އޭއެފްސީ ކަޕާއި މާޒިޔާއާ މެދު ގައުމީ ކޯޗު ސުޒޭންގެ ވިސްނުން

ގައުމީ ކޯޗު ސުޒޭން: އޭއެފްސީ ކަޕްގައި މާޒިޔާ އަށް އޮތް ފުރުސަތާ ބެހޭގޮތުން ވަނީ ޕޮޒިޓިވް ވާހަކަތަކެއް ދައްކާފައި.-- ފޮޓޯ: ހުސައިން ޝަޔާހު--- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ގައުމީ ކޯޗު ސުޒޭން: އޭއެފްސީ ކަޕްގައި މާޒިޔާ އަށް އޮތް ފުރުސަތާ ބެހޭގޮތުން ވަނީ ޕޮޒިޓިވް ވާހަކަތަކެއް ދައްކާފައި.-- ފޮޓޯ: ހުސައިން ޝަޔާހު--- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

ހޯމަ ދުވަހުގެރޭ އެފްއޭއެމުން ގައުމީ ޓީމުގެ ހެޑް ކޯޗަކީ އަލީ ސުޒޭން ކަމަށް އިއުލާނުކުރިއިރު، އޭގެ ކުރިން ރޭ އޭނާ ވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅުނު މެޗު ބަލައިފަ އެވެ. ކުރިއަށް އޮތްތަނުގައި ގައުމީ ޓީމުގައި އަދާކުރަން ޖެހޭ މަސައްކަތަށް ބަލާއިރު އެ މެޗު ބެލުމަކީ ސުޒޭނަށް ލިބުނު ފަސޭހައެކެވެ. އެކަމަކު، އެ މެޗުން އީގަލްސް ބަލިވުމަކީ އެ ޓީމުގެ އިތުރުން ސުޒޭނަށް ވެސް ލިބިގެންދިޔަ ދެރައެކެވެ.

"(ގްރޫޕް ސްޓޭޖުގައި) ރާއްޖޭގެ ދެ ޓީމު އޮތްނަމަ ސާފް ޗެމްޕިއަންޝިޕަށް ވަރަށް ބޮޑު ފަސޭހައަކަށް ވިސް ޓީމު އެކުލަވާލުމުގައި،" އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް އަމާޒުކޮށް "އަދަދު" އިން ގެނެސްދިން ޕްރިވިއު ޝޯގައި ސުޒޭން ބުންޏެވެ.

"ހަގީގަތުގައި އީގަލްސްގައި އެޓޭކިން ކުޅުންތެރިއެއް. މިސާލަކަށް އަޝްފާގަށް ނުކުޅެވުނުއިރުގައި ބިދޭސީ ރަނގަޅު އެހެން ކުޅުންތެރިއަކު (އީގަލްސްގައި) ހުރިނަމަ ރަނގަޅު މެޗެއް އަޅުގަނޑުމެންނަށް ފެނިގެންދާނެ. ގަބޫލުކުރަން ޖެހޭ އެ ދިވެހި ކުޅުންތެރިން މެނޭޖްކުރުމުގައި ޝާޒް ދައްކާލައިފި އޭނަގެ ސާބިތުކަން،"

ސުޒޭން ވަނީ އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ކުރި މަސައްކަތް ފާހަަގަކޮށްފަ އެވެ. ސައްތަ އިން ސައްތަ ދިވެހި ޓީމެއް ގޮވައިގެން ބެންގަލޫރު ކަހަލަ ޓީމަކާ ދެކޮޅަށް ރަނގަޅު ރޭވުމަކާ އެކު ކުޅެގެން މެޗުން މޮޅުވެވޭ ވަރަށް ގޯލު ޖަހަން ވެސް އީގަލްސް އިން ފުރުސަތު ތަނަަވަަސްކުރި އެވެ. އެ މެޗުން ގައުމީ ޓީމަށް އުއްމީދެއް ގެނެސްދިން ކަންތައްތަކެއް ފާހަގަވި ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

އީގަލްސް ކެޓުމާ އެކު ދެން އޭއެފްސީ ކަޕްގައި ދިވެހިންގެ އުއްމީދުތައް ގުޅިފައި އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާއާ އެވެ. މާޒިޔާ އަކީ މިހާރު އޭއެފްސީ ކަޕްގައި އޮތް ރާއްޖެ އަށް ނިސްބަތްވާ ހަމައެކަނި ކްލަބެވެ.

މާޒިޔާ ފުރަތަމަ މެޗުގައި މިރޭ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއާ ވާދަކުރާނެ އެވެ. ދެ ވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް)ގެ ޓީމު އޭޓީކޭ މޯހަން ބަގާންއާ ކުޅޭނެ އެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ކުޅެން އޮތީ ބެންގަލޫރާ އެވެ.

އޭއެފްސީ ކަޕްގެ އަނެއް ބުރުން ފުރުސަތު ލިބޭނީ ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމަކަށެވެ. އެހެންވެ، ކޮންމެ މެޗެއް ވެސް މުހިއްމެވެ. ސުޒޭންގެ ނަޒަރުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ފެންވަރު މާޒިޔާގެ އެބަހުއްޓެވެ.

މާޒިޔާގެ މެނޭޖްމަންޓާ މެދު ސުޒޭންގެ ޕޮޒިޓިވް ވިސްނުން

ރާއްޖޭގެ ނިއު ރޭޑިއަންޓްގައި ކާމިޔާބީތަކެއް ހޯދައި މި ވަގުތު ބަޝުންދަރަ ކިންގްސްގެ ކޯޗަކަށް ހުރި އޮސްކާ ބްރުޒޮން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަކުރި ކަމަކީ ރާއްޖޭގެ ފުޓްބޯޅައިގައި މި ވަގުތު "މިސާލެއް"ގެ ގޮތުގައި ކްލަބެއް ނަގާނަމަ އެއީ މާޒިޔާ ކަމަށެވެ. އެއީ މާޒިޔާގައި ރަނގަޅު މެނޭޖްމަންޓެއްގެ ތެރެއިން ހިންގުމާއި ފެންވަރު ރަނގަޅު ޓީމެއް އެކުލަވާލެވިފައި އޮތީމަ އެވެ.

"އަދަދު"ގެ އޭއެފްސީ ކަޕް ޝޯގައި ސުޒޭން ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސުޒޭން ބުނީ އޮސްކާ އެ ގޮތަށް ބުނުމަކީ މާޒިޔާ އިން ހިތްހަމަ ޖެހޭނެ ކަމެއް ކަމަށާއި އޭއެފްސީ ކަޕްގައި ކާމިޔާބު ހޯދަން ބަލާއިރު މާޒިޔާ އޮތީ މެނޭޖްމަންޓާއި ކުޅުންތެރިންނަށް ބަލާއިރު ވެސް ތަސައްރަފު ފުދިފައި ކަމަށް ސުޒޭން ބުންޏެވެ.

"އޭއެފްސީ ކަޕްގައި މާޒިޔާ ބޮޑު ކާމިޔާބެއް ހޯދާފައި މި އޮތީ. އެ ކާމިޔާބަކީ (މިދިޔަ އަހަރު) ބެންގަލޫރު އެފްސީ އެ މީހުންގެ ރަށުގައި ބަލިކުރުން. ބެންގަލޫރަކީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި އެންމެ ވަރުގަދަ އެއް ޓީމަށްވާނެ. ދެން އޭއެފްސީ ކަޕް ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް މާޒިޔާ މުޅި ސްކޮޑުގައި ވެސް މި ތިބީ. މި ސަރަހައްދުގައި ވެސް ރަނގަޅު ކުޅުންތެރިން ގޮތުގައި ފާހަގަކުރެވިގެންދާނީ،" ސުޒޭން ބުންޏެވެ.

ގްރޫޕްގައި އޮތް އެހެން ޓީމުތަކަށް ބަލާއިރު އެއީ މާޒިޔާ އަށް ވުރެ ރަނގަޅު ބިދޭސީ ކުޅުންތެރިން ގަންނަން ބޮޑު ހަރަދުކުރާ ޓީމުތަކެއް ކަމަށް ސުޒޭން ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު މީގެ މުހިއްމު ކަމަކީ އެ ބިދޭސީ ކުުޅުންތެރިންނާ ގުޅިގެން ދެން ތިބި ކުޅުންތެރިން ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ރަނގަޅުވުމެވެ.

"މާޒިޔާގައި ބޭރު ކުޅުންތެރިންނަށް މި ކުރާ ހަރަދު މިސާލަކަށް ބަލާއިރު އޭޓީކޭ މޯހަން ބަގާން ވިޔަސް ނުވަތަ ބެންގަލޫރު ވިޔަސް ނޫނީ ބަޝުންދަރާ ކިންގްސް ވިޔަސް މި މީހުން ކުރާ އަދަދު ދިހަ ގުނަ އަށް ވުރެ ބޮޑުވާނެ. އެ މީހުންނަށް ބޭރު ކުޅުންތެރިން ހޯދުމުގައި އޮތް މާލީ ތަނަވަސްކަމުގެ އެޑްވާންޓޭޖް ނަގައި ރަނގަޅު ކުޅުންތެރިން ވެސް ހޯދާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ އަބަދުވެސް އޭއެފްސީ ކަޕްގައި ފަހަކަށް އައިސް މި ފެންނަނީ އިދިކޮޅަށް ކުޅޭ ޓީމުތަކުން ބޭރު ކުޅުންތެރިންގެ ތެރެއިން ތަފާތު ކުޅުންތެރިންތަކެއް ލައިގެން ކުޅޭއިރު ވެސް މާޒިޔާއާ ދާދި އެއްވަރެއްގައި ނޫނީ މާޒިޔާ ލީޑުކުރާތަން ކަމަށެވެ.

"ރާއްޖޭގެ ކުޅުންތެރިންގެ ހުނަރާއި އެ ތިބޭ ބޭރު ކުޅުންތެރިންނާ އެއްކޮށްލީމަ އަދި ތަފާތު މޮޅު ބޭރު ކުޅުންތެރިއަކު އިދިކޮޅު ޓީމުތަކުގައި ތިބި ކަމުގައި ވިޔަސް އެ ތަފާތު މެޗުން ނުފެންނަކަން އަޅުގަނޑު ފާހަގަކޮށްލަން،" ވިކްޓްރީ އާއި މާޒިޔާ ގޮވައިގެން އޭއެފްސީ ކަޕްގައި ވާދަކޮށްފައިވާ ސުޒޭން ބުންޏެވެ.

އޮސްކާ އަށް ދިވެހި ފުޓްބޯޅަ އެނގޭނެ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ވަނީ އިންޑިއަން ސަބްކޮންޓިނެންޓްގައި އޭނާ އަށް ލިބިފައިވާ ފުޓްބޯޅައިގެ ތަޖުރިބާގެ ބޭނުން މި ފަހަރު ހިފާނީ ބަޝުންދަރާ އަށް ކާމިޔާބީ ހޯދުމަށް ކަމަށެވެ. އޮސްކާ ވަނީ އަހަރެއްހާ ދުވަހު ރާއްޖޭގެ ނިއުގައި ހުރެ، މި ގައުމުގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދައިފަ އެވެ.

ސުޒޭން ބުނީ އޮސްކާ އަށް ވަރަށް ރަނގަޅަށް ދިވެހި ފުޓްބޯޅަ އެނގޭނެ ކަމަށެވެ. އަދި ދިވެހި ފުޓްބޯޅައިގެ ތެރެއިން އޮސްކާ އަށް ރަނގަޅަށް އެނގޭނެ ކުޅުންތެރިންތަކެއް މާޒިޔާގެ 11 ތެރޭގައި ތިބޭނެ ކަމަށް ވެސް ސުޒޭން ބުންޏެވެ.

"އެހެން ނަމަވެސް ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ ބަންގްލަދޭޝްގެ ލޯކަލް ކުޅުންތެރިންނާއި ރާއްޖޭގެ ލޯކަލް ކުޅުންތެރިން އަޅާކިޔާއިރު އޮސްކާ އަށް ވެސް އެ ތަފާތު ވަރަށް ރަނގަޅަށް އެނގޭނެ. އެ އަށް ކަންނޭނގެ އޭނަ އެންމެ ބޮޑަށް ތައްޔާރުވާނީ. ކޮންމެ ގޮތެއް ވިޔަސް ބޭރު ތިނެއް ނޫނީ ހަތަރު ކުޅުންތެރިން ލައިގެން ކުޅޭއިރު ދެން ތިބި ބަންގްލަދޭޝްގެ އެތިބި ކޮންމެ އިންޑިވިޖުއަލް ކުޅުންތެރިއަކަށް ވުރެ ރާއްޖޭގެ ކުޅުންތެރިން ހުނަރުގެ ގޮތުން ވެސް މެޗު ކުޅޭއިރު ވެސް މާ މޮޅުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސުޒޭން ބުންޏެވެ.

"ކިތަންމެ އެއްކޮޅަށް ބުރަކޮށް ދާ މެޗެއްގައި ވެސް ދިމާވާ ކަމެއްގަ ނަތީޖާ އަށް އަސަރުކުރާ ކަމެއް ދިމާވެދާނެ،"

ސުޒޭން ވަނީ މާޒިޔާގައި މި ވަގުތު ހުރި ކޯޗު ސާބިއާގެ ރިސްޓޯ ވިޑަކޮވިޗަށް ތައުރީފުކޮށްފަ އެވެ. ސުޒޭން ބުނީ ވިޑަކޮވިޗަކީ ވަރަށް ބޮޑަށް ސްޕެއިންގެ ނުފޫޒު އޮތް ކޯޗެއް ކަމަށާާއި އެ ގައުމުގެ ފުޓްބޯޅައިގެ ސްޓައިލް އޭނާ އަށް އެނގޭނެ ކަމަށެވެ.

"(ވިޑަކޮވިޗަށް) އޮސްކާގެ ސްޓައިލް އެނގޭނެ. ލެވަލް އާށް ބަލާއިރުގައި އޭއެފްސީ ކަޕްގެ ލެވަލްގައި ވެސް ރަނގަޅު ތަޖުރިބާތަކެއް ހުރި ކޯޗެއް ވިޑަކޮވިޗަކީ. އެހެން ވީމަ ވަކި އޮސްކާ އަށް ވުރެ އެންމެ ތަންފުކެއް ވެސް ތަޖުރިބާގެ ގޮތުން ދަށެއް ނުވާނެ. އެ އަށް ބަލާއިރު މާޒިޔާ އަށް އެޑްވާންޓޭޖެއް އެއީ ވެސް،"

ހުރިހާ ޓީމެއް އިިއްތިފާގުވާ ބަޝުންދަރާ އަށް އޮތް އެޑްވާންޓޭޖް

ގްރޫޕް ސްޓޭޖުގައި މި ވަގުތު އޮތް ހަތަރު ޓީމަށް ބަލާއިރު، އިންޑިއާގެ ދެ ކްލަބް އެންމެ ފަހުން އެ ގައުމުގެ ލީގުގައި ކުޅެފައިވަނީ މިދިޔަ ފެބްރުއަރީ އާއި މާޗް މަހުގަ އެވެ. މިއީ އެ ގައުމުގެ އޮފް ސީޒަން މުއްދަތެވެ. މާޒިޔާ އިން ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ މެއި މަހު ފަސް ވަނަ ދުވަހު ކުޅުނު މެޗެވެ. އެކަމަކު ބަޝުންދަރާ އިން ވަނީ މިދިޔަ މަހެއްހާ ދުވަހު ގިނަ މެޗުތަކެއް ކުޅެ، އެ ގައުމުގެ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ވަރަށް ފަހުން ވެސް ވާދަވެރި ގިނަ މެޗުތަކެއް ކުޅެފައިވުމަކީ ބަޝުންދަރާ އަށް އޮތް ކޮންމެ ވެސް ވަރެއްގެ އެޑްވާންޓޭޖެއް ކަމަށް މާޒިޔާގެ ކޯޗު ވިޑަކޮވިޗްގެ އިތުރުން އޭޓީކޭ މޯހަން ބަގާންގެ ކޯޗު ސްޕެއިންގެ އެންޓޯނިއޯ ލޮޕޭޒް ހަބާސް އާއި ބެންގަލޫރުގެ ކޯޗު ޖަރުމަނުގެ މާކޯ ޕެޒޯލީ ވަނީ ބުނެފަ އެވެ. އެ ކޯޗުންގެ ވާހަކަތަކަށް ސުޒޭން ވެސް އެއްބަސްވެ އެވެ.

"އަދަދު"ގެ އޭއެފްސީ ކަޕް ޝޯގައި ސުޒޭން ވާހަކަ ދައްކަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ސުޒޭން ބުނީ ވާދަވެރި (ކޮމްޕެޓިޓިވް) މެޗުތަކެއް ކުޅުމުގެ އެންމެ ބޮޑު އެޑްވާންޓޭޖަކީ މެޗު ފިޓްނަސް ރަނގަޅުވުން ކަމަށެވެ. ފުޓްބޯޅައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައި ހުރި މީހެއްގެ ހައިސިއްޔަތުން ބުނާނަމަ ބަޝުންދަރަ އަށް އެޑްވާންޓޭޖެއް ނެތެކޭ ނުބުނެވޭނެ ކަމަށާއި އެކަމަކު މީގެ މާޒިޔާ އަށް ވެސް އެޑްވާންޓޭޖް ހުރިކަން ސުޒޭން ފާހަގަކުރި އެވެ.

"މެޗު ފިޓްނަސް އަކީ ޓްރެއިނިން އަކުން ހޯދޭނެ އެއްޗެއް ނޫން. މެޗު ފިޓްނަސް އަކީ ޕްރެކްޓިސް މެޗަކުން ހޯދޭނެ އެއްޗެއް ނޫން. އެއީ މީހާގެ މެންޓަލް ޕްރެޕަރޭޝަންއާ އެފަޓާ އެއްކޮށް ފިޒިކަލް ބައި ލީމަ އަންނަ އެއްޗެއް މެޗު ފިޓްނަސް އަކީ. އެހެންވީމަ ޕްރެޝަރުގައި އެ ކުޅުންތެރިޔާގެ ވޯކްރޭޓާއި އެ ހުރިހާ އެއްޗެއް އަންނައިރުގައި އެއީ އޭގެއިން އަންނަ އެއްޗެއް މެޗު ފިޓްނަސް އަކީ. އެހެން ބަލާއިރު އެއީ ބަޝުންދަރާ އަށް ކޮންމެވެސް ވަރަކަށް ނޫން ބޮޑު އެޑްވާންޓޭޖަކަށް ވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ބަޝުންދަރަގެ އެ އެޑްވާންޓޭޖް ބިނާވެފައި އޮތީ އިދިކޮޅަށް ނުކުންނަ ޓީމެއްގެ ތައްޔާރީތައް ހުންނަ ގޮތަކަށް ކަމަށެވެ.

"މާޒިޔާގެ ވާހަކަ ދައްކާނަމަ މާޒިޔާ މިހާރު ވެސް އެ އަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ. މާޒިޔާގެ ހުރިހާ ކަމެއް ބައްޓަން ނުވާނެ ހޯމް މެޗެއް ވީމަ ހުރިހާ ކަމެއް ދޫކޮށްލާފައި އެޓޭކަށްދާން. އޯގަނައިޒްކޮށް މާޒިޔާގައި އެ ތިބި ކުޅުންތެރިން ލައިގެން ކުޅެންވީ. (ބަޝުންދަރަގެ ކަންކަމަށް) އެ އަށް ވެސް ހައްލު ހޯދޭނެ ވަރުގެ ޓީމެއް އަދި ކޯޗެއް އެ ހުރީ މާޒިޔާގައި،" ސުޒޭން ބުންޏެވެ.

ބެންގަލޫރު މެޗަށް އުއްމީދު ބޮޑު

މާޒިޔާ އިން މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދީ ޕްލޭއޮފް ބުރުގައި ބެންގަލޫރު ކަޓުވާލައިގެންނެވެ. ދެ ލެގުން ވެސް މާޒިޔާ ވަނީ މޮޅުވެފަ އެވެ. މާޒިޔާ ވަނީ މޯހަން ބަގާން އަތުން 2017 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މޮޅުވެފަ އެވެ. އެކަމަކު އޭރު އެ ޓީމު އޮތީ އޭޓީކޭއާ އެއްކޮށް ނުލަ އެވެ. މިހާރު އެ ޓީމު އިންޑިއަން ސުޕަ ލީގުގައި ނެރެމުން އަންނަ ނަތީޖާ އަށް ބަލާއިރު ވަރުގަދަވާނެ އެވެ.

ސުޒޭން ބުނީ މި ފަހަރުގެ ޕްލޭއޮފްގައި ބެންގަލޫރަށް އީގަލްސް އިން ކުރިމަތިކުރި ނުރައްކަލަށް ބަލާއިރު، މާޒިޔާ އިން ބެންގަލޫރު ކޮޅަށް ރަނގަޅު ނަތީޖާއެއް ނެރޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

"މިއީ އިންޑިއާގެ ސީޒަނުގެ ޕީކެއް ނޫން. އޮފް ސީޒަން ކްލަބްތަކަށް އޮއްވައި ކުޅެން ޖެހުން އެކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ އީގަލްސް އާއި ބެންގަލޫރު މެޗުން ވެސް. އެ އެޑްވާންޓޭޖް ނަގަން މާޒިޔާގެ ތައްޔާރީތައް ވެސް ސައުދީ ކޭމްޕްގައި މިދިޔައީ ވަރަށް ރަނގަޅަށް. އެޑްވާންޓޭޖް ނަގަން މާޒިޔާ އަށް މި އޮތީ ރަނގަޅު ފުުރުސަތެއް އަމިއްލަ ގައުމުގައި ކުޅުން ދެން ހާއްސަކޮށް ގަލޮޅު ދަނޑަކީ ދިވެހި ކުޅުންތެރިންނަކީ ވަރަށް ފަރިތަ ތަނަކަށްވާނީ މި ކަަހަލަ މެޗުތަކަށް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މީގެ އެންމެ މުހިއްމު ކަމަކީ މެޗުތަކުގައި ކުރިމަތިލާން ޖެހޭނެ ކަންކަމަށް ކުޅުންތެރިން ޕޮޒިޓިވް ނަޒަރަކުން ވިސްނުން ކަމަށެވެ.

ސަޕޯޓަރުން ނެތި ހޯމް އެޑްވާންޓޭޖް ނެގިދާނެތަ؟

ރާއްޖޭން ބޭރުގެ ޓީމަކާ ދެކޮޅަށް ގަލޮޅު ދަނޑުގައި ގައުމީ ޓީމު ވިޔަސް އަދި ކްލަބަކުން ވިޔަސް ނަތީޖާ ނެރެފައި ހުރީ ދަނޑަށް ވަންނަ ސަޕޯޓަރުންގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކީގަ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕްގެ މެޗުތައް ގަލޮޅު ދަނޑުގައި ހޯސްޓްކުރަން ފުރުސަތު ލިބުނު ކަމުގައި ވިޔަސް މުޅިން އެއްކޮށް ހޯމް އެޑްވާންޓޭޖް ނެގުމަށް އޮތް ހުރަހަކީ ސަޕޯޓަރުން ވައްދައިގެން ކުޅުމުގެ ހުއްދަ ނެތުމެވެ.

ސުޒޭން ބުނީ ދިވެހި ސަޕޯޓަރުންނަކީ ދިވެހި ރާއްޖޭގެ ފުޓްބޯޅައިގެ މިހާތަނަށް ހޯދި ހުރިހާ ކާމިޔާބެއްގެ އެންމެ ބޮޑު ހިއްސާއެއް އޮތް ފަރާތް ކަމަށެވެ. އަދި ހާއްސަކޮށް 2008 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕާއި ނިއު ރޭޑިއަންޓް އޭއެފްސީ ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރުން އަދި އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތަކުން ހޯދާފައި ހުރި ކާމިޔާބަށް ބަލާއިރު ވެސް ވަރަށް ރަނގަޅު ސަޕޯޓެއް ދިވެހިންގެ ފަރާތުން ލިބުނު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

"(ކޮވިޑްގެ) މި ހާލަތުގައި އަމުދުން ދަނޑަށް މީހުންނަށް ނުވަދެވޭ ހާލަތަކަށްވީމަ އެއީ ކުޅުންތެރިންނަށް މަދުވާނެ އެއްޗެއް. އެއީ ޔަގީންކަމެއް. އެހެން ނަމަވެސް ކުޅުންތެރިންގެ ވަރަށް ބޮޑު އުއްމީދެއް އޮންނާނެ. މިހާރު ތަރުރީބު ކުރެވިފައި ހުރި ގޮތާއި މާޒިޔާގެ ތައްޔާރުވުމާ މި ހުރިހާ ކަމަކަށް ބަލާއިރު މީގެ ތެރެއިން ނަތީޖާ ނެރެން. ކޮންމެ ގޮތެއް ވިޔަސް މިސްވާނެ (ސަޕޯޓަރުން)،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާޒިޔާ އިން އޭއެފްސީ ކަޕްގައި ދައްކާ ކުޅުމުގެ ސަބަބުން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ކަންކަން ރާވާލުމުގައި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ގައުމީ ޓީމަށް ސަރަހައްދުގައި އަނެއްކާ ވެސް ފުޓްބޯޅައިން ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން ލިބިފައި އޮތް ފުރުސަތެއް ކަމަށް ދެކި ހުރިހާ ފަރާތަކުން އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށް ސުޒޭން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox