ލިވަޕޫލް (އޮގަސްޓް 14) - މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އަދި ޗެލްސީން ކުރާ ހަރަދުތައް ފެނިފައި ހައިރާންނުވާ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގެ މިހާތަނަށް ޗެލްސީ އާއި ސިޓީ އަދި ޔުނައިޓެޑުން ކުރި ހަރަދުތައް އެވްރެޖްކޮށް ބަލާނަމަ އުޅޭނީ 100 މިލިއަން ޕައުންޑް ނޫނީ އެއާ ގާތްކުރާ އަދަދެއްގަ އެވެ. ލިވަޕޫލުން ކުރި ހަމައެކަނި ޓްރާންސްފާ އަކީ 34 މިލިއަން ޕައުންޑަށް ޖަރުމަނުގެ އާރްބީ ލައިޕްޒިގުން ގެނައި އިބްރާހިމާ ކޮނާޓޭގެ ޓްރާންސްފާ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ލިވަޕޫލް ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކްލޮޕް ބުނީ ޔުނައިޓެޑާއި ސިޓީ އަދި ޗެލްސީން ކުރާ ހަރަދު ފެންނަ ކަމަށާއި އެކަމަކު ލިވަޕޫލުން ކަންތައްތައް ކުރަން ބޭނުންވަނީ އެ ގޮތަށް ނޫން ކަމަށެވެ.
"އަހަރެމެން މި ފަހަރު އިބޫ (ކޮނާޓޭ) ގެނައީ ޓްރާންސްފާ ބަޖެޓް ހަމަނުޖެހެނިސް. އެކަމަކު މިހާރު ކުޅުންތެރިން ވިއްކައިގެން އެ ބައި ހައްލުކުރެވިއްޖެ. އަހަރެން މި ގައުމުގައި މިހާތަނަށް މި ހޭދަވި މުއްދަތުގައި އެނގުނު ކަމެއް އެއީ ޔުނައިޓެޑާއި ސިޓީ އަދި ޗެލްސީން ކޮންމެ އަހަރަކު ވެސް ހަރަދު ކުރާނެކަން. އެ ކުރާ ގޮތެއް ނުވިސްނޭ. އެހެންވީމަ އެ މީހުން މި ފަހަރު (ހަރަދު) ކޮށްގެން އަހަރެން ހައިރާނެއް ނުވޭ،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ ހާލަތަށް ބަލާއިރު ޓީމު ވަރުގަދަ ކުރުމުގެ މުހިއްމު މަސައްކަތެއް ލިވަޕޫލުން މި ޓްރާންސްފާ މާކެޓްގައި ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އޭގެ ޕޮޒިޓިވް އަސަރު މުޅި ޓީމުން ފެންނަ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
"އަހަރެމެން މިއީ ޓްރާންސްފާ މާކެޓްގައި އެންމެ ހަރަކާތްތެރި ކްލަބެއް ނޫން. އެކަމަކު ލިވަޕޫލް ސަޕޯޓަރުން ރަނގަޅަށް ވިސްނާލައިފިނަމަ އަހަރެމެން ޓީމަށްޓަކައި މި ފަހަރު ވެސް ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ. އެލިސަން، ފަބީނިއޯ، ވެން ޑައިކް އަދި އަލެކްސަންޑަ އާނޯލްޑްގެ ކޮންޓްރެކްޓް ދިގު މުއްތަކަށް އާ ކުރުން އެއީ ވެސް މި ޓީމުގެ މުސްތަގުބަަލަށް ކުރި އިންވެސްޓެއް،" ކްލޮޕް ބުންޏެވެ.
ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ކްލަބް ދޫކޮށްލަން އުޅޭ ވާހަކަ މީޑިއާގައި ދެކެވުނު ނަމަވެސް ކްލޮޕް ވަނީ އެއީ ހަގީގަތެއް ނޫން ކަމަށާއި ވަރަށް އަވަހަށް ކަންތައްތައް ހަމަޖެހިގެންދާނެ ކަމަށެވެ. ލިވަޕޫލުން އަންނަނީ މުހައްމަދު ސަލާހުގެ ކޮންޓްރެކްޓް އާ ކުރަން މަޝްވަރާ ކުރަމުންނެވެ.
ނޯވިޗްގެ ދަނޑުގައި މިރޭގެ މެޗަށް ނުކުންނައިރު އެ ޓީމާ ދެކޮޅަށް ލިވަޕޫލްގެ ރެކޯޑް ރަނގަޅެވެ. އެންމެ ފަހުން 14 މެޗުގައި ވެސް ނޯވިޗް އަތުން ލިވަޕޫލް ބަލިވެފައި ނުވެ އެވެ. އަދި އެންމެ ފަހުން ނޯވިޗްގެ ދަނޑު، ކެރޯ ރޯޑްގައި ކުޅުނު ހަތް މެޗުން ވެސް ލިވަޕޫލް ވަނީ މޮޅުވެފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ މިއަދުގެ ފާހަގަކޮށްލެވޭ މެޗުތައް (ރާއްޖެ ގަޑިން):
މެންޗެސްޓާ ޔުނައިޓެޑް - ލީޑްސް ޔުނައިޓެޑް (16:30)
ޗެލްސީ - ކްރިސްޓަލް ޕެލަސް (19:00)
ލެސްޓާ ސިޓީ - ވުލްވްސް (19:00)
ނޯވިޗް ސިޓީ - ލިވަޕޫލް (21:30)












