ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މުހައްމަދު ސަލާހު ޖެހި ރެކޯޑް ގޯލާ އެކު ލިވަޕޫލުން 3-0 އިން އަލަށް ޕްރޮމޯޓްވި ނޯވިޗް ސިޓީ އަތުން މޮޅުވެއްޖެ އެވެ.
މި މެޗުގައި ސަލާހު ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް ޖެހިޖެހިގެން ފަސް ސީޒަނުގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ހަތަރު ސީޒަނުގެ ފުރަތަމަ މެޗުގައި ގޯލު ޖެހި ކުރީގެ ފޯވާޑް ޓެޑީ ޝެރިންހަމް އަތުގަ އެވެ.
ނޯވިޗްގެ ސްޓޭޑިއަމް، ކެރޯ ރޯޑްގައި ކުޅުނު މިރޭގެ މެޗުގައި ލިވަޕޫލުން ވަނީ ފުރަތަމަ އެގާރައިން ވާޖިލް ވެން ޑައިކަށް ފުރުސަތު ދީފަ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަަބަބުން ކުޅުމާ ދުރަށްދާން ޖެހުނު ވެން ޑައިކަށް މިދިޔަ ސީޒަން އެއްކޮށް ގެއްލުނެވެ. ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ނުކުޅެވުނު ވެން ޑައިކް އަލުން އެނބުރި އައިސް ފުރަތަމަ މެޗެއް ކުޅުނީ ލިވަޕޫލްގެ ޕްރީ ސީޒަނުގަ އެވެ.
މިރޭގެ މެޗުގައި ލިވަޕޫލަށް 26 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޑިއޯގޯ ޖޮޓާ އެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ސަލާހު ފައިން ޖައްސާލި ބޯޅަ އޭރިއާތެެރެއިން ލިބުނީ ޖޮޓާ އަށެވެ. އޭނާ ވަނީ ނޯވިޗްގެ ކީޕަރު ޓިމް ކްރުލް ފައި ކައިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފުގައި ނޯވިޗްގެ ޓީމޫ ޕޫކީ ޖެހި ޝޮޓެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުއްޓުވައިފަ އެވެ.
ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވެ ލިވަޕޫލަށް ލީޑުފުޅާކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސަލާހު ހުސްކޮށްލާފައި ދިން ބޯޅަ ފިރްމީނޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ސަލާހު ރެކޯޑް ގާއިމްކުރި ގޯލު ޖެހީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. އޭރިއާ ރޮނގުކައިރިން ސަލާހު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
އޭގެ ފަހުން ވެސް ސަލާހަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބި ބޭނުމެއް ނުކުރެވުނެވެ. މިއީ ލިވަޕޫލުން ނޯވިޗް ދަނޑުގައި ޖެހިޖެހިގެން ހޯދި އަށް ވަަނަ މޮޅެވެ. އަދި ނޯވިޗް އަތުން ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ލިވަޕޫލް ބަލިވެފައި ނުވެ އެވެ.
ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި މިރޭ އަމިއްލަ ދަނޑުގައި 3-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޕެޓްރިކް ވިއެރާގެ ކޯޗުކަމުގައި މި ސީޒަނަށް ނުކުތް ކްރިސްޓަލް ޕެލަސް ކޮޅަށް ޗެލްސީގެ ފުރަތަމަ ގޯލު ހިލޭ ޖެހުމަކުން ކާމިޔާބުކުރީ މާކޯސް އަލޮންސޯ އެވެ. ޗެލްސީގެ އަނެއް ދެ ގޯލު ޖެހީ ކްރިސްޓިއަން ޕުލިސިކް އާއި ޒުވާން ޑިފެންޑަރު ޓްރެވާ ޗަލޯބާ އެވެ.
ޕްރިމިއާ ލީގުގެ އެހެެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރަފައެލް ބެނިޓޭޒްގެ ކޯޗުކަމުގައި ކުޅޭ އެވަޓަން އިން ވަނީ ފަހަތުން އަރައި 3-1 އިން ސައުތެމްޓަން ބަލިކޮށްފަ އެވެ. އަލަށް ޕްރޮމޯޓްވި ވަޓްފޯޑުން 3-2 އިން އެސްޓަން ވިލާ ބަލިކުރިއިރު، ލެސްޓާ ސިޓީ ވަނީ 1-0 އިން ވުލްވްސް އަތުން މޮޅުވެފަ އެވެ. އަދި ބާންލީ ދަނޑުގައި ބްރައިޓަން އިން ވަނީ ފަހަތުން އަރައި 2-1 އިން މޮޅުވެފަ އެވެ.












