ކުރާނަމަ ރަނގަޅަށް ކުރާށެވެ!

މީހަކު ތޮށިމަތީގައި މަސްބާނަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މީހަކު ތޮށިމަތީގައި މަސްބާނަނީ. --ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ޒުވާނަކު ފިހާރައަކަށް ވަދެފައި ފިނިބުއިމެއް ހިފައިގެން އެއްކައިރިއަށް ޖެހިލި އެވެ. ފިހާރައިގެ ވެރިމީހާ އެތަން ފެނިފައި އެޒުވާނާއަށް ސަމާލުކަންދީގެން ހުއްޓެވެ. ޒުވާނާ ފޯނެއް ކުރި އެވެ. ގުޅި ނަންބަރުން ފޯނު ނެގުމާއެކު ސަލާމް ގޮވުމަށްފަހު ވާހަކަ ދައްކަން ފެއްޓި އެވެ. ކަމަނާގެ ގޯތީގެ ބަގީޗާ ބެލެހެއްޓުމުގެ ވަޒީފާ އަހަންނަށް ލިބިދާނެ ހެއްޔެވެ؟ އެކޮޅުން ޖަވާބު ދިނީ މިހާރު އެކަން ކުރަމުންދާ މީހާ އެކަން ކުރާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށެވެ. ޒުވާނާ ބުންޏެވެ. ތިޔަބުނާ މީހަކަށް ދޭ މުސާރައިގެ ދެބައިކުޅަ އެއްބައި ދެނިކޮށްވެސް ތިމަންނާ އެކަން ކޮށްފާނަމެވެ. އެކޮޅުން ޖަވާބު ދިނީ މިހާރު ހުރި މީހާގެ މަސައްކަތާމެދު ހިތްހަމަޖެހޭކަމަށާއި އޭނާއަށް އެމުސާރަ ދެނީ އެހެންވީމާ ކަމަށެވެ.

ޒުވާނާ ދެންވެސް ދުލެއް ނުކުރި އެވެ. ބުނެފި އެވެ. ބަގީޗާގެ އިތުރުން މުޅި ގޯތި ތެރެޔާއި ޖެހިގެން އޮތް މަގުވެސް ސާފުކޮށްދޭނަމެވެ. ޖަވާބަކަށްވީ ހަމަ ނޫނެކޭ އެވެ. އެއާއެކު އެ ޒުވާނާ އޭނާއާ ވާހަކަ ދައްކާލުމަށް ވަގުތުކޮޅެއް ދިނީތީ ޝުކުރު އަދާކޮށް ފޯނު ބޭއްވި އެވެ. މިތަން ފެނިފައި ފިހާރައިގެ ވެރިމީހާ އެ ޒުވާނާއަށް ގޮވާލާފައި ބުނެފި އެވެ. ކޮއިފުޅުގެ ތިޔަހުރި ހިންމަތާމެދު އަހަރެން އަޖައިބުވެއްޖެ އެވެ. މިތަނުގައި އަހަރެންގެ ކައިރީ މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތެވެ. ޒުވާނާ ބުންޏެވެ. ނޫނެކެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ. އެ އަންހެން މީހާ ކައިރިން އަހަރެން މި އެދުނު ވަޒީފާ މިހާރުވެސް އަދާ ކުރަނީ ހަމަ އަހަރެންނެވެ. އަހަރެން މިކުރި ކަމަކީ، އަހަރެން އަދާކުރަމުންދާ ވަޒީފާ އަދާކުރެވޭ ގޮތުގެ ކޮލިޓީ ކަށަވަރުކޮށްލީ އެވެ.

އިސްލާމީ އުއްމަތް ކުރިއަރައި ދިއުމަށް ހުރި ހުރަސްތަކާއި، މައްސަލަ އުޅެނީ ކޮންދިމާލެއްގައިތޯ ބަހުސްކުރައްވައި އަލްޢައްލާމާ ޑރ ޔޫސުފުލްޤަރަޟާވީ ލިޔުއްވި ފޮތުގައި ވިދާޅުވެފައިވެ އެވެ. މިއުންމަތަކީ "ކިޔާށޭ" މިއަމުރުފުޅަށް ނިސްބަތްވި އުންމަތެވެ. އެކަމަކު ނުކިޔަ އެވެ. ކިޔައިފިނަމަ ދޭހައެއް ނުވެ އެވެ. ދޭހަވެއްޖެނަމަ އަމަލެއް ނުކުރެ އެވެ. އަމަލުކުރާނަމަ ރަނގަޅަކަށް ނުކުރެ އެވެ.

ވަރަށް ފުންކޮށް މިބަސްފުޅާމެދު ވިސްނާލަމާ ހެއްޔެވެ. އުއްމަތުގެ ނިސްބަތަށް ބަލާއިރު މަދު ނަމަވެސް ވަރަށް ގިނަ މީހުން ކިޔަ އެވެ. ކިޔާ މީހުންގެ ތެރެއިން ރަނގަޅަށް ދޭހަވަނީ އެޔަށްވުރެ މަދު ބަޔަކަށެވެ. އަމަލުކުރަނީ އަދި އެޔަށްވުރެ މަދު ބައެކެވެ. ރަނގަޅަށް ފުރިހަމައަށް އަމަލުކުރަނީ އަދި މާމަދު ބައެކެވެ. އެހެންވީމާ އެންމެ ގިނަ މީހުންގެ ހުންނަ އަދި އެންމެ ބޮޑު މައްސަލައަކީ، ރަނގަޅަށް ނުކުރުމުގެ މައްސަލައެވެ. ފުރިހަމަ ނުކުރުމެވެ. ކޮލިޓީ ނުހިފެހެއްޓުމެވެ. ވަޅޯ ވުމެވެ. ހީވާގިކަން ދޫކޮށްލުމެވެ. ފެށުމުގައި ބަޔާންކުރި ފަދަ ޒުވާނުން މަދުވުމެވެ.

ވުޟޫކުރުމުގައި އަވަސްއަރުވައިގަނެ ރަނގަޅަށް ފައިނުދެވޮ ފައިމަތިން ފެންފުހެލުން ފަދަ ކަންކަން ފެނިވަޑައިގަތުމުން މާތް ނަބިއްޔާ އެކަލޭގެފާނުގެ އެކުވެރިންނަށް ގަދައަޑުފުޅުން ވިދާޅުވީ ފައިތިލަތަކަށް ނަރަކައިން ހަލާކުހުރި ކަމަށެވެ. އެއީ ނަމެއްގައި ވުޟޫ ކޮށްގެން ފައިދާއެއް ނުވާނެތާނގައި ގެއްލުންހުރި ކަމަށް ދެއްވި އިރުޝާދެކެވެ. އަވަސް އަރުވާލައިގެން ނަމާދު ކުރި މީހާއަށް ހަދީސްކުރެއްވީ "ތިބާ އެނބުރިގޮސް އަލުން ނަމާދުކުރާށެވެ! ފަހެ ތިބާ އަދި ނަމާދެއް ނުކުރެ އެވެ." ފުރިހަމައަށް ނުކުރުން އެއްވެސް ކަމެއް ނުކުރުމާއި އެއްވަރުކަމަށް މާތް ނަބިއްޔާ ހެއްދެވިކަމީ އިބުރަތް ލިބިގަންނަންޖެހޭ ކަމެކެވެ.

އާލްޢިމްރާން ސޫރަތުގެ 92 ވަނަ އާޔަތުގައި އަންގަވަނީ، ތިޔަބައިމީހުން، ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށް ދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެ އެވެ. މިފަދައިންނެވެ. މާނައަކީ ހޭދަކުރުމުގެ ނަމުގައި ތިމާ ބޭނުމެއް ނެތް ތަކެތި މީސްމީހުންނަށް ދިނުމަކީ އަދި ހޭދަކުރުން ނޫންކަމެވެ. ހެޔޮކަން ލިބެނީ ތިމާ ލޯބިވާ އެއްޗަކުން ހޭދަކުރުމުން ކަމެވެ. ރަނގަޅުގޮތުގައި އަނެކުންނަށް ހެޔޮކޮށް ހިތިކަމަށްވާނީ ތިމާގެ ނަފުސަށް ހެޔޮކޮށް ހިތާ ފަދައިން އަނެކާއަށް ހެޔޮކޮށް ހިތުމުންކަން މިއާޔަތުން ދަލީލުކޮށްދެ އެވެ. ހަމައެކަނި ނުކައިނުބޮއި ހުރުމުން ރޯދަހިފީކަމަށް ނުވާނެކަމަށާއި، ރޯދައަކަށްވާނީ ނެތިމޮށުމާއި ހަޑިހުތުރު ބަސްބަހުން ވާހަކަދެއްކުންވެސް ދޫކޮށްލީމާކަމަށް މާތް ނަބިއްޔާގެ އިރުޝާދުފުޅުތައް ހުރީ ވެސް މިމޭރުމުންނެވެ.

މި އިރުޝާދުތަކަކީ ހަމައެކަނި އަޅުކަންތަކަށް ހާއްސަވެގެން އައި އިރުޝާދުތަކެއް ނޫނެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައި ވެ އެވެ. ހަމަކަށަވަރުން ﷲ ލޯބިވެވޮޑިގެންވަނީ ތިޔަބައިމީހުންކުރެ މީހަކު ކަމެއް ކުރަނީނަމަ އެކަމެއް އެންމެ ފުރިހަމަގޮތުގައި ކުރުމަށެވެ. އަލްބަޤަރާ ސޫރަތުގެ 195 ވަނަ އާޔަތުގައި އަންގަވަ އެވެ. ތިޔަބައިމީހުން އިހުސާންތެރިވާށެވެ. ހަމަކަށަވަރުން އިހުސާންތެރިންދެކެ ﷲ ލޯބިވެވޮޑިގެންވެ އެވެ. އިހުސާންތެރިވުމުގެ އެއް މާނައަކީ ކުރާ ކަންތައްތައް ރަނގަޅަށް ކުރުމެވެ.

ބުރިބުރިޔަށް ނަގާފައިވާ އެތައް އިމާރާތްތަކެއް މާގިނަ ދުވަހެއް ނުވެ އިމާރާތުގެ އެތަންމިތަނުން ފެންލީކްވެ ބައެއް ތަންތަން ހަލާކުވަމުންދާ ވާހަކަ ވަރަށް ގިނައިން އަޑުއިވެ އެވެ. ވަރަށް އަގުބޮޑެތި، ފެންވަރު ރަނގަޅު ރެސްޓޯރެންޓްތަކުން ވެސް ސުފުރާ މައްޗަށް ގެންނަ ބައެއް ކެއުންތައް ކާން ނުކުރޭހާ ނުބައި ކަމުގެ ޝަކުވާތަކާއި، ހިދުމަތް ދިނުމުގައި ފަރުވާކުޑަކަމުގެ ޝަކުވާ ކުރާ އަޑު އިވެނީވެސް މަދެއްކޮށެއް ނޫނެވެ. ހޮސްޕިޓަލްތަކުގެ ހިދުމަތްތަކާމެދު މީހުން ކުރާ ޝަކުވާ އަދަދެއް ނުކުރެވެ އެވެ. ވަސީލަތް މަދުކަމުގެ ޝަކުވާގެ ވާހަކައެއް ނޫނެވެ. އިހުމާލާއި އަޅާލުންކުޑަކަމުގެ ވާހަކަ އެވެ. މުއްދަތުހަމަވެފައިވާ ތަކެތި ފިހާރަތަކުގެ ހަރުތަކުން ނުނެގި ހުންނަ މަންޒަރު ތަކުރާރުވަމުންދަނީ ވަރަށް ގިނައިންނެވެ. ތައުލީމީ ވަސީލަތްތަކާއި ގޮތްފޮތްތައް އުނގަންނައި ދިނުން އެހާރަށްވުރެ މިހާރު މާ ފުރިހަމަ އެވެ. އެކަމަކު ތައުލީމު ދިނުމުގައި ނުވަތަ ތަރުބިއްޔަތު ވުމުގައި މައްސަލައެއް ނުވާނަމަ މި ބުނެވުނު އެއްވެސް ޝަކުވާއަކަށް ޖާގައެއް ނެތީހެވެ.

އަހަރެމެންގެ ތެރޭގައި ސިޔާސީ މަސައްކަތްވެސް އެބަކުރެވެ އެވެ. ކަމާދާރު ގޮތަކަށް އެކަންކުރެވޭނަމަ، ރައްޔިތުންގެ މޫނުމަތި މިއަދު ފެންނަމުންދާ ގޮތާ ތަފާތުވާނެކަމަށް ފެނެ އެވެ. ވަކި ދާއިރާއެއް ނޫނެވެ. ކަސްރަތު ކުރާން އުޅޭ މީހުން ވިޔަސް އެއް މަސްދުވަހު ގަދަކަސްރަތުގައި އަނެއް މަސްދުވަހު ގަދަނިދީގައި ތިބުމަކީ އާންމު ތަޖުރިބާ އެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓޫރިޒަމްގެ ސިނާއަތުން ފެށިގެން ގޮސް ހަބަރުފެތުރުމާއި ނޫސްވެރިކަމުގައިވެސް ކަމާދާރު ނުވުން އާންމެވެ.

އެހެންވީމާ، މައްސަލަ އުޅޭ ދިމާ އެބަ އެނގޭ ނޫންތޯ އެވެ. އަލްޢައްލާމާ ޑރ ޔޫސުފުލްޤަރަޟާވީ ވިދާޅުވެފައި އޮތީ ރަނގަޅަށެވެ. ގިނަ މީހުން ނުކިޔަނީ އެވެ. ކިޔާ މީހުންނަށް ދޭހަ ނުވަނީ އެވެ. ދޭހަވީ މީހުން އަމަލު ނުކުރަނީ އެވެ. އަދި އަމަލު ކުރި މީހުން ފުރިހަމައަށް އަމަލު ނުކުރަނީ އެވެ.

ވެރިޔާ އެވެ. ޒުވާނާ އެވެ. ވިޔަފާރިވެރިޔާ އެވެ. ތައުލީމު ހާސިލުކުރާ ކުއްޖާ އެވެ. ކުރާ ކަމެއް ކުރަންވީ ދެމެހެއްޓެނިވި ގޮތުގަ އެވެ. އަމަލުން ނުކުންނަ ނަތީޖާގެ އޮއްޓަރާއި ފެންވަރު ހިފަހައްޓަމުންނެވެ. ކުރާ ކަމެއް ކުރާނީ ރަނގަޅަށެވެ. ރަނގަޅަށް ކުރެވޭތޯ އަމިއްލަ ނަފުސު އިމްތިހާނުކޮށް، އެ އިމްތިހާނުތަކުން ފާސްވާކަން އަމިއްލައަށް ކަށަވަރުކުރާށެވެ. މޮޅަށް ފުރިހަމައަށެވެ. ބަގީޗާ ބަލަހައްޓާ ކުއްޖާގެ މަސައްކަތުގެ ފެންވަރު ވަޒަންކުރީ އޭނާގެ ވަޒީފާ ނުރައްކަލަށް ހުށަހަޅައިގެންނެވެ. ވަޒީފާއެއް އަދާކުރުމަށްވުރެ އޭނާއަށް މުހިންމުވީ އެ ވަޒީފާ ރަނގަޅަށް އަދާކުރުމާއި، ރަނގަޅަށް ކުރެވޭކަން ކަށަވަރު ކުރުމެވެ. އަހަރުމެންގެ މަސައްކަތުގެ ފެންވަރު ބަހައްޓަންވީ އެ ފަންތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox