ލަންޑަން (އޮގަސްޓް 13) - މެންޗެސްޓާ ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަށް އާސެނަލް އިން ލިބިފައި އޮތް ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ބެނާޑޯ އަށް އާސެނަލުން ވަނީ އެއް އަހަރުގެ ލޯން އެއްބަސްވުމެއްގެ ދަށުން ކުޅުމުގެ ހުށަހެޅުމެއް ލިބިފަ އެވެ. ސިޓީން ވަނީ އެ ޑީލްގައި އާސެނަލުން ބޭނުންނަމަ 36 މިލިއަން ޕައުންޑް ދައްކާފައި ބެނާޑޯގެ އެއްބަސްވުން ދާއިމީ ކުރެވޭ ގޮތަށް ވެސް މަޝްވަރާކޮށްފަ އެވެ.
އެ ޓްރާންސްފާ ކުރިއަށް ނުދިޔަ އެންމެ ބޮޑު ސަބަބަކީ ބެނާޑޯގެ ރުހުން ނުލިބުމެވެ. ބެނާޑޯ ބޭނުންވަނީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމަކަށް ދާށެވެ. އެއީ ޕޯޗުގަލް ޓީމަށް ގަވާއިދުން ކުޅުމުގެ ފުރުސަތު ބޮޑުވާނީ ޗެމްޕިއަންސް ލީގު ފަދަ މުބާރާތްތަކުގައި މޮޅަށް ކުޅެގެން ކަމަށް ބެނާޑޯ ގަބޫލުކުރާތީ އެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ސިޓީން ޖެކް ގްރީލިޝް ގެނައުމުން ބެނާޑޯ ވަނީ އެ ކްލަބް ދޫކޮށްލަން ނިންމައިފަ އެވެ.
ސިޓީ ދޫކޮށް ދެން އެހެން ޓީމަކަށް ބަދަލުވާނަމަ ބެނާޑޯ އިހުތިޔާރުކުރާ ކްލަބަކީ ބާސެލޯނާ އެވެ. އެކަމަކު، މި ވަގުތު މާލީ ހާލަތުގެ ސަބަބުން ބާސެލޯނާ އަށް އިތުރު ކުޅުންތެރިއަކު ގެންދިއުމުގެ ފުރުސަތު ކުޑަ އެވެ.
ބެންފީކާގެ މަޝްހޫރު އެކެޑަމީން ޕްރޮމޯޓްވެ، ބެނާޑޯ ވަނީ އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ. އޭނާ ދެން ފެނުނީ ފްރާންސްގެ ކްލަބް މޮނާކޯ އިންނެވެ. ޕެޕް ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވެ ޓީމު ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ބެނާޑޯ ގެނައީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ބެނާޑޯގެ ސޮއި ހޯދަން ޓްރާންސްފާ ފީގެ ގޮތުގައި ސިޓީން ވަނީ 58 މިލިއަން ޑޮލަރު މޮނާކޯ އަށް ދީފަ އެވެ.
މި މަހުގެ ނިޔަަލަށް މި ފަހަރުގެ ޓްރާންސްފާ މާކެޓް ކުރިއަށްދާއިރު، ބެނާޑޯ އަދިވެސް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ. ސިޓީން އަންނަނީ ޓޮޓެންހަމްގެ ތަރި ހެރީ ކޭން ގަންނަން މަސައްކަތް ކުރަމުންނެވެ. އެ ޑީލްގެ ތެރެއިން ބެނާޑޯ ޓޮޓެންހަމަށް ދޫކޮށްލަން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.












