ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރަން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ރިލީފް ލޯނު ދޫކޮށްފައިވަނީ އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އިސްކަންނުދީކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން އިއުލާނުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރޭގައި ކުދި ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރުދުންނަށް ހާއްސަ ލޯނު ސްކީމެއް ހިމެނި އެވެ.
އެގޮތުން، "ވިޔަފާރި އެހީ"ގެ ލޯނު އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރަން ހަމަޖައްސައި، ކުދި ވިޔަފާރިތައް ގިންތިކޮށްފައިވަނީ އޭގެ ކުރީ އަހަރު ވިޔަފާރީގެ އާމްދަނީ ދިހަ މިލިއަނަށް ވުރެ އިތުރުނުވާ ވިޔަފާރިތަކެވެ.
އަދި އެފަދަ ކުދި ވިޔަފާރިތަކަށް ގިނަވެގެން ފަސް ލައްކަ ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 30،000 ގެ ލިމިޓެއް ކަނޑައެޅި އެވެ.
އެ ލޯނު ސްކީމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ހެދި ޕަފޯމަންސް އޮޑިޓުގައި ބުނެފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ކުދި ވިޔަފާރިތަކަށް 343.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް 19.8 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.

އެއީ އެ ސްކީމަށް ކަނޑައެޅި 400 މިލިއަން ރުފިޔާގެ 91 ޕަސަންޓު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ.
އެ ލޯނު ދިނުމުގެ މައިގަނޑު ބޭނުމަކީ ތިން މަސް ދުވަހުގެ މުވައްޒަފުންނަށް މުސާރަ ދިނުން ފަދަ ހަރަދުތައް ހަމަޖެއްސުން ކަމަށްވާއިރު، ލޯނު ލިބުނު ފަރާތްތަކުގެ ތެރެއިން އޮޑިޓު އޮފީހުން ކުރި ސާވޭގައި ބައިވެރިވި 66 ޕަސަންޓު އެކަން ހާސިލުވި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އޮޑިޓު އޮފީހުން ބުނީ މަރުކަޒީ ބޭންކުގެ ގަވައިދުތަކާ ހިލާފަށް ލޯނު ދޫކުރުމަށް އެސްޑީއެފްސީ އާއެކު ފިނޭންސް މިނިސްޓްރީ ސޮއިކުރި އެއްބަސްވުމުގައި، ލޯނު ދޫކުރުމުގެ ކުރިން ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަން ވަޒަންކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި ނުވާ ކަމަށެވެ.
"އެގޮތުން، އެސްޑީއެފްސީ އިން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފައިވާއިރު، ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަމަށް ބެލުމެއްނެތި ލޯނުގެ ގޮތުގައި ފައިސާ ދޫކުރުމަކީ އެފައިސާ އަނބުރާ ނުލިބުމުގެ ހިރާސް އޮތްކަމެއްކަން ފާހަގަކުރަމެވެ،" ރިޕޯޓުގައި ބުންޏެވެ.
އެހެންކަމުން، ލޯނު ސްކީމްތައް ހިންގުމަށް އެކުލަވާލާ އެއްބަސްވުންތަކުގައި އެމްއެމްއޭ އިން ހަދާފައިވާ ގަވާއިދުތަކުގައި ހިމަނާފައިވާ މާލީ އިދާރާތަކާ ގުޅުންހުރި މާއްދާތައް ހިމެނުމަށާއި ލޯނު ދޫކުރުމުގައި މާލީ އިދާރާތަކުން އާންމު އުސޫލުގެ ތެރެއިން މިހާރުވެސް ބަލަމުންގެންދާ ކަސްޓަމަރުންގެ މާލީ ގާބިލުކަން ވަޒަންކުރާނެ މިންގަނޑުތައް ހިމެނުމަށް ފިނޭންސްގެ އިތުރުން އެސްޑީއެފްސީ އަށް އެ ރިޕޯޓުގައި ވަނީ އަންގައިފަ އެވެ.












