ސާފް ޗެމްޕިއަންޝިޕް މި އަހަރު ބާއްވަން ރާއްޖޭން ބިޑް ކުރިއިރު، ގަލޮޅު ދަނޑުގެ އިތުރުން ހުޅުމާލޭ ޓްރެކް ދަނޑު ވެސް ވަނީ މެޗު ކުޅެވޭނެ ދަނޑުތަކުގެ ތެރޭގައި ހިމަނައިފަ އެވެ. އޮކްޓޫބަރު މަހު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރުމުގެ ކުރިން އެ ދަނޑުގެ މަސައްކަތްތަކެއް ކުރުމަށް އެފްއޭއެމްގެ ޕްލޭނެއް އެބައޮތް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.
ޕީއެސްއެމްގެ އެކްސްލޫސިވް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ގަލޮޅު ދަނޑުގެ ދެ ސިޑިބަރިއެއް ސަލާމަތީ ސަބަބުތަކަށްޓަކައި މި ވަގުތަށް ބަންދުކޮށްފައި އޮތްއިރު، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރާ އެކު އެކި މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެ ދަނޑު އެހެން އޮތުމާއި އިތުރު ސަބަބުތަކާ ހުރެ ސާފް ޗެމްޕިއަންޝިޕް ބިޑްގައި ހުޅުމާލޭ ޓްރެކް ދަނޑު ވެސް ހިމެނީ ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.
ސާފް ޗެމްޕިއަންޝިޕް މެޗުތައް ކުޅެވޭނެ ހާލަތަށް ގެންނަން ހުޅުމާލޭ ދަނޑުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. ދަނޑުގެ ވިނަގަނޑާއި ލައިޓް ޖެހުމުގެ މަސައްކަތް ވެސް ކުރަން ޖެހެ އެވެ. އަދި އޭގެ އިތުރުން ސަޕޯޓަރުން އިތުރަށް ވެއްދޭނެ ގޮތެއް ހޯދުމުގެ މަސައްކަތްތަކެއް ކުރަން ވެސް ޕްލޭނުގައި އެބައޮތެވެ.
ބައްސާމް ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެފްއޭއެމުން ދެކުނު ކޮރެއާ ޕާޓްނަރުންނާ އެކު ވާހަކަ ދައްކަނީ އެ ދަނޑުގެ ލައިޓިން ކަންކަން ހަމަޖެހިގެންދާނެ ގޮތްތަކާ ބެހޭގޮތުން ކަމަށާއި އޭގެ އިތުރުން އެހެން ކަންކަމުގެ މަޝްވަރާތައް ވެސް ކުރެވެމުން އަންނަ ކަމަށެވެ.
"ދެ ޕާޓީއަކާ އެކު މަސައްކަތްކުރަން ވިނަގަނޑުގެ ކަންތައްތަކަށް ގަތަރުގެ ބަޔަކާ އެއްކޮށް އަދި އިންޑިއާގެ ބަޔަކާ އެކު. ކުރިއަށް އޮތް ހަފްތާއެއް ތެރޭ އެކަން ނިންމުމަށް ފަހު މަސް ދުވަސް ތެރޭގައި އެކަން ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް،" ބައްސާމް ވިދާޅުވި އެވެ.
ވިސްނުމަކީ ދެ ދަނޑު (ގަލޮޅު ދަނޑާއި ހުޅުމާލޭ ދަނޑު) ވެސް ބޭނުން ކުރެވިގެން ދިއުން - ބައްސާމް
މީގެ ކުރިން ވެސް އެފްއޭއެމުން ވަނީ ހުޅުމާލޭ ދަނޑުގައި ފުޓްބޯޅަ ކުޅެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އޭރު އެކި ސަބަބުތަކާ ހުރެ އެކަން ދިގުލައިދިޔައީ އެވެ.

ހުޅުމާލޭ ޓްރެކް ދަނޑު: މިއީ ސާފް ޗެމްޕިއަންޝިޕަށް ހިމަނާފައިވާ ވެނިއުއެއް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ބައްސާމް ވިދާޅުވީ ހުޅުމާލޭ ޓްރެކް ދަނޑަކީ މިހާރުގެ ސީޓީން ކެޕޭސިޓީ އަށް ބަލާކަމަށް ވާނަމަ 5000 ސަޕޯޓަރުންގެ ދަނޑެއް ކަމަށެވެ. އަދި ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ޕޯޓަބަލް ސިޑިބަރިތަކެއް ދެ އަރިމައްޗާއި ގޯލު ފަހަތަށް ލައިފި ކަމަށް ވާނަމަ އިތުރު ސަޕޯޓަރުން ދަނޑަށް ވެއްދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"މި ވަގުތަށް އަޅުގަނޑަށް ފެންނަ އެންމެ އައިޑިއަލް ތަނަކީ މެޗުތައް ކުޅެން ހުޅުމާލެ ދަނޑު. ޖާގަ ވެސް ތަނަވަސްވެފައި ދިއުން ވެސް ފަސޭހަވެފައި އަޅުގަނޑުމެންގެ އެޗްޕީއޭގެ ގައިޑްލައިން ފޮލޯކުރަން ވެސް ފަސޭހަވާނެ. ހަމަ އޭއެފްސީގެ ގައިޑްލައިންސްތައް މި އޮތީ އެޗްޕީއޭއާ އެއްގޮތަށް ހަރުކަށިކޮށް،" ބައްސާމް ވިދާޅުވި އެވެ.
ސާފް ޗެމްޕިއަންޝިޕް ބަލަން ދަނޑަށް ސަޕޯޓަރުން ވެއްދުމާ މެދު ގޮތެއް ނިމިގެންދާނީ އަދި ފަހުގެ ތާރީހެއްގަ އެވެ. ދަނޑަށް ސަޕޯޓަރުން ވަންދަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރެވޭތޯ އެފްއޭއެމްގެ ފަރާތުން މަސައްކަތްކުރާނެ ކަމަށް އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.
ދަނޑަށް ސަޕޯޓަރުން ވަނުމުގެ ހުއްދަތަން ހަމަޖެހިގެންދާން އެންމެ ފަސޭހަވާނީ ސާފް ޗެމްޕިއަންޝިޕާ ދެެމެދު މި އޮތް މުއްދަތުގައި ވީހާވެސް ގިނަ މީހުން ކޮވިޑް-19ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.
ބައްސާމް ވިދާޅުވީ އުއްމީދަކީ ސާފް ޗެމްޕިއަންޝިޕް ބަލަން ރައްޔިތުންނަށް ދަނޑަށް ވަދެވިގެންދިއުން ކަމަށާއި އެކަން ކުރުމަށްޓަކައި ކުރިއަށް އޮތް ދޮޮޅު މަސް ތެރޭ އެންމެން ވެކްސިން ދެ ޑޯޒު ފުރިހަމަކުރުން މުހިއްމު ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް ބާއްވަން ޝެޑިއުލްކޮށްފައި އޮތީ އޮކްޓޫބަރު 1-13 އަށެވެ. ރާއްޖޭން ސާފް ހޯސްޓް ކުރުމުގެ ބިޑް ކާމިޔާބުކުރީ ނޭޕާލާ ވާދަކޮށެވެ. ރާއްޖެ އަށް ބިޑް ކާމިޔާބުކުރެވުމުގައި ކޮވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވުން ވަރަށް މުހިއްމު ދައުރެއް އަދާކުރި އެވެ.












