ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ހަދަންޖެހޭ ލޭންޑް ޔޫސް ޕްލޭންތައް ހެދެންދެން ވިސްނުމަކީ މިހާރު ހެދިފައިހުރި ޕްލޭންތަކަށް އަމަލުކުރުންކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.
ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.
އެހެންކަމުން، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ނަމަވެސް، މިދިޔަ މަހާއި އޭގެ ކުރީ މަހު ހާއްސަކޮށް އަތޮޅު ތެރޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ގިނަ ރަށްތަކެއް މޮނީޓަރިންއަށް ލުމާ ގުޅިގެން އެ މަސައްކަތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ދަތިވެފައިވާ ކަމުގެ ޝަކުވާ ކައުންސިލުތަކުން ވަނީ އެލްޖީއޭގައި ކޮށްފަ އެވެ.
އަދި ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އެ ޕްލޭންތައް އެކުލަވާލައި ނުނިންމޭނެކަމަށް ގިނަ ކައުންސިލުތަކުން ދަނީ ބުނަމުންނެވެ.

އެއާއެކު އެލްޖީއޭއިން އިއްޔެ ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ރަށްރަށުގެ ތަރައްގީގެ ޕްލޭން ހަދަންޖެހޭ މުއްދަތު ފަސްކޮށްދީފަ އެވެ.
އެކަންކޮށްފައިވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުނުކޮށް، ޕްލޭންތައް ހަދަންޖެހޭ މުއްދަތު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ލިބޭ އިސްތިސްނާއަކުންނެވެ.
"އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނުގައި ވަކި މުއްދަތެއް/ތާރީހެއް ކަނޑައަޅާފައިވާ މުއްދަތުތައް މަޑުޖެއްސުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ނިމުމަކަށް އައުމުން ގާނޫނުތަކުން ދީފައިވާ ޑެޑްލައިންތައް ގުނަން ފެށޭނެ ކަމުގައި ވެސް ބަޔާންކޮށްފައި ވެ އެވެ،" ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި ރަށު އަދި އަތޮޅު ކައުންސިލުގެ ރައީސުންނަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައި ވެ އެވެ.
އެއާއެކު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެ އޮތޯރިޓީގެ މަޝްވަރާގެ މަތިން އެ ގާނޫނުގައި ކައުންސިލްތަކުން ވަކި ތާރީހުތަކަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިތުރު މުއްދަތުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ތަރައްގީގެ ޕްލޭނު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް އެ ސިޓީގައި އަންގާފައި ވެ އެވެ.
އެގޮތުން، އެ މުއްދަތު އިތުރުކޮށްދީފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ނަމަވެސް، ލާމަރުކަޒީ ގާނޫނުގެ ދަށުން ތަރައްގީގެ ޕްލޭނެއްގެ އިތުރުން ލޭންޑް ޔޫސް ޕްލޭނެއް ވެސް ހަދަންޖެހޭކަން ބަޔާންކޮށްފައިވާއިރު، ލޭންޑް ޔޫސް ޕްލޭންތަކުގެ މުއްދަތުގެ ވާހަކައެއް އެ ސިޓީގައި ބުނަފައެއް ނުވެ އެވެ.
އެކަމާ ގުޅޭގޮތުން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަފްޝަން މިއަދު ވިދާޅުވި ގޮތުގައި މިދިޔަ އާދީއްތަ ދުވަހު ލާމަރުކަޒީ ކޮމިޓީގައި ފާހަގަކުރި ފަދައިން އެލްޖީއޭގެ ވިސްނުމަކީ އާ ޕްލޭންތައް ހެދެންދެން، މިހާރު ހެދިފައިހުރި ލޭންޑް ޔޫސް ޕްލޭންތަކަށް އަމަލުކުރުން ކަމަށެވެ.
ލޭންޑް ޔޫސް ޕްލޭންތައް ހަދަންޖެހޭ މުއްދަތާ ގުޅޭގޮތުން ދިމާވެފައިވާ މައިގަނޑު ދަތިތައް އެލްޖީއޭއިން ވަނީ ލާމަރުކަޒީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
އެލްޖީއޭއިން އެ ދުވަހު ބުނީ ލޭންޑް ޔޫސް ޕްލޭނެއް އޮތް ރަށްރަށުގައި ވެސް ގާނޫނު ވުޖޫދުވުމާއެކު އެ ޕްލޭންތައް ރިވައިސްކޮށް ފާސްކުރެވެންދެން މިހާރު ހުރި ބިންތައް ބޭނުންކުރުމަށް ހުއްޓުމެއް އަންނާނެކަމަށް ކައުންސިލުތަކުން ބުނެފައިވާ ކަމަށެވެ.
އެކަމުގެ ވަގުތީ ހައްލެއްގެ ގޮތުން އެލްޖީއޭއިން ހުށަހެޅީ މީގެ ކުރިންވެސް އަމަލުކުރަމުން އައި ގޮތަށް ބިމާބެހޭ ގާނޫނުގެ ދަށުން ލޭންޑް ބަޖެޓެއް އެކުލަވާލައިގެން ޕްލޭނިން މިނިސްޓްރީން ފާސްކޮށް ބިންތައް ބޭނުންކުރުމެވެ.
އެގޮތުން ބަލާއިރު 44 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގައި މީގެ ކުރިން ވަނީ ލޭންޑް ޔޫސް ޕްލޭންތަކެއް ހެދިފަ އެވެ.
އެ ޕްލޭންތަކުގެ ދަށުން މިވަގުތަށް ރަށްރަށުގައި މަޝްރޫއުތައް ހިންގަން ކޮންމެހެން ބޭނުންވާ ބިންތައް، ރައްޔިތުންގެ މަޝްވަރާ ހޯދުމަށްފަހު ދޫކުރެވިދާނެ ކަމަށް ކޮމިޓީގައި އެލްޖީއޭއިން ވަނީ ބުނެފަ އެވެ.
އަފްޝަން މިއަދު ވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު ހުރި ޕްލޭންތަކަށް އަމަލުކުރެވޭނެ. އެކަމަކު ބަންޑަރަ ނައިބުގެ ލަފައެއް ހޯދަން އަޅުގަނޑުމެން ވާނީ އެދިފައި،" އަފްޝަން ވިދާޅުވި އެވެ.
އަދި އެއްވެސް ވަރަކަށް ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި ނެތް ރަށްރަށުގައި އެ ޕްލޭން ހެދުމުގެ މަސައްކަތް ޔޫއެންޑީޕީއާ ގުޅިގެން ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ރަށަކުން ވެސް ހަދަންޖެހޭ ލޭންޑް ޔޫސް ޕްލޭންގައި މައިގަނޑު ފަސް ކަމެއް ހިމަނަންޖެހެ އެވެ.
އޭގެ ތެރޭގައި ގަސްގަހާގެހި ހުރި ސަރަހައްދާއި އަދަދުގެ އިތުރުން ހިމާޔަތްކުރެވޭ ސަރަހައްދު ހިމެނެ އެވެ.
އަދި އެ ރަށެއްގައި ހިއްކާފައިވާ ސަރަހައްދުތަކާއި، ހިއްކެން އޮތް ސަރަހައްދުގެ އިތުރުން އެ ސަރަހައްދެއްގެ ބޭނުން ހިފާނެގޮތް ހިމަނަންޖެހޭނެ ކަމަށް ބުނެފައި ވެ އެވެ.
މީގެ އިތުރުން، ރަށެއްގެ އެކި ސަރަހައްދުތަކުގެ ބިމުގެ އަގާއި، ހިއްކާ ބިން ތަކުގައި ރުއްގަސް ހުންނަންޖެހޭ މިންވަރު ވެސް ގާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭންގައި ބަޔާންކުރަންޖެހެ އެވެ.













