ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ތަރައްގީގެ ޕްލޭނެއް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭއިރު، ކޮވިޑުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުރުމުން އެ މުއްދަތު ފަސްކޮށްދެވިފައިވާކަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އަންގައިފި އެވެ.
ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.
އެހެންކަމުން، ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ.
ނަމަވެސް، މިދިޔަ މަހާއި އޭގެ ކުރީ މަހު ހާއްސަކޮށް އަތޮޅު ތެރޭގައި ކޮވިޑުގެ ހާލަތު އިންތިހާއަށް ގޯސްވެ، ގިނަ ރަށްތަކެއް މޮނީޓަރިންއަށް ލުމާ ގުޅިގެން އެ މަސައްކަތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ދަތިވެފައިވާ ކަމުގެ ޝަކުވާ ކައުންސިލުތަކުން ވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ކޮށްފަ އެވެ.
އަދި ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އެ ޕްލޭންތައް އެކުލަވާލައި ނުނިންމޭނެކަމަށް ގިނަ ކައުންސިލުތަކުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން ވަނީ މިދިޔަ އާދީއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުނުކޮށް، ޕްލޭންތައް ހަދަންޖެހޭ މުއްދަތު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ ދަށުން ލިބޭ އިސްތިސްނާއަކުން ފަސްކުރުމާ ގުޅޭގޮތުންނެވެ.
އެގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނުގެ 43 ވަނަ މާއްދާގައި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގެ ތެރޭގައި އެހެން ގާނޫނަކުން ކަނޑައެޅިފައިވާ މުއްދަތަކަށް ނުވަތަ ތާރީހަކަށް އަމަލުކުރަން މަޑުޖެހުނީކަމަށް ބަޔާންކޮށްފައިވާކަން އެލްޖީއޭއިން އެ ދުވަހު ފާހަގަކުރި އެވެ.
އޭގެ ފަހުން، އެލްޖީއޭގެ ސީއީއޯ ފާތިމަތު އަފްޝަން ލަތީފް ސޮއިކުރައްވައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި ރަށު އަދި އަތޮޅު ކައުންސިލުގެ ރައީސުންނަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ކައުންސިލްތަކަށް އިންތިބުކުރެވޭ މެންބަރުން މަގާމާ ހަވާލުވުމަށްފަހު ތިން މަސް ދުވަހުގެ ތެރޭގައި އެ ރަށެއްގެ ތަރައްގީ ގެ ޕްލޭން އެކުލަވާލަންޖެހޭ ކަމަށެވެ.
ނަމަވެސް، އެކަން ކުރުން ގާނޫނުގައި ބުނެފައި އޮންނަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށްވާއިރު، އެ މަޝްވަރާ ބައްދަލުވުންތައް ކޮވިޑުގެ ސަބަބުން އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިވިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން ގާނޫނުގައި ވަކި މުއްދަތެއް/ތާރީހެއް ކަނޑައަޅާފައިވާ މުއްދަތުތައް މަޑުޖެއްސުމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ނިމުމަކަށް އައުމުން ގާނޫނުތަކުން ދީފައިވާ ޑެޑްލައިންތައް ގުނަން ފެށޭނެ ކަމުގައި ވެސް ބަޔާންކޮށްފައި ވެ އެވެ،" އެ ސިޓީގައި ބުންޏެވެ.
އެއާއެކު ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އާއި އެ އޮތޯރިޓީގެ މަޝްވަރާގެ މަތިން އެ ގާނޫނުގައި ކައުންސިލްތަކުން ވަކި ތާރީހުތަކަކަށް ނިންމުމަށް ކަނޑައަޅާފައިވާ ކަންތައްތަކަށް އިތުރު މުއްދަތުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން، ތަރައްގީގެ ޕްލޭނު އެކުލަވާލައި ހުށަހަޅަންޖެހޭ މުއްދަތު ވެސް އިތުރު ކޮށްފައިވާ ކަމަށް އެ ސިޓީގައި އަންގާފައި ވެ އެވެ.












