ކ. ތުލުސްދޫގައި ހުންނަ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފީސް އުވާލުމުގައި މުވައްޒަފުންނަށް ބޭއިންސާފުވެރި ކަމަށް އަމަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ކަސްޓަމުން ދޮގުކޮށްފި އެވެ.
ތުލުސްދޫ ކަސްޓަމްސް އޮފީސް އުވާލީ މުވައްޒަފުންނަށް ދުރާލައި އެންގުމެއް ނެތި ކަމުގެ ޝަކުވާ ބޮޑެވެ.
އެކަމަކު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް "އަދަދު"އަށް ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޮފީސް އުވާލުމުގެ ކުރިން މުވައްޒަފުންގެ އިތުރުން އެ ރަށުގެ ރަޖިސްޓާޑް އެކްސްޕޯޓަރުންނާ ވެސް މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްގޮތަކަށް ވެސް މުވައްޒަފުންނާ މުއާމަލާތް ނުކޮށެއް ނޫން ނިންމީ. މިކަމުގައި އިންވޯލްވާ ހުރިހާ ބަޔަކާ އަދި އެކްސްޕޯޓް ކުރަން މިވަގުތު ފާހަގަކުރެވި ތިބި ބަޔެއް ވިއްޔާ، ރަނގަޅަށް މުއާމަލާތްކޮށް ހުރިހާ ކަމެއް ހިއްސާކޮށްގެން ކުރީ،" ޝަރީފް ވިދާޅުވި އެވެ.
ތުލުސްދޫ ކަސްޓަމްސްއަކީ އެ ރަށުގައި މަސް އެކްސްޕޯޓަރުންގެ ގިނަ ގުދަންތަކެއް ހުރި ދުވަސްވަރެއްގައި ކަސްޓަމުން ގާއިމުކުރި އޮފީހެކެވެ. މައިގަނޑު ގޮތެއްގައި އެ އޮފީހުން ކުރި މަސައްކަތަކީ ރާއްޖެއިން ބޭރު ކުރާ މަސް ޝިޕްމަންޓްތައް ޗެކް ކުރުމުގެ މަސައްކަތެވެ.

އެންމެ ފުރަތަމަ އެ އޮފީހަށް މާލެއިން މުވައްޒަފުން ފޮނުވައިގެން ހިދުމަތް ދިން ނަމަވެސް، ފަހުން އެތަނުގެ މަސައްކަތް ފުޅާވެ ކަސްޓަމްސްގެ މުވައްޒަފުން އެރަށުގައި ގާއިމުވެ ތިބެގެން މަސައްކަތްކުރާ ގޮތަށް ބަދަލުކުރީ އެވެ. އޭރު އެ އޮފީހުގައި ސިފައިންގެ މީހުންގެ އިތުރުން މަހުގެ ކޮލިޓީ ޗެކް ކުރާ މީހުން ވެސް މަސައްކަތް ކުރި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް. -- ފޮޓޯ: ހުސެއިން ޝަޔާހް/އަދަދު
މި އޮފީސް އުވާލަން ޖެހުނު ސަބަބު ސާފުކޮށްދެއްވަމުން ޝަރީފް ވިދާޅުވީ، ވޭތުވި ހަތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި އެކްސްޕޯޓުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކާ އެކު އެ އޮފީހުގައި ކުރާނެ އެއްވެސް މަސައްކަތެއް ނޯންނަ ކަމަށެވެ. އެ ސަބަބާ ހުރެ އޮފީސް އުވާލުމުގައި ރައީސް އޮފީހުގެ ލަފަޔަކަށް ހުށައެޅުއްވި ކަމަށް ވިދާޅުވި އެވެ.
މިކަމުގައި ރައީސް އޮފީހުން ލަފާ ދިނީ، އެ ރަށުގެ އެކްސްޕޯޓް ކުރާ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އެއްވެސް ބަޔަކަށް ދަތި ނުވާނެ ފަދަ ގޮތަކަށް ތުލުސްދޫ ކަސްޓަމްސް އުވާލުމުގެ ކަންކަން ކުރުމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ ލަފަޔާ އެއްގޮތަށް އެ ރަށުގެ ރަޖިސްޓާޑް ގުދަން ހުންނަ ދެ އެކްސްޕޯޓަރުންނާ އެއް މޭޒެއްގެ ދޮށުން ކުރެވުނު މަޝްވަރާތަކުގައި އެއްވެސް ދައްޗެއް ނުވާނެ ކަމަށް އެ ބޭފުޅުން ޔަގީންކަން ދެއްވި އެވެ. އަދި ކަސްޓަމްސްއިން ވެސް އެ ފަރާތްތަކަށް ކަންކަން ފެސިލިޓޭޓް ކޮށްދޭން މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަމަ އެގޮތަށް މުވައްޒަފުންނާ ވެސް ދުރާލާ މަޝްވަރާ ކުރެވި، އެ މީހުންނަށް އޮތް ފުރުސަތުތައް އޮޅުން ފިލުވައިދީފަ ވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އެގޮތުން މާލެ އާއި ކަސްޓަމްސްގެ އެކޮމޮޑޭޝަންތައް ހުންނަ ރީޖަނަލް ބަނދަރެއް ނޫނީ ތިލަފުށި ކަސްޓަމްސްއަށް ބަދަލުވުމުގެ ފުރުސަތު މުވައްޒަފުންނަށް ދިނެވެ.
"މުވައްޒަފުން ބުނީ ޖުލައިގެ ނިޔަލަށް ފުރުސަތު ދޭށޭ. އެ އެދުނު ގޮތަށް ޖުލައި 31 އަށް އެ ފުރުސަތު ދިނިން. އަދި އެ ތާރީހުގެ ކުރިން މުވައްޒަފުން ރަސްމީކޮށް ސިޓީން އެދުނު ގޮތަށް މިހާރު ބަދަލުކޮށްދީފިން" ޝަރީފް ވިދާޅުވި އެވެ.
އެތަނުގައި އޭރު ތިބި ފަސް މުވައްޒަފުންގެ ތެރެއިން އެއް ސަޕޯޓް ސްޓާފަކު ނިންމީ ރިޓަޔާ ކުރާށެވެ. އަނެއް ސްޓާފުން އެދުނު ގޮތަށް އެ މީހުން ތިލަފުށި ކަސްޓަމްސްއަށް ބަދަލުކުރީ އެވެ. އިއްޔެއިން ފެށިގެން ތުލުސްދޫ އޮފީސް ވަނީ އެއްކޮށް ބަންދުކޮށްފަ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ މުވައްޒަފުން މާލެ ބަދަލުވާން ބޭނުން ވިޔަސް ކުރިޔަށް އޮތް ތަނުގައި އެ ފުރުސަތު ވެސް އޮންނާނެ އެވެ. މުވައްޒަފުންގެ ހައްގު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އެއްވެސް ކަމެއްގައި އަމަލުކޮށްފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.













