހުއްދަ ދިނުމުގައި މިނިސްޓްރީން ރިއާއަތްކުރަންޖެހޭނެ ކަންކަން ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި މުޅި ދައުލަތުގެ ދަރަނީގެ މިންވަރާއި، މަޝްރޫއުގެ ފީޒިބިލިޓީގެ އިތުރުން އެ ދަރަނި އަނބުރާ ދެއްކޭނެ ގާބިލުކަން ހިމެނެ އެވެ.

އެ އުސޫލުގެ ތެރެއިން ނަގާ ދަރަނީގެ ތަފްސީލުތައް ގަވައިދުން މިނިސްޓްރީއާ ހިއްސާކުރަން ލާޒިމުކޮށްފައިވާއިރު، އެ ލޯނަކަށް ދައްކަންޖެހޭ ފައިސާއާއި އިންޓަރެސްޓް އަކީ ސީދާ ކައުންސިލުން ޒިންމާވާންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.

ޔައުގޫބު ހުށަހެޅުއްވި އިސްލާހުގެ ދަށުން ލޯނު ދޭ ފަރާތަކުން ގެރެންޓީއެއް ދިނުމަށް ޝަރުތުކުރާނަމަ، ގެރެންޓީ ދޫކުރުމުގެ ގަވައިދެއްގެ ހަދަން ފިނޭންސް މިނިސްޓްރީގެ މައްޗަށް ވަނީ ލާޒިމުކޮށްފަ އެވެ.

އޭގެ އިތުރުން ކައުންސިލުތަކުގެ މުދަލެއް ވިއްކުމާއި، ކުއްޔަށް ދިނުން ނުވަތަ ރަހުނުކުރެވޭނީ ކައުންސިލުން އެ ގޮތަށް ފާސްކޮށްގެން ކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގެ މައުލޫމާތު ވެސް މިނިސްޓްރީއާ ހިއްސާކުރަންވާނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ އެ އިސްލާހަށް ތާއީދުކުރައްވައިފަ އެވެ.

ނަމަވެސް، މަނީ ލޯންޑަރިންނާއި ޓެރަރިޒަމަށް ފައިނޭންސިން އާންމުވެފައިވާ ދުވަސްވަރެއްގައި، ކައުންސިލުތަކުން ލޯނު ނަގާ ފަރާތްތަކާއި ކުރެވޭ މުއާމަލާތްތަކަށް ފިނޭންސް މިނިސްޓްރީން ފާރަވެރިވާންޖެހޭނެ ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް ކައުންސިލުތަކަށް މާލީ ގޮތުން ބޮޑެތި ބާރު ތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރުމުގެ އިތުރުން، ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު ކައުންސިލުތަކުން ދޫކޮށްލުން ހިމެނެ އެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައިވާ ބިމުގެ ކުލީގެ އިތުރުން، ކައުންސިލްތަކުން ނަގާ ފީގެ އާމްދަނީ އެއްކޮށް ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

އޭގެ އިތުރުން ކުންފުންޏާއި ކޯޕަރޭޓިވްސް އުފައްދައިގެން ވިޔަފާރި ކުރުމާއި އާމްދަނީ ހޯދުމުގެ މަގުވެސް ކައުންސިލްތަކަށް މިހާރު ގާނޫނުގެ ތެރެއިން އޮތީ ފަހިކޮށްދީފަ އެވެ.

އަދި ރަށު ލެވެލްގައި ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޖުމްލަ އަގު ފަސް މިލިއަނަށް ވުރެ ދަށުގެ ޕީއެސްއައިޕީ މަޝްރޫއުތައް ވެސް ކައުންސިލްތަކަށް ހިންގޭ ގޮތް މިހާރު ވަނީ ހަދައިދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox