މިއުނިކް (އޮގަސްޓް 14) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބޮރޫޝިއާ މުންޗެންގްލަޑްބެކްއާ 1-1 އިން އެއްވަރުވެއްޖެ އެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖެހީ އަމިއްލަ ދަނޑުގައި ކުޅެމުން ދިޔަ މުންޗެންގްލަޑްބެކުންނެވެ. އެ ޓީމުގެ ގޯލު މެޗުގެ 10 ވަނަ މިނިޓްގައި ލާސް ސްޓިންޑްލް ދިން ބޯޅައަކުން ޖެހީ އަލެސާނާ ޕްލެއޭ އެވެ. މިއީ 2012 ވަނަ އަހަރަށް ފަހު ސީޒަންގެ ފުރަތަމަ ގޯލު ބަޔާން ނޫން ކްލަބަކުން ޖެހި ފުރަތަމަ ފަހަރެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި ބަޔާނުގެ ޔޯސުއާ ކިމިކް ދިން ބޯޅައަކުން އެ ޓީމަށް އެއްވަރުކޮށްދިނީ ރޮބަޓް ލެވަންޑޯސްކީ އެވެ. އޭނާ މި ގޯލު ޖެހީ ވޮލީ އަކުންނެވެ. މިއީ ޖަރުމަނު ލީގުގެ ކޮންމެ އާ ސީޒަނެއްގެ ފުރަތަމަ މެޗުގައި ޖެހިޖެހިގެން ލެވަންޑޯސްކީ ލަނޑު ޖެހި ހަތް ވަނަ ސީޒަނެވެ. އެ ރެކޯޑް އޮތީ އޭނާ އަތުގަ އެވެ.
ބަޔާން މޮޅުކޮށްދޭން ލެވަންޑޯސްކީ އަށް ދެ ވަނަ ހާފްގައި ލިބުނު ފުރުސަތުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވައެއް ނުލެވުނެވެ. އަނެއްކޮޅުން މުންޗެންގްލަޑްބެކަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދޭން ސްޓިންޑްލް އަށް ލިބުނު ފުރުސަތުގައި އޭނާ އަށް ވެސް ބޭނުމެއް ނުހިފުނެވެ.
މެޗަށް ފަހު ލެވަންޑޯސްކީ ބުނީ އަބަދުވެސް މުންޗެންގްލަޑްބެކް ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅޭ މެޗު އުނދަގޫ ކަމަށާއި އަދި ސީޒަނެއް ފަށާ މެޗުގައި އެ ދަނޑުގައި ނަތީޖާއެއް ނެރެން ބަލާއިރު އެއީ ވަރަށް ޗެލެންޖިން ކަމެއް ކަމަށެވެ.
މިއީ ބަޔާންގެ އާ ކޯޗު ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު ފުރަތަމަ މެޗެވެ. މޮޅަކުން ފެށުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މުންޗެންގްލަޑްބެކް ކައިރީގައި ރަނގަޅު ކުޅުމަކުން ފެށުނީތީ ނާގަލްސްމަން ހުރީ ފަރުޖައްސާލައިގެންނެވެ. އޭނާ ދެކޭ ގޮތުގައި މެޗަކަށް ފަހު މެޗެއް އެ ޓީމުން ކުރިއެރުން ހޯދާނެ އެވެ.
ބަޔާން ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަނު ސުޕަ ކަޕްގައި ކުޅޭނީ ޑޯޓްމަންޑާ ދެކޮޅަށެވެ.












