ގޭބީސީތަކުން މިހާރު ކުނި ނެރެނީ ހުރިހާ ބާވަތެއް އެއްކޮތަޅަކަށް އަޅާފަ އެވެ. އެކަމަކު އަންނަ ޖެނުއަރީން ފެށިގެން މިގޮތަކަށް ކުންޏެއް ނުނެރެވޭނެ އެވެ.
ކުނީގެ މައްސަލަ ހައްލުކުރަން ފަށާފައިވާ މަސައްކަތުގެ ދަށުން، ކުނީގެ ބާވަތްތައް ވަކިކޮށްފައި ނެރެން ލާޒިމްކޮށް ގަވާއިދު އިސްލާހުކޮށް އެންވާރަމެންޓް މިނިސްޓްރީން މިއަދު ވަނީ ގެޒެޓްކޮށްފަ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ގެޒެޓުކުރި ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދުގެ 5 ވަނަ އިސްލާހަކީ، ކުނި މެނޭޖްކުރުމުގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަން ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ބަދަލެކެވެ. މި އިސްލާހުތަކުގެ ތެރޭގައި ކުނި އުފައްދާ ފަރާތްތަކުގެ ޒިންމާ އާއި ވަކިކުރަން ޖެހޭ ބާވަތްތަކުގެ ކުންޏާއި ގަވާއިދާ ހިލާފުވާ މީހުންނަށް އޮންނަ އަދަބު ވަނީ ކަނޑައަޅާފަ އެވެ.
މި އިސްލާހުތަކަށް އަމަލުކުރަން ފެށުމުން ކުނި މެނޭޖްކުރުމާއި އެކަމަށް ހިނގާ ހަރަދު ކުރުމަކީ ކުނި އުފައްދާ ފަރާތުގެ ޒިންމާއެކެވެ. މި ޒިންމާގެ ތެރެއިން އެ ބަޔަކު އުފައްދާ ކުނީގެ ބާވަތްތައް ވަކިކުރަން ވެސް ޖެހެ އެވެ. އެހެންކަމުން ދެން ގޭބިސީތަކާއި ވިޔަފާރިތަކުން ކުނި ނެރެން ޖެހޭނީ މިގޮތަށް ވަކިކޮށްފަ އެވެ.
މިހެން ކުނި ވަކިކުރުމުގައި މާލެ ސަރަހައްދާއި، އެ ނޫން މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްތަކާއި، ސިނާއީ ރަށްރަށުން ވަކިކުރަން ޖެހޭ ކުނީގެ ބާވަތްތަކުގައި ކުޑަ ތަފާތެއް އުޅެ އެވެ. އެގޮތުން މާލެ ސަރަހައްދުން ކުނި ވަކިކުރާ އިރު މައުދަނާއި ބިއްލޫރި ވަކިކުރަން ނުޖެހުނު ނަމަވެސް، އެހެން ހުރިހާ ރަށެއްގައި މައުދަނާއި ބިއްލޫރި ވަކިކުރަން ޖެހެ އެވެ.

ގަވާއިދު ބުނާ ގޮތުން މިހެން ވަކިނުކޮށް ހުންނަ ކުނި ބަލައި ނުގަތުމުގެ އިހުތިޔާރު ކުނި މެނޭޖްކުރުމާ ހަވާލުވެގެން އުޅޭ ފަރާތަށް ލިބެ އެވެ.
titledesc
ކުނި ވަކިކުރާއިރު ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނު ފަދަ ބޮޑެތި ކުނި އެހެން އެއްވެސް ކުންޏަކާ އެއްކުރުން މަނަލެވެ. އަދި މިކަހަލަ ބޮޑެތި ކުނި އުކާލަށް ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުން ހާއްސަ ދުވަސްތަކެއް ނޫނީ އިންތިޒާމްތަކެއް ހަމަޖައްސަން ޖެހެ އެވެ.
މީގެ އިތުރުން ކުނި އެއްތަނުން އަނެއް ތަނަށް އުފުލުމުގެ ކުރިން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ހުއްދަ ހޯދަން ވެސް ޖެހެ އެވެ. އަދި އެ އެޖެންސީން ކަނޑައަޅާފައިވާ ސަރަހައްދުތައް ނޫން ތަނަކަށް ކުނި އުކާލުމަކީ މަނާ ކަމެކެވެ.
މި ގަވާއިދުގައި ބުނާ ގޮތަށް ކުނި ވަކި ނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބުތައް ގިންތިކޮށްފައިވަނީ ގޭބިސީތަކާއި، ކައުންސިލް އަދި ވިޔަފާރިތަކާއި، ސިނާއީ ރަށްރަށާއި ޓޫރިސްޓު ރިސޯޓުތައް ވަކިންނެވެ.
ކުނި ވަކިނުކުރާ ފަރާތްތަކަށް ކަނޑައަޅާފައިވާ އަދަބު
ގޭބިސީތައް: ފުރަތަމަ ފަހަރު 300ރ.، ދެވަނަ ފަހަރު 500ރ.، އެފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500ރ. އިން ޖޫރިމަނާކުރުން
- ކައުންސިލާއި، ވިޔަފާރިތަކާއި، ލިވްއެބޯޑް ނުވަތަ ސަފާރީތައް: ފުރަތަމަ ފަހަރު 500ރ. ދެވަނަ ފަހަރު 700ރ.، އެފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 1000ރ. އިން ޖޫރިމަނާކުރުން
- ސިނާއީ ރަށްރަށާއި ރިސޯޓުތައް: ފުރަތަމަ ފަހަރު 1000ރ.، ދެވަނަ ފަހަރު 1500ރ.، އެފަހުން ތަކުރާރުކުރާ ކޮންމެ ފަހަރަކު 2000ރ. އިން ޖޫރިމަނާކުރުން
މި ގަވާއިދަށް އަހުލުވެރިވުމަށާއި ގަވާއިދުގެ ތެރެއިން މުއައްސަސާތަކާއި އިދާރާތަކުން ކުރަން ޖެހޭ މަސައްކަތް ކުރަން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން މާލެ ނޫން ރަށްރަށުގައި މި ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
މާލެ ސަރަހައްދުގައި މި ގަވާއިދަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.
މި ބަދަލާ ގުޅިގެން މިފަހުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ "އަދަދު"އަށް ވިދާޅުވެފައި ވަނީ، މިއީ ގޭބިސީއާ ހިސާބުން ކުނި މެނޭޖްކުރުމުގެ ކަންކަން ކުރަން ފެށި މުހިންމު މަސައްކަތެކެވެ. އަދި މި އިސްލާހުތަކުގެ ސަބަބުން، ސަރުކާރުގެ ކުނިން އާމްދަނީ ހޯދާ ސިޔާސަތުގެ ލަނޑުދަނޑިތަކަށް ވާސިލުވާން މަގުފަހިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުނި ވަކިކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ތެރޭގައި ކާމިޔާބުކަމާއެކީ ތަޖުރިބާކޮށްފައިވާ ކަމެކެވެ. އެގޮތުން މިހާރު ވެސް ހުޅަނގާއި އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކުގައި ކުނި އުކާލަން ޖެހެނީ މިހެން ވަކިކޮށްފަ އެވެ.













